ޖުވެނައިލް ކޯޓުގެ ގަހުން ވަގަށް އަނބު ބިނުމުން ހަ މަހަށް ޖަލަށް
ޖުވެނައިލް ކޯޓުގެ ގަހުން ވަގަށް އަނބު ބިނުމުން ހަ މަހަށް ޖަލަށް

ޖުވެނައިލް ކޯޓުގެ އަަނބު ގަހުން ވަގަށް އަނބު ބިން މީހަކު ހަ މަހަށް ވުރެ ގިނަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖުވެނައިލް ކޯޓުގެ ގޯތި ތެރެއަށް ވަދެ، އެ ތަނުގައި ހުރި އަނބު ގަހަކުން 72 އަނބު ވަގަށް ބިން މީހާގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ވައްކަމުގެ ދައުވާގެ އިތުރުން ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ.

އެ މީހާ ކްރިމިނަލް ކޯޓުގައި ކުށަށް އިއުތިރާފުވުމުން، އެ ކޯޓުން ހުކުމްކުރީ ވައްކަމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހަށް އަދި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި އެއް މަހާއި 27 ދުވަހަށް ޖަލަށްލުމަށެވެ.

ޖުވެނައިލް ކޯޓުން ވައްކަން ކުރި ފަހުން، އެހެން ގެއަކަށް ހުއްދަ ނެތި ވަދެފައިވާތީ އިތުރު ދެ މަހާއި 23 ދުވަހުގެ ޖަލު ހުކުމެއް ވެސް އޭނާގެ މައްޗަށް އިއްވި އެވެ.