ރަޝިޔާގެ ގިނަ ހަމަލާތައް މަދަނީ ތަންތަނަށް
ރަޝިޔާގެ ގިނަ ހަމަލާތައް މަދަނީ ތަންތަނަށް

ޔޫކްރޭންގައި ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމައިގެ 20 ވަނަ ދުވަސް އިއްޔެ ނިމުނު އިރު، ރަޝިޔާ ސިފައިންގެ ހަމަލާތައް އިއްޔެ މައިގަނޑު ގޮތެއްގައި އަމާޒުކުރީ ވެރިރަށް ކިޔޭވް އަށާއި ޔޫކްރޭންގެ ދެކުނުގައިވާ ސަރަހައްދުތަކަށެވެ.

ވެރިރަށް ކިޔޭވްގައި ހުރި އާންމުން ދިރިއުޅޭ 16 ބުރީގެ އިމާރާތަކަށް ރަޝިޔާ ސިފައިން ދިން ހަމަލާއެއްގައި މަދުވެގެން ފަސް މީހަކު މަރުވެ އިތުރު އެތައް ބަޔަކު ޒަހަމްވި އެވެ. ރަޝިޔާ ސިފައިންގެ ހަމަލާތައް އިއްޔެ އާދަޔާ ހިލާފަށް ވަރުގަދަވުމާ ގުޅިގެން، ކިޔޭވްގެ މޭޔަރު ވިޓާލީ ކްލިޝްކޯ ވަނީ އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް، އެ ސަހަރުގައި ބޭރަށް ނުކުމެ އުޅުން މަނާކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ، ކިޔޭވްގެ މަގުތަކުން އާންމުން ފެންނަމުންދާ ނަމަ، ރަޝިޔާ ސިފައިންގެ ހަމަލާތައް އިތުރުވެ، އާންމު ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުވެދާނެތީ އެވެ.

ޔޫކްރޭންގެ އިރުއުތުރު ސަހަރެއް ކަމަށްވާ މަރިއުޕޯލްގެ ތެރޭގައި ރަޝިޔާ ސިފައިން ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ސަހަރު ދޫކޮށް ދާން މަސައްކަތްކުރި އާންމުންގެ އެތައް ހާސް ބަޔަކު، އަދިވެސް ތިބީ އެ ސަހަރުން ނުނިކުމެވި ތާށިވެފަ އެވެ. މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެ ސަހަރު އޮތީ ރަޝިޔާ ސިފައިންގެ ހިސޯރުގައި ކަމަށް ވާތީ، ރަޝިޔާ ސިފައިން މަގު އަމާންކޮށްދިނުމުން މެނުވީ، އެ ސަހަރުން ފައިބައިގެން ދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ރަޝިޔާ ސިފައިން އެ ސަހަރު ހިސޯރުކޮށްފައި އޮތުމުން، ބައިނަލްއަގުވާމީ ނޫސްވެރިންނަށް ވެސް އެ ސަހަރަށް ނުވަދެވޭތީ، އެ ސަހަރުގެ ތެރޭގެ އާންމު ހާލަތު ހުރި ގޮތެއް މިހާރު ނޭނގެ އެވެ. ރަޝިޔާ ސިފައިން އެންމެ ފުރަތަމަ އެ ސަހަރަށް ދޭން ފެށި ހަމަލާތަކާ އެކު، އެ ސަހަރުގެ ކަރަންޓު ވިއުގަ އާއި ބޯފެން ރައްކާކުރާ ތާނގީތައް ހަލާކުވެފައިވާތީ، އެ ސަހަރުގެ މީހުން ކަރަންޓާއި ބޯފެނުން މަހުރޫމްވެފައިވާ ކަމަށް އެ ސަހަރުގެ މޭޔަރު ކުރިން ވިދާޅުވެފައިވެ އެވެ.

ނަމަވެސް އެ ސަހަރުން އާންމުން ނުކުތުމަށް، ރަޝިޔާ ސިފައިން އިއްޔެ އަމާންކޮށްދިން މަގުން، 20،000 މީހުން ނުކުތް ކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި އެވެ. އަދި އޭގެ ކުރީ ދުވަހު ރަޝިޔާ ސިފައިން އަމާންކޮށްދިން މަގުން ނުކުތުމަށް ރަޝިޔާ ސިފައިން ހުއްދަ ދިނީ، އާންމުންގެ އެންމެ 160 އުޅަނދަށެވެ.

އިއްޔެ އާއި ރޭ ދިން ވަރުގަދަ ހަމަލާތަކަށް ފަހު، ޚަރްކީވް ސަހަރު ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށް، ރަޝިޔާގެ އަސްކަރިއްޔާ އިން މިއަދު ބުންޏެވެ. ނަމަވެސް، އެ ސަހަރުން ލިބޭ ހަބަރުތައް ބުނާ ގޮތުން، މިއަދު ވެސް އެ ސަހަރުގެ އެކި ސަރަހައްދުތަކުގައި ވަރަށް ވަރުގަދަ އަށް ބަޑީގެ ހަމަލާތައް ދަނީ ބަދަލުކުރަމުންނެވެ.