15 މާޗް 2022 - 22:23

މޮސްކޯ (މާޗް 15) - އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އެ ގައުމުގެ ސީނިއާ އޮފިޝަލުންތަކަކާ ދެކޮޅަށް ރަޝިޔާ އިން ފިޔަވަޅު އަޅައި ބައިޑަން ރަޝިޔާ އަށް އެތެރެވުން މަނާކޮށްފި އެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނީ ބައިޑަންއާ ދެކޮޅަށް ފިޔަވަޅު އެޅީ ރަޝިޔާއާ ދެކޮޅަށް އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.
"މިއީ އެމެރިކާ އިން ރަޝިޔާއާ ދެކޮޅަށް ގެންގުޅޭ ރަޝިޔާފޯބިކް ސިޔާސަތުގެ ނަތީޖާ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ރަޝިޔާ އިން ފަހުން ވަނީ އެމެރިކާގެ ސީނިއާ ހަތަރު އޮފިޝަލުންނާ ދެކޮޅަށް ފިޔަވަޅު އެޅިކަން އަންގައިފަ އެވެ. ރަޝިޔާ އިން ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން އާއި ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާން އަދި ސީއައިއޭގެ ވެރިޔާ ވިލިއަމް ބާންސް އަށް ވެސް ފިޔަވަޅު އަޅައިފަ އެވެ.
އެމެރިކާގެ ޓްރެޝަރީން ވަނީ ބެލާރުސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯއާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އެޅިކަން އިއުލާންކޮށްފަ އެވެ.