15 މާޗް 2022 - 13:14

އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސްގެ މަރުގެ ހާދިސާ ހިނގި އިރު އޭނާގެ ކުޑަ ދަރިފުޅު ހުރީ އެޕާޓްމަންޓުގެ ކޮޓަރި ތެރޭގައި ތަޅުލާފައި ކަމަށް، މަރުގެ ދައުވާ ލިބޭ މޭރީގެ ފިރިމީހާ މާވިން ވާގަސް ބުނާ ކަމަށް ދައުލަތުން މިއަދު ކޯޓުގައި ބުނެފި އެވެ.

ދައުލަތުން މިހެން ބުނީ މޭރީ އާއި މާވިންގެ ދަރިފުޅުގެ ސައިކޮލޮޖިކަލް ފޮރެންސިކް އެސެސްމަންޓް ރިޕޯޓް ހުށަހެޅުން ލަސްވާތީ އާއި އެ ރިޕޯޓް ހުށަހެޅުމުގެ ބޭނުމަކީ ކޮބައިތޯ، މި މައްސަލާގައި މާވިންއާ އެކު ދައުވާ ލިބޭ އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ ވަކީލުން ސުވާލުކުރުމުންނެވެ.
މީހަކު މެރުމުގެ ދައުވާ މާވިންގެ މައްޗަށް ކޮށްފައި ވާއިރު ލަމްހާގެ މައްޗަށް ވަނީ މީހަކު މެރުމުގައި ބައިވެރިވުމާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާކޮށްފަ އެވެ.
ލަމްހާގެ މައްޗަށް ކުރާ ދައުވާތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި، ޝަރީއަތުގެ ކުރީގެ އަޑުއެހުމުގައި ލަމްހާގެ ވަކީލުން ކަމަށްވާ އަބްދުﷲ ޝާއިރާއި އަހްމަދު ޔާމީން ވަނީ މައްސަލައާ ގުޅޭ މުހިންމު ބައެއް ލިޔުންތައް ހުށަނާޅައި ލަސްކުރާ ކަމަށް ބުނެ އެކަމުގެ ޝަކުވާ ވަރަށް ބޮޑަށް ކުރައްވައިފަ އެވެ. އަދި އެންމެ ފަހުން އޮތް އަޑުއެހުމުގައި، މޭރީގެ ޓޮކްސިލޮޖީ ރިޕޯޓްގައި އޭނާގެ ލެއިން ސަކްސިނައިލްކޮލިންގެ އަސަރު ހުރި ކަމަށް ދައުލަތުން ބުންޏަސް އޮޓޮޕްސީ ރިޕޯޓްގައި އެގޮތަށް ނެތް ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.
ސަކްސިނައިލްކޮލިން އަކީ ލަމްހާގެ ގެއިން ފެނުނު، ހޮސްޕިޓަލްތަކުގައި ނޫނީ އާންމުކޮށް ނުގެންގެޅޭ ބާރުގަދަ އިންޖެކްޝަނެކެވެ. އެ ގެއިން ފެނުނު ބައެއް އިންޖެކްޝަންތަކަކީ އޮޕަރޭޝަންތައް ކުރާއިރު ހޭނެއްތުން ފަދަ ކަންކަމަށް ބޭނުންކުރާ އަދި ވަކި ގޮތަކަށް ބޭނުންކޮށްފި ނަމަ މީހަކު މަރާލަން ބޭނުންކުރެވިދާނެ އެއްޗެހި ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
ދައުލަތުގެ ވަކީލް އަހްމަދު ނައުފަލް ވިދާޅުވީ އޮޓޮޕްސީ ހެދި އިރު ޓޮކްސިކޮލޮޖީއެއް ހެދި ކަމަށާއި އެ ރިޕޯޓް މިހާރު ވާނީ ކޯޓަށް ހުށަހަޅާފައި ކަމަށެވެ.
"އޮޓޮޕްސީ ހެދުމާ ދޭތެރޭ ދިގު މުއްދަތެއް ނަގާފައި ވާތީ، މީގައި ބޭނުންކޮށްފައި މި ހުރި، ހަށިގަނޑަށް އިންޖެކްޓްކޮށްފައި ހުރި މާއްދާތަކަކީ މާ ގިނަ ވަގުތުތަކެއް ވަންދެން ހަށިގަނޑު ތެރޭ ހުންނަ އެއްޗެއް ނޫންވީމަ، އޮޓޮޕްސީއާ އެކު ޓޮކްސިލޮޖީއަކުން އެއްވެސް ބާވަތެއް ހުރި ކަމަކަށް ނުދައްކާ،" ނައުފަލް ވިދާޅުވި އެވެ.
ނައުފަލް ވިދާޅުވި ގޮތުގައި މޭރީ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު ލޭގެ ސާމްޕަލް ނެގި އެވެ. އެ ލޭގެ ތަހުލީލެއް އިންޑިއާގެ ފޮރެންސިކް ސައިންސް ޔުނިވަސިޓީގެ ލެބޯޓަރީން ކޮށްފައިވާ ކަމަށާއި އެ ތަހުލީލުގެ ނަތީޖާއިން ލޭގައި ސަކްސިނައިލްކޮލިން ހުރި ކަމަށް ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިފާއުން ދެއްކި ވާހަކަތަކާ ގުޅިގެން ދައުލަތުން ބުނީ މާވިން އާއި މޭރީގެ ދަރިފުޅުގެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓް ހަދަނީ ފިލިޕިންސްގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކަމަށާއި އެ ރިޕޯޓް ލިބޭނެ ދުވަހެއް އަދި އޭގައި އޮންނާނީ ކޮން ވާހަކަތަކެއް ކަމެއް ވެސް އަދި ނޭނގޭ ކަމަށެވެ. އަދި މި ރިޕޯޓް ޝަރީއަތަށް ހުށަހެޅުމުގެ ބޭނުމާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ނައުފަލް ވިދާޅުވީ މި ހާދިސާ ހިނގި އިރު އެ ގޭތެރޭގައި ކުއްޖާ ހުރި ކަމަށް "ދައުވާ ލިބޭ އަނެއް ފަރާތުން" ބުނާ ކަމަށެވެ.
"...މި ބަޔާންކުރަނީ ކުއްޖާ ހުރީ ކޮޓަރިތެރޭގައޭ، ކޮޓަރި ހުރީ ތަޅުލާފައޭ. ދައުލަތަކަށް ނޭނގެ ކުއްޖާއަށް އެއްވެސް އެއްޗެއް ފެނުނުކަމެއް ނުވަތަ އިތުރު އެއްވެސް ކަމެއް ހިނގައިދިޔަކަމެއް ވެސް،" ނައުފަލް ވިދާޅުވި އެވެ.
ރިޕޯޓް ހޯދަނީ ފިލިޕިންސުން ކަމަށް ވާއިރު އެއީ ޖިނާއީ ކަންކަމުގައި ދިވެހިރާއްޖެއާ އެކު އެއްވެސް މުއާހަދާއެއްގައި ސޮއިކޮށްފައި ގައުމަކަށް ނުވާތީ އެކަން ވަކި މުއްދަތެއްގެ ތެރޭގައި ކޮށްދޭން ފިލިޕިންސަށް ލާޒިމު ނުވާ ކަމަށް ދައުލަތުން ބުންޏެވެ. ވަކީލް ވިދާޅުވި ގޮތުގައި މިފަދަ ކަންކަމަށް ހޭދަވާ މުއްދަތު ބިނާވަނީ އެ ގައުމަކުން މައްސަލައަށް ދޭ އިސްކަމުގެ މައްޗަށެވެ. ބައެއް ފަހަރު ބޭންކް ސްޓޭޓްމަންޓެއް ހޯދަން ވެސް އަހަރެއްހާ ދުވަސް ހޭދަވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ދައުލަތުން ކުރިން ބުނެފައިވާ ގޮތުގައި މޭރީ މަރުވި ދުވަހު، ލަމްހާ ވަނީ މާވިން އާއި މޭރީގެ ދަރިފުޅު އޭނާގެ ގެޔަށް ގެންގޮސްފަ އެވެ. އަދި ހާދިސާ ހިނގި ކަމަށް ބުނާ ވަގުތު ލަމްހާ އެ ކުއްޖާ ގޮވައިގެން، މާވިން އާއި މޭރީ އުޅޭ ގެޔަށް ވަންނަތަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށާއި މޭރީ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސަށް ގުޅަނީ ކުއްޖާ ގެޔަށް ލުމަށް ފަހު ލަމްހާ ނުކުމެގެންދާތާ މިނެޓެއްހާއިރު ފަހުން ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
ދައުލަތުގެ މި ވާހަކައާ ގުޅިގެން ދިފާއުން، ވަކީލް ޝާއިރު ވިދާޅުވީ ދައުލަތުން އުޅެނީ ސަކަރާތްޖަހަން ކަމަށެވެ.
"އިއްޒަތްތެރި ފަނޑިޔާރު ވަރަށް މާފާއެކު ދަންނަވަން. ދައުލަތުން އުޅެނީ ސަކަރާތްޖަހަން،" ޝާއިރު ވިދާޅުވި އެވެ. "ދައުވާއެއްގައި މި ވިދާޅުވަނީ ހާދިސާ ހިނގިއިރު، އެތާ ހުރި އެއްފަރާތަކުން ބުނެއޭ ކުއްޖާ ހުރީ ކޮޓަރި ތެރޭގައޭ. އެ ކުއްޖާއަށް އެއްވެސް މަންޒަރެއް ފެނުނުކަމަށް ބަލަންވެގެންނޭ ރިޕޯޓެއް މި ހަދަނީ."
ރިޕޯޓް ހޯދާ ސަބަބާ ގުޅޭ ގޮތުން ދައުލަތުން ދެއްކީ މިފަދަ މައްސަލައެއްގައި އެންމެ މުހިންމު އެއް ކަންތައް ސާބިތުކޮށްދިނުމުގެ ވާހަކަ ނޫންތޯ ޝާއިރު ސުވާލުކުރެއްވި އެވެ.
"ސީދާ ގޮތެއްގައި ލަމްހާއާ ގުޅުން ނެތް ކަމަށް ވިޔަސް މައްސަލާގައި ދައުވާ ލިބޭ އަނެއް ފަރާތް، މާވިންއާ ވެސް ގުޅުން ހުރި އަސާސީ އެއް ކަން އެއީ،" އޭނާ ވިދާޅުވި އެވެ.
ޝާއިރު ވިދާޅުވީ މިވަރު މުހިންމު ކަމެއްގައި ދައުލަތުން "ވައިގެ ތެރެއަށް ދޫކޮށްލާ" ވާހަކައެއް ގޮތަށް ބުނަނީ ދެން އެ ރިޕޯޓް ލިބިއްޖެ ނަމަ ހުށަހެޅިދާނެ އެއްޗެކޭ ބުނެފައި ކަމަށާއި މަރުގެ މައްސަލައެއްގައި މިފަދަ މުހިންމު ރިޕޯޓެއް އެއީ ހުށަހެޅިދާނެ އެއްޗެއްކަން އެނގޭއިރު ކުއްޖާ ރާއްޖެއިން ފުރައިގެން ދިޔައިރު ވެސް އެކަން ނުކުރާ ކަމަށެވެ.
"ސީސީޓީވީ ފުޓޭޖެއްގެ ވާހަކަ ދައްކާއިރު، މި ހާދިސާ ހިނގި ދުވަހުން ފަށައިގެން އެބަ އެނގޭ އެ ކުއްޖާ ހުރީ ގޭގައިކަން. ހާދިސާ ހިނގި ދުވަހުން ފަށައިގެން އެބަ އެނގޭ އެ ކުއްޖާ ގޮވައިގެން، އެ ހާދިސާ ހިނގި ދުވަހު ލަމްހާ ގެންދިޔަކަން. މި ހުރިހާ ކަމެއް އެނގޭއިރު، ފަސް މަސް ދުވަސް ވެގެން ދިޔައިރު، ދިވެހިރާއްޖޭގައި ވެސް މިފަދަ ރިޕޯޓެއް ތައްޔާރުކުރެވޭ ވަރުގެ ސައިކޮލޮޖިސްޓުން އެބަ ތިބި ރާއްޖޭގައި،" ދައުލަތުން މައްސަލަ ލަސްވާ ގޮތަށް އަމަލުކުރާ ކަމަށް ތުހުމަތުކުރައްވައި ޝާއިރު ވިދާޅުވި އެވެ.
މިގޮތަށް ދިގުލައިގެންދާ ގޮތަށް މައްސަލަ ކުރިއަށް ގެންދާ ނަމަ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމަށް އެކަނި ވެސް އަހަރު ދުވަސް ހޭދަވެދާނެ ކަމަށް ޝާއިރު ވިދާޅުވި އެވެ. އޭނާ ޝަރީއަތް އަވަސްކުރުމަކީ ދައުވާ ލިބޭ މީހާގެ ހައްގެއް ކަމަށާއި ދައުލަތުން ލިޔެކިޔުންތައް ފުރިހަމަޔަށް ހުށަނާޅާތީ ލަމްހާގެ ހައްގަށް އުނިކަން އަންނަ ކަމަށެވެ. ލަމްހާ ހުރީ ޝަރީއަތް ނިމެންދެން ބަންދުގައި ކަމަށް ވާއިރު ޝަރީއަތް ލަސްވާތީ އެކަމަށް ރިއާޔަތްކޮށް ޝަރީއަތް އަވަސްކޮށްދިނުމަށް، މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދުގެ އަރިހުން، ވަކީލް ޝާއިރު އެދިވަޑައިގަތެވެ.
މޭރީ ދަންޖެހި މަރުވި ކަމަށް ބުނެ އައިޖީއެމްއެޗަށް ގެންދިޔައީ އޮކްޓޫބަރު 19، 2021 ގަ އެވެ. މޭރީގެ ހަށިގަނޑާއި އޭނާ ދަންޖެހުނު ކަމަށް ބުނާ ތަން ބެލި އިރު ޝައްކުތަކެއް ހުރުމުން އެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރީ އައިޖީއެމްއެޗްގައި ނަރުހަކަށް އުޅޭ މޭރީގެ ފިރިމީހާ، މާވިންނެވެ. އެ ހޮސްޕިޓަލްގެ އީއާރްގައި ނަރުހަކަށް އުޅޭ ލަމްހާ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ދައުލަތުގެ ދައުވާގައި ބުނާ ގޮތުން މޭރީ މަރާލީ މާވިން އާއި ލަމްހާގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ އުފެދުނު މައްސަލަތަކެއްގެ ތެރެއިންނެވެ.