ތެޅީ ތަނބެއް ނޫން، ސްޓްރަކްޗާ އަށް ގެއްލުމެއް ނުވާނެ: އެޗްޑީސީ
ތެޅީ ތަނބެއް ނޫން، ސްޓްރަކްޗާ އަށް ގެއްލުމެއް ނުވާނެ: އެޗްޑީސީ

ހިޔާގެ ޓަވަރެއްގެ ކޮމާޝަލް ޔުނިޓެއްގެ ތަނބެއް މިދިޔަ ހަފުތާގައި ތަޅައިލި ކަމަށް ބުނެ އެ މައްސަލަ މީޑިއާގައި ފެންމަތިވި ނަމަވެސް އެއީ ތަނބެއް ނޫން ކަމަށާއި އެ ކަމުގެ ސަބަބުން އިމާރާތުގެ ސްޓްރަކްޗާ އަށް އެއްވެސް ގެއްލުމެއް ލިބިފައި ނެތް ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯއަކުން ފެންނަނީ ވިޔަފާރީގެ ބޭނުމަށް ދޫކޮށްފައިވާ ޔުނިޓެއްގެ މަސައްކަތްކުރާ ބަޔަކު އެ ތަނުގެ ދޮރުގެ ކައިރިން ތަނެއް ތަޅާލަމުންދާ މަންޒަރެވެ. ފޮޓޯ އާންމުކުރިއިރު ވެސް އެ ފާރުގެ ބައެއް ބުރުމާއެއް ބޭނުންކޮށްގެން އޮތީ ތަޅާލައިފަ އެވެ. ސޯޝަލް މީޑިއާގައި އަޑު ފެތުރު ގޮތުން ނަމަ އެއީ އެ ޔުނިޓުގެ ތަނބެކެވެ.

އެ ފޮޓޯ އާންމުވުމާއެކު، އެޗްޑީސީން ބުނީ އެ ތަނުގެ މަސައްކަތް ވަގުތުން ހުއްޓުވި ކަމަށެވެ. އެހެންވެ، އެކަން ކުރި މީހުންނާ މެދު އެއްވެސް ފިޔަވަޅެއް އެޅިތޯ "މިހާރު" އިން ސުވާލު ކުރުމުން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެތަނުގެ ސްޓްރަކްޗާ އަށް ގެއްލުމެއް ލިބިފައި ނެތް ކަމަށެވެ. އެކަމަކު، އެ މީހުން އެ ތަން ތަޅައިލަން ބޭނުންކުރީ އެޗްޑީސީން މަނާކޮށްފައިވާ "ޓޫލެއް" [އާދައިގެ ބުރުމައެއް] ކަމަށް ވާތީ އެ ބޭނުން ނުކުރަން އެންގި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"...ޓޫލްގެ މައްސަލައިގައި އެ މީހުންނާ ވާހަކަ ދައްކައިގެން އެކަން ހައްލުކޮށްފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި ރިޕޯޓް ލިބުމުން އެޗްޑީސީން ގޮސް ބެލިއިރު ތަޅަމުން ދިޔައީ އެ ޔުނިޓްގެ ދޮރުކައިރިން ތަންކޮޅެކެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ކުރާއިރު، ބަލަންވާ ވަރަށް ނުބަލައި އެ ކަން ކުރާ މައްސަލަ ވަރަށް ބޮޑެވެ. އެކަމަކު އެ ތަންތަން އިންސްޕެކްޓް ނުކުރާ ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރިޔަސް މި ކަހަލަ ބައެއް މައްސަލަތަކުގައި ބައެއް މީހުން ޖޫރިމަނާ ކޮށްފައި އެބަހުއްޓެވެ.

ހިޔާ ފްލެޓްތައް އިމާރާތް ކޮށްފައި ވަނީ 25 ބުރިއަށް ކަމަށް ވާއިރު، އެ ޔުނިޓްތަކުގެ ބެރިތައް ތަޅާލައި، ފާރުކަނޑަމުން ގެންދާ ނަމަ އެފަދަ އުސް އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ވެދާނެ ކަމުގެ ބިރު ބޮޑު ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެކަމަކު ކުރިން ފެންމަތިވި ބައެއް މައްސަލަތަކާ އެކު އެޗްޑީސީން ކުރިން ވެސް ބުނެފައި ވަނީ އެ ޔުނިޓްތަކުގެ މަސައްކަތް ކުރަނީ އިންޖިނޭރުންނާ މަޝްވަރާ ކުރުމަށް ފަހު، އެ މީހުން އަންގާފައިވާ ގޮތަށް ކަމަށެވެ.

ފްލެޓްތަކުގެ ފިނިޝިންގެ އުސޫލުގައިވާ ގޮތުން ހިޔާ ފްލެޓްގެ ސްޓްރަކްޗާއަަށް އެއްވެސް ބަދަލެއް ގެނައުމަކީ މަނާ ކަމެކެވެ. ފްލެޓްގެ އެތެރޭގައި ޕާޓިޝަނެއް ހަރުކުރާ ނަމަ، އިމާރާތުގެ އެތެރޭގެ ވައި ދައުރުވުމަށް ހުރަސް ނޭޅޭ ގޮތަށް އަދި ޓަވަރަށް ލޯޑް ބޮޑުނުވާނެ ގޮތަށް އެކަން ކުރެވިދާނެ ކަމަށް ވެސް އުސޫލުގައިވެ އެވެ. ކޮންކްރީޓް ޝީޓަށް އިސްކޫރެއް ނުވަތަ އެ ޒާތުގެ އެއްވެސް އެއްޗެއް ޖަހާ ނަމަ އެތެރެއަށް އެއް އިންޗިއަށް ވުރެ ފުންކޮށް ތޮރުފުން މަނަލެވެ.

އެ އުސޫލާ ހިލާފުވި ބައެއް މީހުން 10،000ރ. އިން ޖޫރިމަނާ ކޮށްފައި ވެ އެވެ.