16 މާޗް 2022 - 07:43

އާދިއްތަ ދުވަހާ ގުޅޭ
"ފްރީވީމަ ގުޅާލަފާނަން؟" ޖަނާން ލިޔެފައި އޮތެވެ. "ޕްލީޒް!"
އެއީ ވާ ގޮތެކެވެ. މީހެއް މަތިން ތިމާ ހަނދާންވެއްޖެ ނަމަ، އެ ވަގުތު އެ މީހާ ވެސް ތިމާ މަތިން ހަނދާންކުރަނީއެވެ. މީޒާ ވަގުތުން ޖަނާނަށް ގުޅައިލުމަށް ޓަކައި ޖަނާންގެ ނަމުގައި އިނގިލި ޖައްސައިލިއެވެ. ދެން ހިތަށްއެރިއެވެ. އެހާ އަވަހަށް ގުޅައިފި ނަމަ އެ ދެވެނީ ނުބައި މެސެޖެކެވެ. ލަސްކޮށްލާނީއެވެ. މީޒާ ފޯނު ބޭއްވިއެވެ. ޖަނާން ބުނަފާނެ އެއްޗަކާ މެދު ވިސްނައިލިއެވެ. އަހައިފާނެ އެކި ސުވާލަށް ދޭނެ އެކި ޖަވާބު ތައްޔާރުކުރިއެވެ. ހިތުގައި އެކި ސުވާލު އުފެއްދިއެވެ. ޖަނާން ހުރީ ކޮން ތާކު ހެއްޔެވެ؟ ގާތުގައި މެހެރީން ނެތީ ހެއްޔެވެ؟ ކައިވެނިކުރިތާ އަހަރެއް ނުވެއެވެ. އެހާ އަވަހަށް މެހެރީނަށް ކެހިދެނީ ހެއްޔެވެ؟ އެއް ފުޅަށް މަތިން ފުންމައިލި ބަކަރި ހަމަ އަނެއް ފުޅަށް މަތިން ވެސް ފުންމައިލާނެ ހެއްޔެވެ؟ އެ ހުރިހައި ކަމެއް އެނގި ހުރެ، އެ ކަހަލަ މީހަކާ މީޒާ އަނެއްކާ ގުޅެންވީ ހެއްޔެވެ؟ އޭރުން އަނެއް މެހެރީން ގެންނާނެއެވެ. މީޒާ އެތައް އިރެއް ވަންދެން ވިސްނިއެވެ. ގޮތެއް ނިންމިއެވެ. ފަހަރެއްގައި ވެސް، އަލުން އިންނަން ޖަނާން އަހައިފިއްޔާ ވަރުގަދަ އިމުތިހާނެއް ދޭން ނިންމިއެވެ. މީޒާ ގުޅީ ދެ ގަޑިއެއްހައި އިރު ވިސްނުމަށް ފަހުއެވެ. ހަމަ ގުޅާ އިރަށް ޖަނާން ފޯނު ނެގިއެވެ.
"މަޑުކޮށްލައްޗޭ!" މަޑުމަޑުން ޖަނާން ބުނެލިއެވެ.
މީޒާ ލަފާކުރި ގޮތުގައި ޖަނާން ފޯނު ހިފައިގެން ކޮޓަރިން ނުކުތީއެވެ. މެހެރީންްްްްްްްްްްްްްްްް އެއްޗެއް ބުނިހެން ވެސް މީޒާއަށް ހީވިއެވެ. ޖަނާން ބުނި އެއްޗެއް ނީވެއެވެ.
"އާނ ކީކޭ؟" އިރުކޮޅަކުން ޖަނާން އެހިއެވެ.
"އަހަންނެއްނު ތިހެން އަހަންވީ." މީޒާ ބުންޏެވެ.
ޖަނާން ބުނަން އުޅުނީ ބުނަން އުނދަގޫ އެއްޗެކެވެ. ނުވަތަ ބުނަން ބޭނުން ނުވާ އެއްޗެކެވެ. ޖަނާން އިރުކޮޅެއްވަންދެން ވިސްނިއެވެ. ދެވަނަ ފަހަރު ވެސް ޖުމުލަ ނުފެއްޓިގެން ތިންވަނަ ފަހަރަށް މަސައްކަތްކުރިއެވެ.
"ދެން ހަމަ ހާލުބަލައިލީ!" ޖަނާން ބުންޏެވެ.
"އަހަންނާ އިނދެގެން އުޅުނު އިރު ޖަނާ ތިހާ ފިނޑިއެއް ނުވާނެ،" މީޒާ ވަރަށް ސާބިތުކަމާ އެކުގައި ބުންޏެވެ. "ތީ މީހެއްގެ ފިރިއެއް. އަހަންނަކީ ޖަނާގެ އެކްސް. ފްރީވީމަ ގުޅާލާށޭ، ޕްލީޒޭ ކިޔާފަ ދަންވަރު ޓެކްސްޓެއް ނުކުރާނެ އަހަރެންގެ ހާލުބަލާކަށް. ތީ ޑޮކްޓަރެއް ނޫން. އަހަންނަކީ ޕޭޝަންޓެއް ވެސް ނޫން."
މީޒާ ފޮނުވައިލީ ތޫނު ހަމަލައެކެވެ. ޖަނާންއަކަށް ސަލާމަތެއް ނުވެވުނެވެ.
"އޯކޭ! އަހަރެން ހަމަ ބޭނުންވީ ސޮރީބުނެލަން." ވަރަށް އުނދަގުލުން ޖަނާން ބުންޏެވެ.
"ދެން އެހެންވިއްޔާ ބުނެބަލަ!" މީޒާ ކުރީ އަމުރެކެވެ.
މީޒާ ގާތަށް އައިސްފައިވާ ރުޅި ޖަނާނަށް ވިސްނެއެވެ. އެއީ ހައްގު ރުޅިއެކެވެ. ޖަނާނަށް ކަންތައް ކުރެވުނީ އެހާ ވެސް ގޯސްކޮށެވެ. މެހެރީންގެ ފަށުވި އިސްތަށިގަނޑުގައި ޖަނާން ހައްޔަރުވީއެވެ. ތޫނު ކަޅިރަވައިން ޖަނާންގެ ހިތް ކަތިލެވުނީއެވެ. އަނބިމީހާގެ ހިދުމަތަށް ވުރެ ސިފަ މުހިންމުވީއެވެ. އޯގާތެރިކަމަށް ވުރެ ދަޅައަށް ހެއްލެވުނީއެވެ.
"ސޮރީ!" ޖަނާންގެ ހިތްދަތިކަމަށް ހެކިދިނީ ލަފުޒު އެކަންޏެއް ނޫނެވެ. ރާގު ވެސް މެއެވެ. "ވަރަށް ގިލްޓީ ފީލްވޭ! މީޒާ ބޭނުމިއްޔާ އަލުން މެރީކުރަން ވެސް ބޭނުން."
މީޒާ ބޭނުންވި ދަނޑިވަޅު އައީއެވެ. އެންމެ ސިކުންތެއް ވެސް މީޒާ ބޭކާރުކޮށެއް ނުލައެވެ.
"ރިއަލީ؟" މީޒާ ބުނެލިއެވެ. "މެރީކުރަން ބޭނުން؟ ގިލްޓީ ވެސް ފީލްވޭ؟ އޯކޭ! ހިނގާ މެރީކުރަން. ގޮސް މެހެރީން ގާތުގަ ބުނޭ ތިހިރީ ވަރިކޮށްފައޭ."
މީޒާ ދިނީ ޖަނާން ހިތަށް ވެސް ނާރާ ކަހަލަ ޖަވާބެކެވެ. އެހެން ހަދާކަށް ޖަނާނަކަށް ނުކެރުނެވެ.
"އޭރުން މެހެރީން ކިހާ ދެރަވާނެ؟" ޖަނާން ބުންޏެވެ.
"އަހަރެން ދެރައެއް ނުވާނެ؟" މީޒާ ސުވާލުކުރިއެވެ. "އަހަރުމެންގެ ދެ ކުދިން ވެސް އެބަ ތިއްބޭ. އެކަމަކު ޖަނާ ހަމަ ޓަސްލާފަ އަހަރެން ޑިވޯސްކޮށްލީނު. މިހާރު ހިތަށްއަރާ މަންމަ ދެއްކި ވާހަކަ ގަބޫލުކުރެވުނު ނަމައޭ."
"ކީކޭ މަންމަ ބުނީ؟" ޖަނާން އެހިއެވެ.
މީޒާ ފޯނުކަނޑައިލިއެވެ. ވާންވީ ދެރަކަމެއް ނުވަތަ އުފާކަމެއް މީޒާއަކަށް ނޭނގުނެވެ. ޖަނާން ދެކެ މީޒާ ލޯބިވެއެވެ. އެއީ ބަދަލުކުރެވެން ނެތް ހަގީގަތެކެވެ. އެކަމަކު ލޯތްބަކީ ކޮބައި ހެއްޔެވެ؟ ލޯބިވުން ހެއްޔެވެ؟ ލޯބިލިބުން ހެއްޔެވެ؟ ރޭގަނޑު އެތައް ދަމެއްވަންދެން މީޒާ ވިސްނިއެވެ. މެހެރީން ކުރި ކަންތަކުގެ ބަދަލު އޭނައަށް ދެވިދާނެއެވެ. އަހަރެއް ނުވަނީސް އެ ކައިވެނި ރޫޅައިލެވިދާނެއެވެ. ބަދަލުގައި މީޒާއަށް އުފަލެއް ލިބޭނެ ހެއްޔެވެ؟ ހަމަ އެކަނި ސިފަ ދެކެ ލޯބިވާ ފިރިއެއްގެ ހަރުދަނާކަމަކީ ކޮބައި ހެއްޔެވެ؟ އެ ފަދަ މީހަކާ އެކުގައި ހޭދަކުރާ ހަޔާތެއްގެ އުމުރަކީ ކޮބައި ހެއްޔެވެ؟ އުފަލުގައި އުޅެން ބޭނުން ނަމަ، ލިބޭ ތަޖުރިބާއިން އިބުރަތް ހާސިލުކުރަން ޖެހޭނެއެވެ. ލިބުނު ހިތްވަރުގައި މީޒާ ފޯނު ނެގިއެވެ. ޖަނާންގެ ނަންބަރުގައި ބޮޑުތަޅު އެޅުވުމަށް ޓަކައެވެ. މީޒާގެ އަތުގައި ހިފޭއްޓީ ދެ ދަރިންނެވެ.
ޖެހިގެން އައި ދުވަހު ވެސް ޖަނާން މެސެޖެއް ފޮނުވިއެވެ. ވާހަކަދައްކަން ބޭނުން ވާހަކަ ބުންޏެވެ. އެކަމަކު މީޒާ ދައްކާނެ ވާހަކައެއް ނެތެވެ. މީޒާ ނުވެސް ގުޅައެވެ. ޖަނާން ގުޅައިފިއްޔާ މީޒާ ފޯނު ނަގައެވެ. ދެއްކޭނީ ހަމަ އެކަނި ދަރިންގެ ވާހަކައެވެ. ކުދިންގެ ބައްޕަ ފިޔަވައި ޖަނާނަށް މީޒާ ދޭނެ އެހެން ދަރަޖައެއް ނެތެވެ. ކުދިންނާ ބައްދަލުކުރަން ޖަނާން އާދެއެވެ. ހިތުގެ ޝުއޫރު ބަންޑުންކުރަން މަސައްކަތްކުރެއެވެ. އެ ފުރުސަތެއް މީޒާ ނުދެއެވެ. ހަޔާތުގެ ޑައެރީން ކަނޑާލާ ގަނޑު މީޒާ އަލުން ތަތެއް ނުކުރާނެއެވެ. އެ ގަނޑު ފަތްޖަހައިފައި ރައްކައެއް ވެސް ނުކުރާނެއެވެ.
ލޯގަނޑު ކައިރީގައި ހުއްޓި ހުރެގެން އަމިއްލަ ނަފުސާ މުހާތިބުކޮށް މީޒާ ވާހަކަދެއްކިއެވެ. ހިތްވަރުކުރާށެވެ. މީޒާއަށް ޖަނާން ގެއްލުނީކީ ނޫނެވެ. ޖަނާނަށް މީޒާ ގެއްލުނީއެވެ. ހުރިހައި ދެރައެއް ލިބޭނީ ޖަނާނަށެވެ. އެ ކަހަލަ ފިރިހެނުންނަށް މީޒާ ފަދަ އަންބެއް ހައްގެއް ނޫނެވެ.
"ދަރިފުޅާ" ހަފީޒާގެ އަޑުއިވުނެވެ. "އަވަސްކުރޭ!"
މީޒާ ތައްޔާރުވެގެން ނުކުތެވެ. ހަފީޒާ ބަލަހައްޓައިގެން ހުއްޓެވެ. މަންމަގެ އެ ބެލުމުގައި ފޮރުވިފައިވާ މައިވަންތަ ލޯބި މީޒާއަށް ފާހަގަކުރެވުނެވެ.
"ކިހިނެއްވީ މަންމާ!" މީޒާ ސުވާލުކުރިއެވެ. "ކީއްވެ ތި ވަރަށް ތި ބަލަނީ؟"
"ކަމެއްނުވޭ!" މީޒާގެ ބުރުގާ ރީތިކޮށްލަމުން ހަފީޒާ ބުންޏެވެ. "ދަރިފުޅު ހާދަ ހިކިއްޖޭ! މިހާރު ހީވޭ މި ގެއިން ދިޔަ އިރަށް ވުރެ ވެސް ބޮޑަށް ހިކިހެން. ކަމަކާ ދެރަވެފަތަ ތިހިރީ؟"
މީޒާ ހިނިތުންވެލިއެވެ. ހިކޭކަށް މީޒާ މަސައްކަތެއް ނުކުރެއެވެ. ކަސްރަތެއް ވެސް ނުކުރެއެވެ. ފޮނި އެއްޗެއްސާ ތަންކޮޅެއް ދުރުވީއެވެ. ޗޮކުލެޓާއި، އައިސްކިރިމާ ގުޅިފައިވާ ހަނދާންތަކުން ދުރުވުމަށް ޓަކައެވެ. އޭގެ ސަބަބުން ހަށިގަނޑަށް ބަދަލުތަކެއް އައީއެވެ.
"ދަރިފުޅު ބޭނުން ނޫނިއްޔާ ޕާޓީއަށް ނުދާންވީނު." ހަފީޒާ ބުންޏެވެ.
ހަފީޒާ އެހެން ބުނި ސަބަބު މީޒާއަށް ވިސްނެއެވެ. ޕާޓީއަށް ދައުވަތުދިނީ ޖަނާންގެ ވެސް ރައްޓެއްސެކެވެ. ވީމާ، ޕާޓީގައި ޖަނާން ހުންނާނެއެވެ. މެހެރީން ވެސް ހުރެދާނެއެވެ.
"ހިނގާ ދަމާ! ކޮބާ ދެ ކަޓްލަސް؟" މީޒާ އެހިއެވެ.
ކަންތައް ވެގެންދިޔައީ މީޒާ ހީކުރި ގޮތަށެވެ. ޕާޓީގައި ޖަނާން ހުއްޓެވެ. މެހެރީން ވެސް މެއެވެ. މެހެރީން ވަރުގެކޮޅަށް ނަލަހެދިގެން ހުރި އިރު ޖަނާން ހުރީ ޒާތެއްގެ ޓީޝާޓަކާއި ފަޓުލޫނުބުރިއެއް ލައިގެންނެވެ. އަންނައުނު އިސްތިރިކޮށްފައި ހުރީ ކިހާ ކަންފަސޭހަކޮށްކަން ގައިމު ވެސް މީޒާއަށް އެނގެއެވެ. އެ ވަރަށް މީޒާ ބެލިއެވެ. އެއަށް ވުރެ މާ ބޮޑަށް މީޒާއަށް ޖަނާން ބެލިއެވެ. ޖަނާން ހުރީ ވަރަށް ހެވިފައެވެ. ކުދިން ގާތަށް ޖަނާން އައެވެ. ކުދިން ދެކިލާކަށް ނޫނެވެ. ޖަނާން މަސައްކަތްކުރީ މީޒާ ގާތުގައި އެއްޗެއް ބުނާށެވެ. މީޒާ އެ ފުރުސަތެއް ނުދިނެވެ. މުޅި ޕާޓީ ތެރޭގައި މީޒާ ފަހަތުން ޖަނާން ހިންގީއެވެ. މީޒާއަށް އެ ކަން ވަރަށް މަޖާވިއެވެ. ވަރަށް ގަޔާވިއެވެ.
ރޭގަނޑު ކުދިން ނިންދަވައިފައި މީޒާ ބޮޑުކޮޓަރިއަށް ނުކުތެވެ. ސޯފާގައި އިށީނދެލައިފައި ޓީވީ ހުޅުވައިލިއެވެ. ހަފީޒާ އައިސް މީޒާ ގާތުގައި އިށީނެވެ. ކޮންމެވެސް އެއްޗެއް ބުނަން އުޅެ ނުބުނެވިގެން، ބޭކާރު އެތައް ވާހަކައެއް ހަފީޒާ ދެއްކިއެވެ.
"މަންމަ އަސްލު ކީކޭ ބުނަން ތި އުޅެނީ؟" މީޒާ ސުވާލުކުރިއެވެ.
"ހައްތާ ވެސް ދަރިފުޅު ހިތްހަމަނުޖެހިދާނެތީ މި ވާހަކަ ނުބުނެވިގެން މި އުޅެނީ،" ހަފީޒާ ބުންޏެވެ. "މަންމަގެ ވާހަކަ ނިމެންދެން ދަރިފުޅު މަޑުކުރާތި އިނގޭ. ޖަނާން ގުޅި މަންމައަށް. އޭނަ ބޭނުމޯ މެހެރީން ވަރިކޮށްފަ އަލުން ދަރިފުޅާ އިންނަން."
މީޒާ އިރުކޮޅަކު ހަފީޒާއަށް ބަލަހައްޓައިގެން އިނެވެ. ހަފީޒާ އިތުރު އެއްޗެއް ނުބުންޏެވެ.
"ދެން މަންމަ ބުނީ؟" މީޒާއަށް މުހިންމުވީ އެ ސުވާލެވެ.
"ބުނަން ދަރިފުޅާ ވާހަކައެއް،" މީޒާ ގައިގައި ފިރުމައިލައިފައި ހަފީޒާ ބުންޏެވެ. "ދެ ކުދިން އެބަ ތިބި. މަންމައަށް ފެނޭ އަލުން އޭނަޔާ އިންނަން. ދެން ދަރިފުޅު ބުނާނެ އޭނަ ކުރި ކަންތައް ނުފެނޭހޭ. ދަރިފުޅާ! އެއީ ފިރިހެނުންގެ ވައްތަރޭ. އަޅާނުލީމަ ނިމުނީ."
ތިލަފަތުގެ އެއްކޮޅުގައި މަންމަ ބޭއްވި ވަރުގެ ބުރަދަން ހުރި އެއްޗެއް އަނެއް ކޮޅުގައި ބާއްވަން މީޒާއަށް މަޖުބޫރުވިއެވެ.
"މަންމާ! އަހަރެން މީ މަންމައެއް ނޫން." ވަރަށް ލޯތްބާ އެކުގައި މީޒާ ބުންޏެވެ.
ބުނާނެ އެއްޗެއް ނޭނގިގެން ހަފީޒާ އިސްޖަހައިލިއެވެ.
"ދަރިން ތަރުބިއްޔަތުކުރާނީ މަންމަ. ބައްޕައެއް ނޫން،" މީޒާ ބުންޏެވެ. "މަންމައެއްނު އެހެން ބުނީ."
ހަފީޒާގެ ލޮލުން ކަރުނަ ފާއްދައިލިއެވެ. އަދި ފަހުރުވެރިކަމާ އެކުގައި މީޒާ ގައިގައި ބައްދައިލިއެވެ. ބުރަކަށީގައި ފިރުމައިލިއެވެ. ޖަނާން ދެކެ މީޒާ ރުޅިއެއްނާދެއެވެ. އެހެނަސް ދެމެދުގައި ރަތްކުލައިގެ ފަލަ ރޮނގެއް ދަމައިލިއެވެ. ޖަނާނަކީ ކުދިންގެ ބައްޕައެވެ. މީޒާގެ ކުރީގެ ފިރިމީހާއެވެ. އެ ނިމުނީއެވެ. ޖަނާންގެ އަންބަކަށް މީޒާއެއް ދެނެއް ނުވާނެއެވެ. ދަރިންގެ ކަންކަމުގައި، ކިތަންމެ ވަރަކަށް ވެސް ޖަނާނާ ބައްދަލުކުރަން މީޒާ ތައްޔާރެވެ. އެ ނޫން ކަމެއްގައި، ހުވަފެނުން ވެސް ޖަނާނާ ބައްދަލުކުރާކަށް މީޒާ ބޭނުމެއް ނޫނެވެ. ހަމަ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ.
ނިމުނީ