22 ޑިސެމްބަރ 2016 - 05:59

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދުރަ މިދިޔަ ހޯމަ ދުވަހުން ފެށިގެން މުމްބައިގެ ނާނާވަތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އެބަ ގެންދެ އެވެ. އޭނާ އެޑްމިޓްކުރީ ބަނޑާއި މޭގައި ރިއްސާ އުނދަގޫތަކެއް ވާތީ އެވެ.
ދަރުމެންދުރަގެ އާއިލާގެ ބައެއް މެމްބަރުންނާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ އޭނާ ބަލިވެ އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އަދި ގޮހޮރު ފާރުވެގެން ސީރިއަސް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.
ދަރުމެންދުރަ އަށް ފަރުވާކުރާ ޑރ. ވިޝޭޝް އަގަރްވާލް ވިދާޅުވީ ފަރުވާ ދޭން ފެށި ފަހުން ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ބޭހުން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް ދުވަސްކޮޅަކު ހޮސްޕިޓަލުގައި ބާއްވަން ގަސްތުކުރާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.
ދާދި ފަހުން ދަރުމެންދުރަ ވަނީ އޭނާގެ 81 ވަނަ އުފަން ދުވަސް ފާހަގަކޮށްފަ އެވެ. އުފަން ދުވަހުގެ ތަހުނިޔާ ކިިޔައި އަންހެނުން ހެމާ މާލިނީ އާއި އަންހެން ދަރިފުޅު އީޝާ ޑެއޯލް ޓުވީޓް ވެސް ކުރި އެވެ.
ޕަންޖާބުގެ ލޫދިއާނާ ޑިސްޓްރިކްޓްގެ އަވަށެއްގައި ދަރުމެންދުރަ އުފަންވީ 1935 ވަނަ އަހަރު އެވެ. އޭނާ ފިލްމު ކުޅެން ފެށީ 1960 ގައި ނުކުތް "ދިލް ބީ ތޭރާ ހަމް ބީ ތޭރޭ" ކިޔާ ފިލްމަކުންނެވެ. އޭގެ ފަހުން އޭނާ ކުޅުނު "ބަންދިނީ"، "ޕޫލް އައުރު ޕައްތަރު"، "އަނޫޕަމާ"، "ޗުޕްކޭ ޗުޕްކޭ" އަދި "ޝޯލޭ" ފަދަ ފިލްމުތައް ވަރަށް ކާމިޔާބުވި އެވެ.