ހެއިލީ ބީބާ އަށް ސްޓްރޯކެއް ޖެހިއްޖެ
ހެއިލީ ބީބާ އަށް ސްޓްރޯކެއް ޖެހިއްޖެ

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އަންހެނުން ހެއިލީ ބީބާ އަށް ސްޓްރޯކެއް ޖެހިއްޖެ އެވެ.

އުމުރުން 25 އަހަރުގެ ހެއިލީގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެގެން ދާދިފަހުން އޭނާ ވަނީ ސާޖަރީއެއް ވެސް ހަދައިފަ އެވެ. މިދިޔަ ހަފުތާ ބަންދުގައި ސާޖަރީ ހެދުމަށް ފަހު އޭނާ ގެއަށް ބަދަލުވެފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

ހެއިލީ ބުނި ގޮތުގައި އޭނާގެ ސިކުނޑީގައި ލޭގަނޑުވުމާ ގުޅިގެން އޭނާ އަށް ވަނީ ސްޓްރޯކެއް ޖެހިފަ އެވެ. ނަމަވެސް އެއީ ކުޑަ ސްޓްރޯކެއް ކަމަށާއި މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުންޏެވެ.

އެހާ ޅަ އުމުރުގައި ހެއިލީ އަށް ސްޓްރޯކު ޖެހުމުން އޭނާގެ ޑޮކްޓަރުން ތިބީ ވަރަށް ކަންބޮޑުވެފަ އެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި ސްޓްރޯކް ޖެހޭ މީހުންގެ ތެރެއިން 50 އަހަރުން ދަށުގެ މީހުންނަށް ސްޓްރޯކު ޖެހެނީ ވަރަށް މަދުންނެވެ. އެއީ ސްޓްރޯކު ޖެހޭ މީހުންގެ 10 ޕަސެންޓަށްވުރެ ދަށް އަދަދެކެވެ. އަދި ބާކީ ސްޓްރޯކު ޖެހޭ އެންމެނަކީ ވެސް 50 އަހަރުން މަތީގެ މީހުންނެވެ.