ރަޝިޔާގެ މިސައިލްތަކުގައި ގޮތް ނޭނގޭ އާލާތެއް
ރަޝިޔާގެ މިސައިލްތަކުގައި ގޮތް ނޭނގޭ އާލާތެއް

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި ބޭނުންކުރާ ބެލިސްޓިކް މިސައިލްތަކުގައި، މީގެ ކުރިން އެނގިފައި ނުވާ ޒާތެއް އާލާތެއް ބޭނުންކުރަމުން އަންނަ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ރަޝިޔާގެ މިސައިލްތަކުގައި ގޮތް ނޭނގޭ އާލާތެއް
ރަޝިޔާގެ މިސައިލްތަކުގައި ގޮތް ނޭނގޭ އާލާތެއް

އެމެރިކާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ނިއު ޔޯކް ޓައިމްސްގައި ބުނެފައިވާ ގޮތުން، ރަޝިޔާ އިން ޔޫކްރޭނަށް ފޮނުވާ ބެލިސްޓިކް މިސައިލްތަކުގައި ހަރުކޮށްފައި ހުންނަނީ ފޫޓެއްހާ ދިގުމިނުގެ އާލާތްތަކެކެވެ. އޭގެ ސަބަބުން، ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުން މިސައިލްތަކަށް ހުރަސްއެޅުމަށް ކުރާ މަސައްކަތުން ރެކިގަނެގެން ގޮސް އޭގެ އަމާޒަށް ވާސިލުވެ އެވެ.

އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި އަލަށް މިފެނުނު އާލާތް ހަރުކޮށްފައި ހުންނަނީ އިސްކަންދަރު-އެމް މަރުކާގެ ދުރު ރާސްތާ އަދި މެދު ރާސްތާގެ މިސައިލްގަ އެވެ. އެ އާލާތުގެ ތެރޭގައި ހަރުކޮށްފައިވާ ނިޒާމުން ދޫކުރާ ރޭޑިއޯ ސިގްނަލްތަކުން، ރާޑަރުގެ ސިގްނަލްތައް އޮޅުންބޮޅުން ކޮށްލަ އެވެ. ނަތީޖާއަކަށް ވަނީ މިސައިލްތައް ރާޑަރަށް ދެނެނުގަނެވުމާއި، ބައެއް ހާލަތުގައި ދެނެގަނެވުނަސް، އޭގެ ދުވެލީގެ ބާރުމިނާއި މިސްރާބު ދެނެގަތުމަށް ރާޑަރުތައް ނުކުޅެދުމެވެ.

އޭގެ އިތުރުން އެއިން ކޮންމެ އާލާތެއްގައި ހޫނު އުފައްދާ ނިޒާމެއް ވެސް ގާއިމުކޮށްފައިވެ އެވެ. އެ ނިޒާމުގެ ބޭނުމަކީ ރަޝިޔާގެ މިސައިލަށް ހަމަލާދީ ވައްޓައިލުމަށް މިސައިލެއް ފޮނުވާލައިފި ނަމަ، އެ އާލާތް ބެލިސްޓިކް މިސައިލާ ވަކިވުމަށް ފަހު އެއިން އުފައްދާ ހޫނުގެ ތެރެއަށް، އިދިކޮޅު މިސައިލް ދަމައިގަނެ އޭގެ މިސްރާބު ބަދަލުކޮށްލައި ވައިގެ ތެރެއަށް ގޮއްވައިލުމެވެ.

ނިއުޔޯކް ޓައިމްސް އިން ބުނެފައިވާ ގޮތުގައި މިބާވަތުގެ އާލާތްތަކެއް، ޔޫކްރޭންގެ ބައެއް ސަރަހައްދުތަކުން މިހާރު އަންނަނީ ފެންނަމުންނެވެ. އެ އާލާތްތަކަކީ، ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުން ފޮނުވައިލި މިސައިލްތަކާ ދެކޮޅަށް، ރަޝިޔާގެ ބެލެސްޓިކް މިސައިލްތަކުން ފޮނުވައިލި އާލާތްތަކެއް ކަމަށް ބެލެވެ އެވެ.

ނަމަވެސް ހުޅަނގުގެ އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮތުގައި، އެ އާލާތްތަކަކީ މީގެ ކުރިން ރަޝިޔާގެ އެއްވެސް އަސްކަރީ ހަތިޔާރަކުން ނުފެންނަ ޒާތުގެ އާލާތްތަކެކެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ އިން އިއްޔެ ބުނި ގޮތުގައި ހުސްވި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާ ދޭން ފެށި ފަހުން، ރަޝިޔާގެ ލަޝްކަރުތަކުން ޔޫކްރޭންގެ ތެރެއަށް އިއްޔެގެ ނިޔަލަށް 900 މިސައިލް ފޮނުވާލައިފި އެވެ. މީގެ ތެރެއިން ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުގެ މިސައިލްތަކުން ހުރަސްއަޅައި ވައްޓާލެވިފައި ވަނީ ވަރަށް މަދު މިސައިލެކެވެ.

ޔޫކްރޭން ހަނގުރާމަ ތިން ވަނަ ހަފުތާ އަށް ފެށިގެން ދާއިރު، ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ރަޝިޔާ ސަރުކާރުގެ މަންދޫބުންނާއި ޔޫކްރޭން ސަރުކާރުގެ މަންދޫބުންނާ ދެމެދު ކުރަމުން އަންނަ މަޝްވަރާތައް މިއަދު ވެސް އޮންނާނެ ކަމަށް ޔޫކްރޭން ސަރުކާރުން ބުނެ އެވެ. އިއްޔެގެ ބައްދަލުވުން ވެސް ވީޑިއޯ ލިންކް މެދުވެރިކޮށް ކުރިއަށް ގެންދިޔަ އިރު، މިއަދުގެ ބައްދަލުވުން ވެސް ކުރިއަށް ދާނީ ވީޑިއޯ ލިންކް މެދުވެރިކޮށެވެ.