15 މާޗް 2022 - 16:11

ބެއިޖިން (މާޗް 15) - ކޮވިޑް ކޭސްތައް ޗައިނާގައި ކުއްލިއަކަށް އިތުރުވެ ގާތްގަނޑަކަށް 30 މިލިއަން މީހުން މިއަދު ލޮކްޑައުން އަށް ދާން ޖެހިއްޖެ އެވެ.

ޗައިނާގައި މިއަދު ވަނީ 5،280 މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިއީ އޭގެ ކުރީ ދުވަހަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.
އޮމިކްރޮން ވޭރިއަންޓް ހަލުވިކަމާ އެކު ފެތުރެން ފެށުމާ އެކު ޗައިނާގައި މިހާރު ވަނީ ގިނަ ބަޔަކު ޓެސްޓްކުރަން ފަށައިފަ އެވެ. ހަޒްމަތު ސޫޓުގައި ތިބި ހެލްތު އޮފިޝަލުން މަގުތަކުން މިއަދު ވަނީ ގިނަ އަދަދަކަށް ފެނިފަ އެވެ.
އޮފިޝަލުން އުއްމީދުކޮށްގެން ތިބީ ގާތްގަނޑަކަށް ދެ އަހަރު ދުވަސް ވަންދެން ގައުމު ބަންދުކޮށްފައި ބޭއްވުމުގެ ސަބަބުން އެ ގައުމުގައި ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. ނަމަވެސް ކޮވިޑް ކޭސްތައް މާޗް މަހު ވަރަށް ބޮޑަށް އިތުރުވާން ފެށުމާ އެކު މިއަދު ވަނީ 13 ސިޓީ ފުލް ލޮކްޑައުންކޮށްފަ އެވެ. އަދި ބައެއް ސިޓީތައް ވަނީ ޕާޝަލް ލޮކްޑައުނަކަށް ގޮސްފަ އެވެ.
ފަސްދޮޅަސް އަހަރުން މަތީގެ މީހުން ވެކްސިން އަވަހަށް ފުރިހަމަ ކުރުމަށް ސިއްހީ އޮފިޝަލުން ވަނީ އިލްތިމާސްކޮށްފަ އެވެ. ޗައިނާގައި އެ އުމުރުގެ 80 ޕަސެންޓް މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހައިފަ އެވެ.
ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނީ ހާލަތު އެންމެ ގޯހީ ހުޅަނގު އުތުރުގެ ޕްރޮވިންސެއް ކަމަށްވާ ޖިލިންގައި ކަމަށެވެ. އެ ޕްރޮވިންސް އިން މިއަދު ވަނީ 3،000 މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެ ޕްރޮވިންސްގެ 8،200 މީހުން މިހާރު ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ.
ދެކުނުގެ ޓެކްނޮލޮޖީ ހަބެއް ކަމަށްވާ 17.5 މިލިއަން މީހުންގެ އާބާދީއެއް އޮތް ޝެންޒެން މިހާރު ވަނީ ތިން ދުވަހަށް ލޮކްޑައުންކޮށްފަ އެވެ. ޗައިނާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ޝަންހައިގައި ވެސް ވަނީ ފިޔަވަޅުތައް މިއަދުން ފެށިގެން ހަރުކަށި ކޮށްފަ އެވެ.
ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާން ސިޓީންނެވެ. އޭގެ ފަހުން އެ ގައުމުން ވަރަށް ބޮޑަށް ފިޔަވަޅުތައް ހަރުކަށިކޮށް ކޮވިޑް ކޮންޓްރޯލް ކުރި އެވެ. ޗައިނާ އިން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 120،504 މީހުންނެވެ. ކޮވިޑްގައި އެ ގައުމުން މަރުވެފައި ވަނީ 4،636 މީހުންނެވެ.