ވެރިކަމާ ހަވާލުވުމުގެ ކުރިން ޔުކްރެއިންގެ ރައީސް ކުޅުނު އެންމެފަހު ސީރީޒް ނެޓްފްލިކްސް އަށް
ވެރިކަމާ ހަވާލުވުމުގެ ކުރިން ޔުކްރެއިންގެ ރައީސް ކުޅުނު އެންމެފަހު ސީރީޒް ނެޓްފްލިކްސް އަށް

ޔުކްރެއިންގެ ރައީސް އަދި ކުރީގެ އެކްޓަރު ވޮލޮޑިމީރް ޒެލެންސްކީ ވެރިކަމާ ހަވާލުވުމުގެ ކުރިން ކުޅުއްވި އެންމެ ފަހު ޓީވީ ސީރީޒް ނެޓްފްލިކްސް އިން އަނެއްކާ ވެސް ސްޓްރީމް ކުރަން ފަށައިފި އެވެ.

ކޮމެޑީ ސީރީޒެއް ކަމަށްވާ "ސާވަންޓް އޮފް ދަ ޕީޕަލް" އަކީ 2015 އިން ފެށިގެން 2019 ގެ ނިޔަލަށް ޔުކްރެއިންގައި ދެއްކި ސީރީޒެކެވެ. މީގެ ކުރިން، 2017 އިން ފެށިގެން އެ ސީރީޒް ނެޓްފްލިކްސް ސްޓްރީމް ކުރެވުނަސް، މިދިޔަ އަހަރު ވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން އެ ނަގައިފަ އެވެ.

އެ ސީރީޒްގެ ޕްރޮޑަކްޝަން ހުއްޓާލީ 2019 ގައި ޒެލެންސްކީ ރައީސް ކަމަށް ވާދަކުރައްވަން ނިންމެވުމުންނެވެ.

"ސާވަންޓް އޮފް ދަ ޕީޕަލް"ގައި ޒެލެންސީ ކުޅުއްވީ ޓީޗަރެއްގެ ރޯލެވެ. ކޮރަޕްޝަނާ ބެހޭ ގޮތުން އެ ޓީޗަރު ދައްކާ ވާހަކަ ސޯޝަލް މީޑިއާގައި ވައިރަލްވެ، ފަހުން އޭނާ އަށް ޔުކްރެއިންގެ ރައީސް ކަން ލިބެ އެވެ.

ނެޓްފްލިކްސް އިން އެ ސީރީޒް އަނެއްކާ ވެސް ބެލޭ ގޮތް ހެދީ، ރަޝިއާ އިން މިހާރު ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ޒެލެންސްކީ އޭނާގެ ގައުމުގެ ދިފާއުގައި ދައްކަވާ ހިތްވަރަށް ގިނަ ބަޔަކު ތައުރީފުކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.