18 މާޗް 2022 - 15:08

މޮސްކޯ (މާޗް 18) - ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން އަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ކުރެއްވި ފޯން ކޯލްގައި ހަނގުރާމަ ހުއްޓާލުމަށް ޝަރުތުތަކެއް ކަނޑައަޅާފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.
ފޯން ކޯލަށް ފަހު އުރުދުޣާންގެ އެޑްވައިޒަރު އަދި ތަރުޖަމާން އިބްރާހިމް ކާލިންއާ ހަވާލާދީ ބުނެފައި ވަނީ ޕުޓިންގެ ފަރާތުން ހަތަރު ޝަރުތެއް ހުށަހެޅި ކަމަށެވެ. ކާލިން ވަނީ ފޯން ކޯލް އެއްކޮށް އަޑު އައްސަވައިފަ އެވެ.
ޕުޓިންގެ ފުރަތަމަ ޝަރުތަކަކީ ޔުކްރޭނަކީ ވަކިކޮޅަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައި އޮތުމެވެ. އަދި ނޭޓޯގައި ބައިވެރިވާން މަސައްކަތް ނުކުރުމެވެ. ޔުކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ މިހާރު ވަނީ ނޭޓޯގައި ބައިވެރިވުމުގެ ޚިޔާލު ދޫކޮށްލައްވައިފަ އެވެ.
އަނެއް ޝަރުތަކީ ރަޝިޔާ އަށް ބިރަކަށް ނުވާވަރަށް ޔުކްރޭނުން ހަތިޔާރު ނައްތާލުމެވެ. އަދި ރަޝިޔާގެ ބަސް ޔުކްރޭނުގައި ހިމާޔަތް ކުރުމާއި ޑި-ނާޒިފިކޭޝަން ވެސް ވަނީ ޕުޓިންގެ ޝަރުތުތަކުގެ ތެރޭގައި ހިމަނައިފަ އެވެ.
އެކަމަކު ޒެލެންސްކީ އަކީ ވެސް ޔަހޫދީއަކަށްވުމާއި ހޮލޮކާސްޓްގައި އޭނާގެ ތިމާގެ ބައެއް މީހުން މަރުވުމުން މި ޝަރުތާ މެދު ސުވާލު އުފެދެ އެވެ. ނަމަވެސް ތުރުކީން ބުނަނީ މިއީ ވެސް ޒެލެންސްކީ އަށް އުނދަގޫ ކަމަކަށް ނުވާނެ އެވެ.
ތުރުކީން ބުނެފައި ވަނީ ޝަރުތަކަށް އެއްބަސްވުމުގެ ކުރިން ޒެލެންސްކީއާ ސީދާ ސީދާ ބައްދަލު ކުރުމަށް ޕުޓިން ބޭނުންވާ ކަމަށެވެ. ޒެލެންސްކީ ވެސް ވަނީ ޕުޓިންއާ ބައްދަލު ކުރުމަށް ހުށަހަޅުއްވައިފަ އެވެ.