15 މާޗް 2022 - 11:49

ރައްޔިތުންގެ މަޖިލިހާއި ހާއްސަ މަޖިލިސް އަދި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އަބްދުއްރަޝީދު އަލީ މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުން 75 އަހަރުގައި އޭނާ އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ހެނދުނެވެ. އަބްދުއްރަޝީދު އާލާސްކަންފުޅާ އުޅުއްވާތާ މަހެއްހާ ދުވަސް ވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބައްޕަ އަބްދުއްރަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅުގެ މެމްބަރުކަން ދެ ދައުރުގައި ކުރައްވައިފަ އެވެ. އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އދ. އަތޮޅުގެ މެމްބަރުކަން ވެސް އޭނާ ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ އިތުރުން ސަރުކާރުގެ އެހެން މަގާމުތައް ވެސް އަބްދުއްރަޝީދު އަދާކުރެއްވި އެވެ. އޭގެ ތެރޭގައި ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ކަމާއި ފުލުސް ކޯޓުގެ ފުރަތަމަ އިސް ގާޒީ ކަމާއި ޕްރިޒްންސް ޑިވިޝަންގެ އިސްވެރިޔާ ކަމާއި މާފަންނު އަވަށު އޮފީހުގެ އިސްވެރިއެއްގެ މަގާމު ހިމެނެ އެވެ.
ދައުލަތުގެ މަގާމުގެ އިތުރުން އޭނާއަކީ އަހުމަދިއްޔާ ސްކޫލްގެ ފުރަތަމަ ޕްރިންސިޕަލް ވެސް މެ އެވެ.
އަބްދުއްރަޝީދު އަވަހާރަވިއިރު ހަތަރު ފިރިހެން ބޭފުޅަކާއި ތިން އަންހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.