ޕުޓިންގެ ގާތް މަހުޖަނުނުންތަކެއް ރެއާލް އާއި ބާސާ ގަންނަން މަސއްކަތް ކުރިކަން ހާމަކޮށްފި
ޕުޓިންގެ ގާތް މަހުޖަނުނުންތަކެއް ރެއާލް އާއި ބާސާ ގަންނަން މަސއްކަތް ކުރިކަން ހާމަކޮށްފި

މެޑްރިޑް (މާޗް 15) - ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންއާ ގާތްގުޅުމެއް އޮންނަ އެ ގައުމުގެ މަހުޖަނުންތަކެއް، ސްޕެއިންގެ ގަދަ ދެބާރު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ގަންނަން މަސައްކަތް ކުރި ކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ސްޕެއިންގެ ކުޅިވަރު ނޫސް "މާކާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަޝިއާގެ މަހުޖަނެއް ކަމަށްވާ، ލަޑިމިއާ ލިޒިން ވަނީ ރެއާލް މެޑްރިޑް ގަތުމަށް އޭނާގެ ރައްޓެއްސެއްގެ ކައިރީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ލިޒިން އަކީ އިންޓަނޭޝަނަލް ޝޫޓިން ސްޕޯޓްސް ފެޑެރޭޝަންގެ ރައީސް އެވެ. އެ ނޫހުން ރިޕޯޓްކުރި ގޮތުގައި، ބާސެލޯނާ ގަންނަން ޝައުގުވެރިކަން ފާޅު ކުރީ އާސެނަލް އާއި އެވަޓަންގެ ކުރީގެ ހިއްސާދާރު އަލީޝާ އުސްމަނޯވް އެވެ.

އެކަމަކު ރެއާލް މެޑްރިޑާއި ބާސެލޯނާ އަކީ އެ ކްލަބްތަކުގެ އާންމު މެންބަރުންގެ މިލްކިއްޔާތަށް ނިސްބަތްވާ ދެ ކްލަބު ކަމަށްވުމުން އެ މަސައްކަތް ހުއްޓާލި ކަމަށް ވެސް އެ ނޫހުން ބުނެ އެވެ.

ފުޓްބޯޅަ އަށް އިންވެސްޓްކުރި ރަޝިއާގެ އެންމެ މަޝްހޫރު ބިލިއަނަރަކީ ޗެލްސީގެ ވެރިޔާ ރޯމަން އަބްރޮމޮވިޗެވެ. އުސްމަނޯވް ވަނީ އެވަޓަންގެ އެސެޓްތަކުގެ ރައިޓްސް އޭނާގެ ކުންފުނިތަކުގެ ނަމުގައި ގަނެފަ އެވެ. އެކަމަކު ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެއްބަސްވުންތައް ވަނީ ބާތިލުކޮށްފަ އެވެ.

އަބްރޮމޮވިޗް 2003 ގައި ޗެލްސީ ގަނެ މިދިޔަ 20 އަހަރު ތެރޭ އޭނާ ވަނީ ގާތްގަނޑަަކަށް ތިން ބިލިއަން ޑޮލަރު ޗެލްސީ އަށް އިންވެސްޓް ކޮށްފަ އެވެ. ރަޝިއާގެ މަހުޖަނުނުންގެ މިލްކުވެރިކަން އޮންނަ ކްލަބްތަކުގެ ތެރެއިން އެންމެ ކާމިޔާބު ކްލަބަކީ ޗެލްސި އެވެ. އިނގިރޭސި ވިލާތުން ކުރިމަތިކުރި ފިއްތުންތަކާ އެކު އޭނާ ވަނީ ޗެލްސީ ވިއްކާލަން އިއުލާންކޮށްފަ އެވެ.