15 މާޗް 2022 - 22:51

ކަނޑުމަތީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 12 ކިލޯގެ ޑްރަގާ އެކު އަތުލައިގަތް މީހާ ހައްޔަރުކުރީ ޑްރަގްސް އަޅާފައި ހުރި ދަބަސް އެއްލައިލުމަށް ފަހު ލޯންޗުން ފައިބައިގެން ފިލަން އުޅެނިކޮށް ކަމަށް ފުލުހުން ބުނެފި އެވެ.
މީގެ ކުރިން ވެސް ޑްރަގްސްގެ މައްސަލައެއްގައި ދެ ފަހަރަކު ހައްޔަރުކޮށްފައިވާ އިންޑިއާގެ މީހެއް ކަމަށްވާ ސުމޭޝް ކޭއޭ ކްރިޝަނަން ކުޓީ، 37، ޑްރަގް ޓްރެފިކިން ތުހުމަތަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން ހާޒިރުކޮށް ފުލުހުން ބުނީ ޑްރަގްސް ފެނުނީ ސްމޭޝްގެ ކޮނޑުގައި އޮތް ދަބަހުން ކަމަށެވެ. ޑްރަގް އުފުލި ލޯންޗުން އޭނާ ފައިބަން އުޅެނިކޮށް ފުލުހުން ފެނުމާ އެކު ދަބަސް އެއްލައިލީ އެވެ.
ސްމޭޝްގެ ބަންދަށް 15 ދުވަސް އިތުރުކޮށް ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި އެބަހުރި ކަމަށެވެ. އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓައި އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބް ނިންމެވީ އެވެ.
މި މައްސަލާގައި ދެން ހައްޔަރުކޮށްފައިވަނީ ބަންގްލާދޭޝްގެ މީހެއް ކަމަށްވާ ކަވްސަރު އަލަމް، 30، އާއި މުހައްމަދު އަބްދުއްލަތީފް، 30، އެވެ. މުހައްމަދަކީ ނ. ވެލިދޫ މީހެކެވެ.
ލޯންޗް ދުއްވި މީހާ ކަމަށްވާ މުހައްމަދުގެ ބަންދަށް 10 ދުވަސް އިތުރުކުރަން ގާޒީ ނިންމެވި ސަބަބުތަކުގެ ތެރޭގައި ލޯންޗުގައި އިން އިންޑިއާ މީހާގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާއި އެ ތަކެތި ފެނުމުން މުހައްމަދު ފިލާފައި ވުމުންނާއި ކުޑަކަމުދާ ތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވުން ހިމެނެ އެވެ.
ނަމަވެސް މުހައްމަދު ކޯޓުގައި ބުނީ އޭނާ އަކީ ލޯންޗް ދުއްވާ މީހެއް ކަމަށްވާ އޭގައި ދަތުރުކުރާ މީހުން ގެންދަނީ ކޯއްޗެއްކަން ނޭނގޭ ކަމަށެވެ.
ބަންގްލާދޭޝްގެ މީހާގެ ދަބަހުން ވަނީ ލޯންޗުން ދަތުރުކުރި މީހެއްގެ އައިޑީކާޑާއި ވޮލެޓް ވެސް ފެނިފަ އެވެ.
އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި އުފުލި ލޯންޗަކީ މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އުފުލި މައްސަލައެއްގައި ހިފެހެއްޓި ލޯންޗެކެވެ. މިފަހަރު ޑްރަގްސް އުފުލި މީހާ ހައްޔަރުކުރުމުން ލޯންޗުގެ ކައްޕި ފިލަން ގޮސް އޮއްވައި އަތުލައިގަތީ ލޯންޗުގެ ވެރިމީހާގެ ގެސްޓް ހައުސްއެއްގައި ހުއްޓާ ކަމަށް އެނގިފައިވެ އެވެ. މަސްތުވާތަކެއްޗާ އެކު އައި ލޯންޗް ހުޅުމާލެއަށް ގާތްކުރި އިރު އެތަނުގައި ވެސް ލޯންޗުގެ ވެރިމީހާ ހުއްޓެވެ. ފުލުހުން އޭނާ ހިފެހެއްޓި ނަމަވެސް ހައްޔަރު ނުކޮށް ދޫކޮށްލީ އެވެ.