17 މާޗް 2022 - 10:33

ނޮވެމްބަރު މަހު ސްރީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސާ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ބަލިކުރި ބަންގްލަދޭޝްގެ ގައުމީ ސްކޮޑްގައި ހިމެނުނު ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ރާއްޖެއާ ދެކޮޅަށް އަންނަ ހަފުތާގައި ކުޅޭ މެޗަށް އެ ގައުމުގެ ސްކޮޑް އެކުލަވާލައިފި އެވެ.
ބަންގްލަދޭޝްގެ ގައުމީ ޓީމުގެ އާ ކޯޗު ސްޕެއިންގެ ހާވިއޭ ކަބަރޭރާ ވަނީ، މަހިންދަ ރާޖަޕަކްސާ މުބާރާތުގައި ބަންގްލަދޭޝްގެ ސްކޮޑުގައި ހިމެނުނު 12 ކުޅުންތެރިން ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުން ބާކީ ކޮށްފަ އެވެ.
ޑާކާ އަބަހާނީގެ ކޯޗު މާރިއޯ ލެމޯސްގެ އިރުޝާދުގެ ދަށުން މަހިންދަ ރާޖަޕަކްސަ މުބާރާތުގައި ވާދަކޮށް ބަންގްލަދޭޝްއިން ވަނީ 2-1 އިން ރާއްޖެ ބަލިކޮށްފަ އެވެ. އެއީ ސީނިއާ ފުޓުބޯޅައިގައި 18 އަހަރު ތެރޭ ބަންގްލަދޭޝްއިން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ. ލަންކާ މުބާރާތުގެ ކުރިން ބަންގްލަދޭޝްއިން ރާއްޖެ ބަލި ކުރީ 2003 ގައި އަމިއްލަ ގައުމުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި ޕެނަލްޓީ ޖަހައިގެންނެވެ.
ކުރިން ގައުމީ ޓީމަށް ކުޅުނު 10 ކުޅުންތެރިޔަކަށް ކަބާރާ ވަނީ އަލުން ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި ހަ އަހަރު ފަހުން އަލުން ގައުމީ ޓީމުން ޖާގަ ހޯދި ނާސިރުލް އިސްލާމް، 32، ހިމެނެ އެވެ.
ކަބާރާގެ ސްކޮޑުން މުޅިން އަލަށް ޒުވާން ދެ ކުޅުންތެރިޔަކަށް ފުރުސަތު ދީފައިވެ އެވެ. އެއީ 22 އަހަރުގެ ޑިފެންޑަރު އީސާ ފައިސަލް އާއި 21 އަހަރުގެ މިޑްފީލްޑަރު މަރާޒު ހުސައިން އޮޕީ އެވެ.
ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު މާލޭގައި ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ. ބަންގްލަދޭޝްގެ ޓީމު މާލެ އަންނާނީ އަންނަ އަންގާރަ ދުވަހު އެވެ. މިހާތަނަށް ރާއްޖޭގެ ސްކޮޑް އިއުލާންކޮށްފައެއް ނުވެ އެވެ. އެކަމަކު ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ ޕްރެޒިޑެންޓް ކަޕަށް ފަހު އެ މުބާރާތުން ފާހަގަ ކުރެވުނު ކުޅުންތެރިންނާ އެކު ޓްރޭނިން ސެޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ.