ވަގަށް ކައިވެނިކުރި ގޮތް ނުވަ އަހަރު ފަހުން އަމްރިތާ ކިޔައިދީފި
ވަގަށް ކައިވެނިކުރި ގޮތް ނުވަ އަހަރު ފަހުން އަމްރިތާ ކިޔައިދީފި

ބޮލީވުޑްގައި މަސައްކަތްކުރި އަމްރިތާ ރާއޯ އާއި އޭނާގެ ފިރިމީހާ އާރްޖޭ އަންމޯލް މީގެ ނުވަ އަހަރު ކުރިން ކައިވެނިކުރީ ފޭނުންނަށް ސިއްރުން ވަގަށެވެ. ބަޔަކަށް އެކަން ރޭކާނުލާހާ ވެސް ވަގަށް އެމީހުން ކައިވެނިކުރިއިރު، ކައިވެނީގެ ފޮޓޯއެއް ވެސް ހިއްސާ ކުރީ ނުވަ އަހަރު ފަހުން ކަމަށްވެ އެވެ.

ވަގަށް ކައިވެނިކުރި ގޮތް ނުވަ އަހަރު ފަހުން އަމްރިތާ ކިޔައިދީފި
ވަގަށް ކައިވެނިކުރި ގޮތް ނުވަ އަހަރު ފަހުން އަމްރިތާ ކިޔައިދީފި

"މެއި ހޫ ނާ" އަދި "ވިވާ" ފަދަ މަޝްހޫރު ފިލްމުތަކުން ފެނުނު އަމްރިތާ އާއި އަންމޯލްގެ ކައިވެނީގެ ފޮޓޯތަކެއް އެމީހުން ހިއްސާކުރީ އެމީހުންގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށެވެ. "ވިވާ" ގެ ނަމުގައި އާންމުކުރި އެ ވީޑިއޯގައި އެމީހުންގެ "ސީކްރެޓް ވެޑިން" ގެ ހުރިހާ މައުލޫމާތެއް ހިއްސާކުރި އެވެ.

އެ 25 މިނެޓާއި 30 ސިކުންތުގެ ވީޑިއޯގައި އަމްރިތާ އާއި އޭނާގެ ފިރިމީހާ ބުނީ، މުމްބާއީގައި ކައިވެނިކުރަން އުޅެއްޖެ ނަމަ، އެކަން ސިއްރުނުކުރެވޭނެ ކަން އެމީހުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެހެންވެ ނިންމީ ޕޫނޭގައި ކައިވެނިކުރަން ކަމަށެވެ. އަމްރިތާ ބުނީ އޭނާގެ ބޮޑު ދައިތަގެ ބޮޑު ގެއެއްގެ ޕޫނޭގައި ހުންނާތީ އެތަނުގައި އެންމެނަށް ހަމަޖެހިލައިގެން އުޅެވޭނެތީ އެކަން ކުރީ ކަމަށެވެ.

އާއިލާގެ މެމްބަރުން ވެސް ވަނީ އެ ކައިވެނި ސިއްރުކުރަން އެމީހުން އުޅުނު ގޮތް ކިޔައިދީފަ އެވެ. އެކަމަކު އެމީހުން ވެސް ބޭނުންވީ ވަރަށް ބޮޑު ހަފްލާއެއް ބާއްވާ ގިނަ ބަޔަކަށް ދައުވަތުދޭށެެވެ. އަމްރިތާގެ ނިންމުމަށް އިހުތިރާމުކުރުމަށް އެއްވެސް މީހެއް ކައިރީ ގޭގައި ކައިވެންޏެއް އޮތް ވާހަކަ ވެސް ނުބުނާ ކަމަށް ކިޔައިދިނެވެ.

އަމްރިތާގެ ކޮއްކޮ އަދި ޓީވީ ތަރި ޕްރީތިކާ ރާއޯ ވެސް ވަނީ މަސައްކަތުން ޗުއްޓީ ހޯދަން އޭނާ އުޅުނު ގޮތް ބުނެދީފަ އެވެ. އޭރު ކަލާސް ޓީވީގެ ޝޯއެއްގައި އޭނާ އުޅުނުއިރު ދައްތަގެ ކައިވެންޏަށް ޗުއްޓީ ހޯދީ މޮރީޝަސްގައި އޮތް ކޮއްކޮއެއްގެ ކައިވެންޏަށް ދާން ކަމަށް ބުނެ އެވެ. ޕްރޮޑިއުސަރު ނުފޮނުވާން އުޅުމުން އެއީ އޭނާ އަމިއްލަ ކައިވެންޏަށް ދިއުންހާ މުހިންމު ކަމެއްގެ ގޮތުގައި ވިސްނައިދޭން އުޅުނު ކަމަށް ވެސް ބުންޏެވެ.

އެ ސިއްރު ހިފެހެއްޓުމަށް އެމީހުން ދެން ކުރި ކަމަކީ ކައިވެނީގެ ހެދުމާއި މޭކަޕް ކުރަން ވެސް ބަޔަކަށް ހަވާލުނުކުރީ އެވެ. އަމްރިތާ ބުނީ ކައިވެނީގައި ލީ އާދައިގެ ސާޅިއެއް ގަތީ މުމްބާއީގެ ފިހާރައަކުން ކަމަށާއި މޭކަޕް ކުރީ ވެސް އަމިއްލަ އަށް ކަަމަށެެވެ. އަދި އަންމޯލް ވެސް ބުނީ އޭނާ ވެސް ލީ އާދައިގެ އެއްޗެއް ކަމަށާއި އެއީ ދައްތަ ހަދިޔާއަކަށް ދިން އެއްޗަކާއި ފަހުން އާދައިގެ ފިހާރައަކުން ގަތް އެއްޗެއް ކަމަށެވެ. އޭގެ އަގު 2،500 އިންޑިއާ ރުޕީސް އަށް ވެސް ނާރާނެ ކަމަށް ބުންޏެވެ.

އަމްރިތާ ހިއްސާކުރި ވީޑިއޯގައި އޭނާ ބުނީ ކައިވެނިކުރިއިރު އަތުގައި ކުރެހި މެހެންދީގައި އޭނާ މަސައްކަތްކުރި ފިލްމުތަކުގެ ނަންތައް ވެސް ލިޔުނު ކަމަށެވެ.

އުމުރުން 40 އަހަރުގެ އަމްރިތާ އާއި ރޭޑިއޯ ޖާނަލިސްޓް އަންމޯލް ވަނީ އެމީހުންގެ ކައިވެނީގެ އަލްބަމް ވެސް ދައްކާލައިފަ އެވެ. ސިއްރުން ކައިވެނި ކުރިޔަސް، އެދެމަފިރިން އަންނަނީ ސޯޝަލް މީޑިއާގައި އެމީހުންގެ ދިރިއުޅުން ދައްކާލަމުންނެެވެ. އެމީހުންގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ވެސް ލިބިފައިވެ އެވެ.