16 މާޗް 2022 - 06:17

ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން، އޭނާގެ ދެވަނަ ކައިވެނި ވެސް ރޫޅާލީ އަންހެނެއްގެ މައްސަލައިގައި ކަމަށް އަޑުތައް ފެތުރެމުންދަނިކޮށް އޭނާ އެ ވާހަކަތައް ދޮގުކޮށްފި އެވެ.

އުމުރުން 57 އަހަރުގެ އާމިރު ވަނީ ވަރިއަށް ފަހު ވަރަށް ތަފްސީލުކޮށް އެކަމާ ގުޅިގެން ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފަ އެވެ.
ފިލްމު ޕްރޮޑިއުސަރު އަދި ސްކްރީން ރައިޓާ ކިރަން ރާއޯއާ 2005 ވަނަ އަހަރު ކުރި ކައިވެނި އާމިރު ރޫޅާލީ މިދިޔަ އަހަރު އެވެ. އެ ކައިވެނި ރޫޅުނީ "ދަންގަލް" ގައި އާމިރުގެ ދަރިއެއްގެ ރޯލުން ފެނުނު 30 އަހަރުގެ ތަރި ފާތިމާ ޝަނާ ޝެއިހްއާ އާމިރުއާ ދެމެދުގައި އޮތް ގުޅުމުގެ ސަބަބުން ކަމަށާއި އެމީހުން ވަރަށް އަވަހަށް ކައިވެނިކުރާނެ ކަމަށް ވެސް އަޑުތައް ފެތުރުނެވެ.
އެކަމަކު "ނިއުސް18" އަށް ދިން އިންޓަވިއުއެއްގައި އާމިރު ބުނީ ކިރަން އާއި އެ ދެމީހުންގެ ގުޅުން 15 އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ބަދަލުވި ކަމަށެވެ. އަދި މައްސަލަތައް ޖެހި އެކުގައި ނޫޅެވޭނެ ކަން އެނގުމުން ދެމީހުން އެއްބަސްވެގެން ވަރިވިޔަސް އެކުގައި ދަރިފުޅުގެ ކަންކަން ބަލަން ނިންމި ކަމަށް އޭނާ ބުންޏެވެ.
އާމިރު އާއި ކިރަން 2011 ގައި ދަރިއަކު ހޯދީ ސަރޮގެސީ މެދުވެރިކޮށެވެ. އެމީހުންނަށް އެ ފަހަރު ލިބުނީ ފިރިހެން ކުއްޖެކެވެ.
އޭގެ ކުރިން ރީނާ ދައްތާއާ ކައިވެނިކޮށްގެން އުޅުމަށް ފަހު ވަރިވާން ޖެހުނީ ވެސް އޭނާގެ ސަބަބުން ކަމަށް އާމިރު ގަބޫލުކުރެ އެވެ. އޭރު އެރި އަޑުތައް ވެސް އޭނާ ދޮގުކުރި އެވެ.
ރީނާއާ ވަރިވިއިރު ވެސް އޭނާގެ ހަޔާތުގައި މީހަކު ނެތް ކަމަށާއި ކިރަން ކުޑަކޮށް އެނގުނަސް އެމީހުންގެ މެދުގައި ރަހުމަތްތެރިކަން ވެސް އިތުރުވީ އޭގެ ފަހުން ކަމަށް ބުންޏެވެ. އޭރާއި އެއްގޮތަށް މިއަދު ވެސް އޭނާގެ ހަޔާތުގައި އަންހެނަކު ނެތް ކަމަށް ބުންޏެވެ. އަދި ގުޅުންތައް ހީނަރުވީ އޭނާ އަށް ވަގުތު ނުދެވުމާއި އޭނާގެ އުޅުމަށް ވެސް އައި ބަދަލުގެ ސަބަބުން ކަމަށް ބުންޏެވެ.
"އޭރު ރީނާއާ ވަރިވިއިރު ވެސް ހަޔާތުގައި އަންހެނަކު ނެތް. މިއަދަކު ވެސް ނެތް،" އާމިރަކީ ވަރަށް 'ބިޓިން" މީހެއް ކަމަށް ބުނެ މީހުން ފާޑުކިޔަނިކޮށް އޭނާ ދިން އިންޓަވިއުގައި ބުންޏެވެ.
އާމިރުގެ ފުރަތަމަ ކައިވެންޏަށް ލިބިފައި ވަނީ އަންހެން ކުއްޖަކާ ފިރިހެން ކުއްޖެކެވެ. އެ ކުދިން ވެސް މިހާރު ބޮޑެތިވެގެން ކެމެރާގެ ފުރަގަހުގައި އަންނަނީ މަސައްކަތްކުރަމުންނެވެ.