21 ޑިސެމްބަރ 2016 - 10:42

މެންޗެސްޓާ (ޑިސެމްބަރު 21) – މެންޗެސްޓާ ޔުނައިޓެޑުން ގެންނަން މަސައްކަތްކުރަމުން އަންނަ ސްވިޑަންގެ ޑިފެންޑަރު ވިކްޓަ ލިންދެލޯފްގެ ކިބައިގައި ދުނިޔޭގެ ބޮޑެތި ޓީމުތަކަށް ކުޅެވޭ ފެންވަރު އެބަހުރި ކަމަށް ޔުނައިޓެޑުގެ ސްވިޑަން ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ބުނެފި އެވެ.
ސްކައި ސްޕޯޓްސް އިން ބުނާ ގޮތުގައި ޔުނައިޓެޑުން ވަނީ ލިންދެލޯފް ގެނައުމަށްޓަކައި އޭނާ ކުޅެމުން އަންނަ ޕޯޗުގަލްގެ ބެންފީކާގެ ރައީސް ލުއިސް ފިލިޕް ވިއެއިރާއާ އެކު މަޝްވަރާތައް ފަށައިފަ އެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ބެންފީކާ ހޮވިފައިވާ ދަނޑިވަޅެއްގައި، ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ވިއްކާލަން އެ ކްލަބުން ކުރިން ދެކޮޅު ހެދި ނަމަވެސް ސްކައި އިން ބުނާ ގޮތުގައި ވަރަށް އަވަހަށް އެއްބަސްވުމަކަށް އަންނާނެ އެވެ. އުމުރުން 22 އަހަރުގެ ޑިފެންޑަރު ވިއްކާލަން ބެންފީކާ އިން ކިޔާ އަގަކީ 38 މިލިއަން ޕައުންޑެވެ.
ލިންދެލޯފްއާ އެކު ސްވިޑަން ގައުމީ ޓީމަށް ކުޅޭ އިބްރަހިމޮވިޗް ބުނީ ލިންދެލޯފް އަންނަނީ ކުރިއެރުން ހޯދަމުން ކަމަށާއި ގައުމީ ޓީމުގައި ވެސް އޭނާގެ ޒިންމާ ބޮޑުވެފައިވާ ކަމަށެވެ.
"އަހަރެން ދެކޭ ގޮތުގައި ބޮޑެތި ޓީމުތަކަށް ކުޅެން އޭނާ ތައްޔާރުވެފައިވަނީ. އަހަންނަށް އެނގޭ ޓްރާންސްފާ ބާޒާރުގައި އޭނާގެ ޑިމާންޑް ބޮޑުވެފައިވާކަން. އެކަމަކު ގޮތެއް ނިންމަން އޭނާ އަށް ދޫކޮށްލަމާ،" އިބްރަހިމޮވިޗް ބުންޏެވެ.
ޔުނައިޓެޑުން ޖެނުއަރީ މަހު ޑިފެންޑަރެއް ހޯދަން މަޖުބޫރުވީ މުހިއްމު ޑިފެންޑަރުންނަށް އަނިޔާގެ މައްސަލަތައް ކުރިމަތިވުމުންނެވެ. އެގޮތުން ބޮޑުއަގުގައި ގެނައި އެރިކް ބާޔީ އަދި ކްރިސް ސްމޯލިން އާއި ފިލް ޖޯންސް އަށް އަނިޔާގެ މައްސަލަ ދިމާވިއިރު މީގެ ތެރެއިން ބާޔީ އަށް އެފްރިކަން ކަޕް އޮފް ނޭޝަންސް ކަޕުގައި ކުޅެން ޖެހޭނީ އަންނަ މަހު މުހިއްމު މެޗުތަކެއް ގެއްލޭނެ އެވެެ.
ބެންފީކާއާ 2012 ވަނަ އަހަރު ގުޅި އެ ޓީމުގެ މުހިއްމު ކުޅުންތެރިޔަކަށް ލިންދެލޯފް ވެފައިވާއިރު އޭނާ ވަނީ މި އަހަރުގެ ޔޫރޯގައި ސްވިޑަން ގައުމީ ޓީމަށް ތިން މެޗު ކުޅެދީފަ އެވެ.