16 މާޗް 2022 - 11:25

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓުވަން ބޭނުން ނަމަ، ނޭޓޯގައި ބައިވެރިނުވާނެކަން ޔޫކްރޭނުން ގަބޫލުކުރަންޖެހޭނެ ކަމަށް، އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ރައީސް ޒެލެންސްކީ މި މޭރުމުން ވާހަކަ ދެއްކެވި އިރު، ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ރަޝިޔާ އިން ބަހަނާއަކަށް ދެއްކީ، ނޭޓޯގެ މެމްބަރުކަން ހޯދުމަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތެވެ. ނޭޓޯގެ މެމްބަރަކަށް ޔޫކްރޭން ވުމަކީ، ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވާ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ރަޝިޔާ ދެކެ އެވެ.
ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމައިގައި ދެ ފަރާތަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ވީއެންމެ އަވަހަކަށް ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން، ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ފަށާފައިވާ ސުލްހައިގެ ވާހަކަތައް އިއްޔެ ވެސް ވީޑިއޯ ލިންކް މެދުވެރިކޮށް ކުރިއަށް ދިޔަ އެވެ. މަޝްވަރާތަކުގެ ފަސް ބައްދަލުވުމެއް މިހާތަނަށް ބާއްވާފައިވާ އިރު، އެކަށީގެންވާ ކުރިއެރުމެއް ނުލިބި، ރަޝިޔާގެ ހަމަލާތައް ދަނީ ވަރުގަދަ ވަމުންނެވެ.
ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި ޔޫކްރޭނުން ނޭޓޯއާ ނުގުޅޭނެކަން ގަބޫލުކުރުމުގެ އިތުރުން، ނޭޓޯއާ ގުޅުމުގެ ބަދަލުގައި ޔޫކްރޭންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ އެހެން ގޮތެއް ހޯދުމަށް ވެސް ޔޫކްރޭން ތައްޔާރަށް އޮތްކަން ހާމަކުރަންޖެހެ އެވެ.
"(ނޭޓޯ އަށް ވަނުމުގެ) ދޮރުތައް ހުޅުވިފައި ހުރި ވާހަކަތައް އަޑު އިވޭތާ ކިތަންމެ އަހަރެއްވެއްޖެ. ހަމަ އެގޮތަށް، އަހަރެމެން (ނޭޓޯގައި) ބައިވެރިވެގެން ނުވާނެ ކަމަށް ބުނާ އަޑު އިވޭތާ ވެސް ކިތަންމެ އަހަރެއް ވެއްޖެ. ހަގީގަތަކީ މިއީ، އެކަން އަހަރެމެން އެ ގޮތުގައި ގަބޫލުކުރަންޖެހޭނެ،" ވީޑިއޯ ލިންކްގެ ޒަރީއަ އިން ޔޫކްރޭންގެ އަސްކަރިއްޔާގެ އިސް ޖެނެރަލުންނާ ބައްދަލުކުރައްވަމުން، ރައީސް ޒެލެންސްކީ އިއްޔެ ވިދާޅުވި އެވެ.
"ހުޅުވިފައި ހުރި ދޮރުތަކުން އަހަރެމެންނަށް ނުވަދެވޭ ކަމަށްވާ ނަމަ، އަހަރެމެންނަށް އެހީތެރިވެދޭނެ އަދި އަހަރެމެން ހިމާޔަތްކޮށްދީ އަހަރެމެންނަށް އެ ބަޔަކާ އެކުގައި އުޅެވޭނެ ބަޔަކާ އެއްބާރުލައިގެން އުޅުން ނޫން ގޮތެއް ނެތް."
ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރއަށް ލައްކައަކަށް ވުރެ ގިނަ ސިފައިންނާއި ބަރު ހަތިޔާރު ޖަމާކޮށް ހަނގުރާ ފެށުމުގެ ކުރިން ރަޝިޔާ އިން ތަކުރާރުން ޔޫކްރޭންގައި އެދެމުން އައީ، އެ ގައުމު ނޭޓޯގައި ބައިވެރިނުވާނެ ކަމުގެ ޔަގީންކަން ދިނުމަށެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކުން ބުނަމުން އަންނަނީ، ނޭޓޯގައި ބައިވެރިވުމަށް އެދި ހުށަހެޅުމަކީ ކޮންމެ ގައުމަކަށް ވެސް ލިބިގެންވާ ސިޔާދަތީ ހައްގެއް ކަމަށެވެ.
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުން ދާ ހަނގުރާމައިގައި، ރަޝިޔާ އުންމީދުކުރި ވަރުގެ ކުރިއެރުމެއް ނުލިބި ހަނގުރާމަ ދިގުލައިގެން ދާއިރު، ރަޝިޔާ ސިފައިން އަމާންދީ ހަތިޔާރު ބެހެއްޓުމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވަނީ ގޮވާލައްވައިފަ އެވެ.