އުމްރާ އަށް ދާ މީހުންނަށް ފަސޭހައިން ޕާސްޕޯޓަށް ހުށަހެޅޭ ގޮތް ހަމަޖައްސައިދީފި
އުމްރާ އަށް ދާ މީހުންނަށް ފަސޭހައިން ޕާސްޕޯޓަށް ހުށަހެޅޭ ގޮތް ހަމަޖައްސައިދީފި

އުމްރާވެރިންގެ ތެރެއިން ޕާސްޕޯޓް ހައްދަން ބޭނުންވާ މީހުންނަށް ފަސޭހައިން އެކަން ކުރެވޭނެ އިންތިޒާމެއް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހަމަޖައްސައިދީފި އެވެ.

އެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ ރޯދަ މަހު އުމްރާއަށް ދިއުމަށް ގިނަ ބަޔަކު ޕާސްޕޯޓް ހަދަން ހުށަހަޅާ ކަމަށެވެ. އެހެންވެ، އެ މީހުންނަށް ފަސޭހަކޮށްދިނުމަށް ރޯދަ މަސް ނިމެންދެން ހާއްސަ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.

އުމްރާ އަށް ދާ މީހުން، ޕާސްޕޯޓަށް އެދޭ ފޯމު ހުށަހެޅުމަށް ފަހު، ރަސްމީ މަސައްކަތު ގަޑީގައި އެ ކަމަށް ހާއްސަކޮށްފައިވާ ނަމްބަރު، 9199165 އަށް ގުޅުމުން އެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ އިދާރާގެ މީޑިއާ އޮފިޝަލް މިފްތާހު މުހައްމަދު ވިދާޅުވީ، ދަތުރުކުރުމުގައި ލުއިތައް ލިބުމާއި ސްކޫލްގެ މިޑް-ޓާމް ބްރޭކާ ދިމާކޮށް، ޕާސްޕޯޓު އާކުރުމަށް މި ދުވަސްވަރު ވަރަށް ގިނައިން އެދެމުންދާ ކަމަށެވެ. ޕާސްޕޯޓު ދޫކުރުމުގައި ކުރިއަށް ވުރެ ލަސްތަކެއް އުޅެނީ އެ ސަބަބާ ހެދި އެވެ.

ޕާސްޕޯޓަށް ހުށަހެޅުމުން މީގެ ކުރިން 1-2 ދުވަސްތެރޭގައި ޕާސްޕޯޓު ލިބެ އެވެ.

މިފްތާހު ވިދާޅުވިގޮތުގައި، އުމްރާ އަށް ދާ މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅައި 9199165 އަށް ގުޅުމުން ވަގުތުން އެ މީހެއްގެ ފޯމު ޕްރޮސެސްކުރާނެ އެވެ.

ފޯމުގައި މައްސަލައެއް ހުރި ނަމަ، އިމިގްރޭޝަނުން ގުޅައި ރަނގަޅު ކުރަންވީ ކަންކަން ކިޔައިދޭނެ އެވެ. އެ މައުލޫމާތުތައް ރަނގަޅުކޮށް ހުށަހަޅައިފި ނަމަ އެއް ދުވަސްތެރޭގައި ޕާސްޕޯޓު ލިބޭނެ އެވެ.

"ފޯމުގައި މައްސަލައެއް ހުއްޓަސް މީގެ ކުރިން ގުޅާފައި ނުބުނާނެ. ފޯމު ރިޖެކްޓްވީމާ އެ މީހެއްގެ ފޯނަށް މެސެޖެއް ދާނީ،" މިފްތާހު ވިދާޅުވި އެވެ.

ޕާސްޕޯޓު ނެގުމަށް ވެސް، އުމްރާއަށް ދާ މީހުންނަށް ހާއްސަ ނަމްބަރެއް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.