21 ޑިސެމްބަރ 2016 - 12:26

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ދިރިއުޅުއްވާ ގެ އަށް ވަޅި ޖަހައި ބިރު ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ރިޔާޒް މިއަދު ވަނީ އެ ގޭ ދޮރަށް ޖަހާފައި ހުރި ވަޅީގެ ފޮޓޯއެއް ޓުވީޓް ކުރައްވައިފަ އެވެ. އެކަމަކު ރިޔާޒް ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރިޔާޒްގެ އެހެން ޓުވީޓެއްގައި ވިދާޅުވީ މިއީ ވަޅިން އޭނާ އަށް ހަމަލާ ދޭން އުޅުނު ފުރަތަމަ ފަހަރު ނޫން ކަމަށެވެ. އެކަމަކު ﷲގެ ރަހްމަތުން ކޮންމެ ފަހަރަކު ވެސް ރައްކާތެރިކަން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ރޭގައި ދެ ފަހަރެއްގެ މަތިން އޭނާ އަށް ހަމަލާ ދޭން އުޅުނެވެ. ނަމަވެސް އެކަމުގެ މާ ބޮޑު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
"ތިހެން ގެދޮރަށް ޖަހާ ވަޅިއަކުން އަޅުގަނޑުމެން ނުސިހޭނެ،" ރިޔާޒްގެ ޓުވީޓެއްގައި ވިދާޅުވި އެވެ.
"ތިހެން ގެދޮރަށް ޖަހާ ވަޅިއަކުން އަޅުގަނޑުމެން ބިރެއް ނުގަންނާނެ،"
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރިޔާޒް ދިރިއުޅުއްވާ ގެއަށް ވަޅި ޖެހި މައްސަލައެއް ހުށަހަޅާފައިވާތީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.