އޭސީސީއަށް މިދިޔަ އަހަރު 700 އަށްވުރެ ގިނަ މައްސަލަ، ދައުވާކުރަން ފޮނުވީ 22 މައްސަލަ
އޭސީސީއަށް މިދިޔަ އަހަރު 700 އަށްވުރެ ގިނަ މައްސަލަ، ދައުވާކުރަން ފޮނުވީ 22 މައްސަލަ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިދިޔަ އަހަރު 700 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިއިރު، ދައުވާކުރަން ފޮނުވާފައިވަނީ 22 މައްސަލައެއްގައި ކަމަށް، އެ ކޮމިޝަންގެ އަހަރީ ރިޕޯޓުގައި ބުނެފި އެވެ.

އެ ރިޕޯޓުގައި ބުނީ މިދިޔަ އަހަރު އެކި ފަރާތްތަކުން 758 މައްސަލަ އަދި ކޮމިޝަނުން އިސްނަގައިގެން 24 މައްސަލައަކާ އެކު، ޖުމްލަ 782 މައްސަލައެއް ބަލަން ނިންމި ކަމަށެވެ. އޭގެ ތެރޭގައި ރައީސް އޮފީހުން ގާއިމްކޮށްފައިވާ ޒީރޯ ޓޮލެރެންސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅި 80 މައްސަލަ ހިމެނެ އެވެ.

އެ މައްސަލަތަކުގެ ތެރެއިން 597 މައްސަލައެއް ހުށަހެޅީ އަމިއްލަ ފަރާތްތަކުންނެވެ. ދައުލަތުގެ އިދާރާތަކުން 161 މައްސަލައެއް ހުށަހެޅި އެވެ.

އޭސީސީގައި ރަޖިސްޓްރީކުރި މައްސަލަތަކުގެ ތެރެއިން ދައުލަތުގެ އެހެން އިދާރާތަކާ ގުޅޭ 49 މައްސަލައެއް އެ އިދާރާތަކަށް ފޮނުވާފައިވެ އެވެ. ކޮމިޝަންގެ އިހުތިސާސްގައި ނުހިމެނޭތީ 77 މައްސަލައެއް އަދި ހުށަހަޅާފައިވާ މައްސަލައިގައި ކޮށްފައިވާ ތުހުމަތާ ގުޅިގެން ތަހުގީގު ކުރިއަށްގެންދެވޭ ވަރަށް މައުލޫމާތު ސާފުކުރެވޭނެ ގޮތެއް ނެތުމުން ނުވަތަ ކޮރަޕްޝަންގެ ތުހުމަތެއްގެ ގޮތުގައި ތަހުގީގުކުރަންޖެހޭ ކަމަށް ނުފެންނާތީ 362 މައްސަލައެއް ނިންމާފައިވެ އެވެ.

އެ މަރުހަލާގައި 439 މައްސަލަ އިތުރަށް ތަހުގީގުކުރަން ނިންމާފައިވެ އެވެ. ރަޖިސްޓްރީ ކުރި މައްސަލަތަކުގެ ތެރެއިން އިވެލުއޭޓުކޮށް ނިންމައި، އިތުރަށް ތަހުގީގުކުރުމަށް 221 މައްސަލައެއް ނިންމާފައިވާއިރު، އެހެން މައްސަލައެއްގެ ތެރޭގައި ހިމަނައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 48 މައްސަލައެއް ނިންމާފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކޮށް ނިންމަނީ ދެ މަރުހަލާއަކުންނެވެ. ރަޖިސްޓްރީކުރާ މައްސަލަތައް އިވެލުއޭޓްކުރުމަށްފަހު ހަތަރު ގޮތަކަށް ނިންމި ނަމަވެސް، އިތުރަށް ތަހުގީގުކުރަން ނުވަތަ އެހެން މައްސަލައެއްގެ ތެރޭގައި ހިމެނުމަށް ނިންމާ ނިންމުންތައް ފިޔަވައި ބާކީ ހުރި ނިންމުންތަކަކީ ކޮމިޝަނުން މި މަރުހަލާގައި ނިންމާ މައްސަލަތަކެވެ.

މިދިޔަ އަހަރު ރަޖިސްޓްރޭޝަން މަރުހަލާގައި 757 މައްސަލައެއް އިވެލުއޭޓުކޮށް ނިންމާފައިވާއިރު، މީގެ ތެރެއިން 488 މައްސަލައަކީ މި މަރުހަލާގައި ނިންމާފައިވާ މައްސަލަތަކެވެ. ތަހުގީގު މަރުހަލާގައި 100 މައްސަލައެއް ނިންމާފައިވެ އެވެ.

އޭސީސީން ބުނީ މިދިޔަ އަހަރު ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކުގެ ތެރެއިން ދައުވާކުރަން 22 މައްސަލައެއް ހުށަހެޅި ކަމަށެވެ. އެއީ، ފާއިތުވި ފަސް އަހަރާ އަޅާބަލާއިރު އޭސީސީން ދައުވާކުރުމަށްޓަކައި އެންމެ ގިނަ މައްސަލަ ފޮނުވި އަހަރެވެ.

އެ މައްސަލަތަކުގައި 41 ފިރިހެނުންނާއި 19 އަންހެނުންގެ މައްޗަށް 62 ދައުވާއެއް އުފުލުމަށް އެދިފައިވެ އެވެ.

ނަމަވެސް އެ މައްސަަލަތަކުގެ ތެރެއިން 13 މައްސަލައެއް އަނބުރާ ފޮނުވާލާފައިވެ އެވެ. ފަސް މައްސަލައަކީ އިތުރަށް ތަހުގީގު ފުރިހަމަކުރަން ފޮނުވި މައްސަލަތަކެވެ. އިތުރު މައުލޫމާތު ނުވަތަ ލިޔުން ހޯދުމަށް ތިން މައްސަލައެއް ފޮނުވާލާފައިވެ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ކޮމިޝަންގައި ނުނިމި 1،527 މައްސަލަ އެބައޮތެވެ. ރަޖިސްޓްރޭޝަން މަރުހަލާ ނުނިމޭ 447 މައްސަލައެއް އަދި ތަހުގީގު މަރުހަލާގައި ނުނިމޭ 1080 މައްސަލަ އެބައޮތެވެ.

އޭސީސީން ބުނީ މިދިޔަ އަހަރު ރަޖިސްޓްރީ ކުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޕްރޮކިއުމެންޓާ ގުޅުން ހުރި މައްސަލަ ކަމަށެވެ. މިދިޔަ އަހަރު ވެސް އެ ފަދަ 244 މައްސަލައެއް ރަޖިސްޓްރީކުރި އެވެ. އޭގެ އިތުރުން ވަޒީފާއާ ގުޅުން ހުރި 157 މައްސަލަ އަދި ދައުލަތުގެ ފައިސާއާ ތަކެތި ބޭނުންކުރުމާ ގުޅުންހުރި 72 މައްސަލައެއް ރަޖިސްޓްރީކޮށްފައިވެ އެވެ.