ހަނގުރާމައިން އެނގެނީ ރަޝިޔާ ސިފައިންގެ ބަލިކަށިކަން: ޖެނެރަލް ޕެޓްރޯސް
ހަނގުރާމައިން އެނގެނީ ރަޝިޔާ ސިފައިންގެ ބަލިކަށިކަން: ޖެނެރަލް ޕެޓްރޯސް

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިން މިހާރު ކުރަމުންދާ ހަނގުރާމައިގެ ހާލަތުން ދައްކައިދެނީ، ރަޝިޔާ ސިފައިންގެ ބަލިކަށިކަން ކަމަށް، އެމެރިކާގެ ކުރީގެ ޖެނެރަލް ޑޭވިޑް ޕެޓްރޯސް ވިދާޅުވެއްޖެ އެވެ.

އިރާގާއި އަފްގާނިސްތާނުގައި އެމެރިކާ ސިފައިން ކުރި ހަނގުރާމައިގައި ކޮމާންޑަރެއްގެ ގޮތުގައި ހުންނެވި ޖެނެރަލް ޕެޓްރޯސް، ސީއެންއެން އަށް ވިދާޅުވީ ރަޝިޔާ ސިފައިން ޔޫކްރޭންގައި ކުރިމަތިލާން ޖެހިފައިވަނީ، އާދަޔާ ހިލާފަށް އަޒުމް ވަރުގަދަ އަދި އެހާމެ އީޖާދީ އަދި ގާބިލް އަސްކަރިއްޔާއަކާ ކަމަށެވެ. އަދި އެ ލަޝްކަރު އޮތީ އަމިއްލަ ގައުމުގެ ހިމާޔަތަށްޓަކައި ހަނގުރާމަކުރުމަށް ތައްޔާރަށް ކަމަށް ވެސް ޖެނެރަލް ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ރަޝިޔާ ސިފައިންގެ ފަރާތުން ފެންނަނީ ރޭވުން ބޮއްސުންލައި، އިތުބާރު ނުހިފޭ ޖާސޫސީ މައުލޫމާތުތަކެއްގެ މައްޗަށް މާބޮޑަށް ބަރޯސާވުމުން ނުކުންނާނެ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ޔޫކްރޭން ސިފައިންނާއި ރައްޔިތުންގެ ބާރު ހުރި މިންވަރު ރަނގަޅަށް އަންދާޒާ ނުކުރެވުމާއި، އަސްކަރީ ސާމާނުތައް ރަނގަޅަށް މަރާމާތުކޮށް ނުބެލެހެއްޓުމާއި މުސްކުޅިވެފައި ހުރި ހަތިޔާރުން ހަނގުރާމަ ކުރުމުގެ ނަތީޖާ ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖެނެރަލް ޕެޓްރޯސް ވިދާޅުވި ގޮތުގައި ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމާއި އެ ސަހަރު ކޮންޓްރޯލް ކޮށްގެން ތިބުމުގެ ގާބިލުކަން ރަޝިޔާ ސިފައިންގެ ކިބައިގައި ހުރިކަމާ މެދު ޔަގީންކަމެއް ނެތެވެ. އަދި އާންމުން ދިރިއުޅޭ ސަރަހައްދެއްގައި ހަނގުރާމަ ކުރަން ޖެހިއްޖެ ނަމަ، ގިނަ ފަހަރަށް ކުރި ލިބެނީ، އެ ސަރަހައްދެއްގެ އަސްލު ވަޒަންވެރިންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، ރަޝިޔާ ސިފައިންނަކީ ހަނގުރާމަތަކުގައި މަދަނީ އަމާޒުތަކަށް ހަމަލާދީ އާންމުން ދިރިއުޅޭ ތަންތަނަށް ބޮޑެތި ގެއްލުންތައް ދިނުމުގެ ދިގު ތާރީހެއް އޮތް ބައެކެވެ. އަދި ހަނގުރާމަ ކުރާ ސަރަހައްދެއް ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންދިއުމަށްޓަކައި، އެ ތަނެއްގެ މަދަނީ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދޭ ކަމަށް ވެސް ޖެނެރަލް ވިދާޅުވި އެވެ.

ޔޫކްރޭންގައި ރަޝިޔާ ސިފައިންނަށް ކުރިއެރުން ލިބެމުންދާ މިންވަރާ މެދު ސިހުމެއް ގެނުވިތޯ ސުވާލު ކުރުމުން ޖެނެރަލް ޕެޓްރޯސް ވިދާޅުވީ ޔޫކްރޭން ސިފައިންގެ އަޒުމާ ހިތްވަރު ފެނުމުން، އެފަދަ ސިހުމެއް ނުލިބޭ ކަމަށެވެ. ޔޫކްރޭން ސިފައިންނާއި ރައްޔިތުން ތިބީ ރަޝިޔާ ސިފައިންގެ މަގްސަދު ހާސިލުވިޔަ ނުދޭން އަޒުމް ކަނޑައަޅައިގެން ކަމަށާއި އެމީހުން ހަނގުރާމަ ކުރަމުން ދަނީ އަމިއްލަ ގައުމުގެ ހިމާޔަތުގައި، އެމީހުންގެ ދިރިއުޅުން ރައްކާތެރިކޮށް ދެމެހެއްޓުމުގެ އަޒުމްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.