17 މާޗް 2022 - 11:51

ޔޫކްރޭންގެ ވެރިރަށް ކިޔޭވް ދިފާއުކުރުމަށް އެ ގައުމުގެ ސިފައިން ތައްޔާރުކޮށްފައިވާ އަނދަވަޅުތަކުގައި ރަޝިޔާގެ އެއްގަމު ލަޝްކަރުގެ ސިފައިން ތާށިވެ، ކިޔޭވް ހިފުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅިއްޖެ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭންގެ މައި ސަހަރުތަކަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހު، އެއްގަމު ލަޝްކަރުތައް ޔޫކްރޭނަށް އަރައިގަތުމާއެކު، ޔޫކްރޭން ސިފައިންނާއި އާންމުން އެންމެ ބޮޑު އިސްކަމެއް ދިނީ، ރަޝިޔާގެ އެއްގަމު ލަޝްކަރުގެ ސިފައިން ކިޔޭވް އަށް ވަނަ ނުދީ ހިފެހެއްޓުމަށެވެ. އެގޮތުން ކިޔޭވް އަށް ވަދެވެން ހުރި މައި މަގުތަކުގައި ބޮޑެތި ދަގަނޑު ހުރަސްތައް ބެހެއްޓުމުގެ އިތުރުން، ކޯރުތައް ހުރަސްކޮށް ކިޔޭވް އަށް ވަދެވެން ހުރި ބްރިޖްތަކާއި ފާލަންތައް ގޮއްވައިލި އެވެ.
އޭގެ އިތުރުން ޔޫކްރޭންގެ ސިފައިންނާއި އާންމުން ވަނީ ޖަންގަލިތަކުންނާއި ދަނޑުބިންތަކުގެ ތެރެއިން ކިޔޭވް އަށް ދެވެން އޮންނަ މަގުތައް ފުންކޮށް ކޮނެ، އަނދަވަޅުތަކެއް ހަދައި، އޭގެ ތެރެއިން ބައެއް ވަޅުގަނޑުތަކަށް ޗަކަ އަޅައި އޭގެ މަތިން ވިނަ އަޅާއި އޮޅުވާލައިފަ އެވެ. މައި މަގުތަކުގައި ދަގަނޑު ހުރަސްތައް ބަހައްޓާފައި ހުރުމުން، ރަޝިޔާގެ އެއްގަމު ސިފައިން ކިޔޭވްއަށް ވަންނަން ދިމާކުރީ ޖަންގަލިތަކުގެ ތެރެއިންނެވެ.
ނަމަވެސް ޖަންގަލިތަކުން ކިޔޭވް އަށް ދަތުރު ކުރި، ރަޝިޔާގެ ގިނަ ޓޭންކުތަކެއް މިހާރު ވަނީ ޔޫކްރޭން ސިފައިން ކޮނެފައި ހުރި ޗަކަ އަނދަވަޅުތަކަށް ވެއްޓި އެ ތަނުން އެރޭނެ ގޮތެއް ނެތި ތާށިވެފަ އެވެ. ހަނގުރާމަ ފެށިތާ ތިން ވަނަ ދުވަހުގެ ތެރޭގައި، ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ރަޝިޔާގެ އެއްގަމު ސިފައިންގެ ބޮޑު ލަޝްކަރެއް، ބެލަރޫސްގެ ތެރެއިން ޔޫކްރޭނަށް ފޮނުވި އެވެ.
ޔޫކްރޭންގެ މަގުތަކުން ކިޔޭވް އަށް އެ ފައުޖު ދަތުރުކުރި އިރު 64 ކިލޯމީޓަރުގެ ދިގު ސަރަހައްދަކަށް އެ ލަޝްކަރު އޮތީ ދެމިފަ އެވެ. މި ފައުޖުގައި ގިނަ އަދަދެއްގެ ޓޭންކާއި ބަރު ހަތިޔާރުގެ އިތުރުން މީހުން ދަތުރުކުރާ އުޅަނދުތައް ވެސް ހިމެނެ އެވެ.
ނަމަވެސް ވަކި ހިސާބަކަށް ދަތުރުކުރުމަށް ފަހު، ކިޔޭވްގެ މައި މަގުތައް ބަންދުކޮށް ބްރިޖްތައް ގޮއްވާލާފައި ހުރުމުން، ރަޝިޔާގެ ލަޝްކަރަށް ކިޔޭވްއަށް ވަދެވޭގޮތް ނުވީ އެވެ. އޭގެ އިތުރުން، ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުން ދޭ ވަރުގަދަ ހަމަލާތަކުގެ ސަބަބުން، ޔޫކްރޭންގެ ވައިގެ ސަރަހައްދު އަދިވެސް ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް ނުގެނެވޭތީ، އެއްގަމު ސިފައިންގެ ހަރަކާތްތައް ވަނީ މަޑުޖައްސާލަން ޖެހިފަ އެވެ.
ރަޝިޔާގެ އެއްގަމު ސިފައިންގެ ލަޝްކަރުގައި ހިމެނޭ ޓޭންކުތަކުގެ ތެރެއިން ވަރަށް ގިނަ ޓޭންކުތަކެއް ވަނީ، ޔޫކްރޭން ސިފައިން ދިން ޑްރޯން ހަމަލާތަކުގައި ހަލާކުކޮށްލައިފަ އެވެ. ރައްދުގައި ރަޝިޔާ ސިފައިން ހަމަލާ ދެމުން ދަނީ ކްރޫޒް މިސައިލުންނާއި ބެލިސްޓިކް މިސައިލުންނެވެ. ނަމަވެސް އެއްގަމު މަގުން ކިޔޭވްގައި ފައިތިލަ ސާބިތުކުރުމުގައި ރަޝިޔާ ސިފައިންނަށް އެއްވެސް ކުރިއެރުމެއް ނުލިބެ އެވެ.
ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ރަޝިޔާ އިން ފޮނުވި އެއްގަމު ސިފައިންގެ ލަޝްކަރަށް، ޔޫކްރޭން ސިފައިންގެ ފަރާތުން ބޮޑެތި ގެއްލުންތަކެއް ލިބި، ކުރިއެރުމަށް ދަތިވެފައިވާ އިރު، އެމެރިކާ އިން އިތުރު އަސްކަރީ ސާމާނު ޔޫކްރޭނަށް ދިނުމަށް އިއްޔެ ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި މަތިންދާބޯޓަށް ހަމަލާ ދޭ 800 ސްޓިންގާ މިސައިލާއި، ޓޭންކަށް ހަމަލާ ދޭ 2،000 ޖެވްލިން މިސައިލާއި 100 ޑްރޯން މަތިންދާބޯޓު ހިމެނެ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާގެ މި ހަތިޔާރުތައް ޔޫކްރޭން ސިފައިންނަށް ލިބުމުން، ރަޝިޔާ ސިފައިން ކިޔޭވް ހިފުމަށް ކުރާ ހަނގުރާމަ އިތުރަށް ވަރުގަދަ ވެގެންދާނެ އެވެ. ރަޝިޔާ އިން ބުނާ ގޮތުގައި ޔޫކްރޭން ހިފައި އެ ގައުމުގެ އަޅުވެތިކުރުމުގެ ބަދަލުގައި، ރަޝިޔާ އިން މިހާރު ފަށާފައިވާ އަސްކަރީ ޚާއްސަ ހަރަކާތްތަކުގެ މަގްސަދަކީ ޔޫކްރޭންގެ ހަތިޔާރުތައް ނައްތައިލުމެވެ.
ޔޫކްރޭން ހަނގުރާމަ އަށް މަހެއް ފުރެން ކައިރިވެފައިވާ އިރު، ރެފިއުޖީންގެ ގޮތުގައި އެ ގައުމުން ނުކުތް މީހުންގެ އަދަދު ތިން މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ. އޭގެ ތެރެއިން 1.8 މިލިއަން ރެފިއުޖީން ދިޔައީ އަވައްޓެރި ޕޮލެންޑަށެވެ.
އޭގެ އިތުރުން ވެސް އެތައް ލައްކަ ބަޔަކު މިހާރު ވެސް ދަނީ، ޔޫކްރޭން ދޫކޮށް އެ ގައުމުން ބޭރުވެވޭތޯ މަސައްކަތް ކުރަމުންނެވެ.