15 މާޗް 2022 - 10:28

އެއްވެސް ހައްގަކާ ނުލައި ޔޫކްރޭނަށް އަރައިގަނެ، އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލައިގެން ތިބެ، ބޭނުމެއް ނެތް ގޮތެއްގައި މަރުވުމުގެ ބޭނުމަކީ ކޮބައިތޯ، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، ރަޝިޔާ ސިފައިންނާ ސުވާލު ކުރައްވައިފި އެވެ.

ރަޝިޔާ ސިފައިންނާ މުހާތަބު ކުރައްވައި، އިންސްޓްގްރާމްގައި މިއަދު ހެނދުނު އާންމުކުރެއްވި ވީޑިއޯއެއްގައި ރައީސް ޒެލެންސްކީ ވިދާޅުވީ ޔޫކްރޭނަށް އަރައި ތިބި ރަޝިޔާ ސިފައިން އެއް ބަޔަކު އަނެއް ބަޔަކަށް ދައްކާ ވާހަކަތައް، ޔޫކްރޭނުން ބަރާބަރަށް އަޑުއަހަމުން އަންނަ ކަމަށެވެ. އަދި ރަޝިޔާ ސިފައިން އެމީހުންގެ އާއިލާތަކަށް ގުޅައިގެން ދައްކާ ވާހަކަތައް ވެސް އަޑުއަހާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

"ރަޝިޔާގެ ސިފައިންނޭ! ފިސާރި ރަނގަޅަށް އަހަރެންގެ މި ވާހަކަތައް އަޑުއަހާ. ރަޝިޔާގެ އޮފިސަރުންނޭ! ކަލޭމެންނަށް މިހާރު ހުރިހާ ކަމެއް އެނގިއްޖެ. ކަލޭމެންނަށް ޔޫކްރޭނުން ލިބޭނެ އެއްޗެއް ނެތް. ކަލޭމެންނަށް މިގަ އުމުން މީހުން މެރިދާނެ. ކަލޭމެންގެ ވެސް ވަރަށް ގިނަ މީހުން މިތަނުގައި މިހާރު އެބަ ތިބި. ކަލޭމެންގެ ފުރާނަތައް ވެސް ގެއްލެމުންދާނެ،" ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.
"އެކަމު ކަލޭމެން ކީއްކުރަން މަރުވާންވީ. ކޮން ކަމަކާ؟ ކަލޭމެން ބޭނުންވަނީ ފުރާނަ ސަލާމަތްކުރަން ކަން އަހަންނަށް އެނގޭ."
ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ރޭޑިއޯ ސެޓްތައް މެދުވެރިކޮށް ދައްކާ ވާހަކަތަކުން އެނގެނީ، ރަޝިޔާ ސިފައިންގެ ކިބައިގައި ހަނގުރާމަ ކުރުމުގެ ހިތްވަރާއި ރޫހު ނެތް ކަމެވެ.
"ކަލޭމެންގެ އަމިއްލަ ހާލާމެދު، އަދި ކަލޭމެން ތި ކުރާ މުޑުދާރު އަމަލުތަކާ މެދު، އަދި އެއްވެސް މާނައެއް ނެތް ގޮތެއްގައި ތިކުރާ ހަނގުރާމައާ މެދު ކަލޭމެން ދެކޭ ގޮތް، ކަލޭމެންގެ ވާހަކަތަކުން އަހަރެމެންނަށް އެބަ އިވޭ. ކަލޭމެންގެ ސިފައިން އެކަކު އަނެކަކާ ދައްކާ ވާހަކަތަކާއި، ކަލޭމެން އާއިލާތަކަށް ގުޅައިގެން ދައްކާ ވާހަކަތަކާއި އެ ހުރިހާ ވާހަކަތަކެއް އަހަރެމެން އެބަ އަޑުއަހަން. އެ ވާހަކަތަކުން އަހަރެމެންނަށް ނަތީޖާ ހާސިލުކުރެވޭ. ތިއީ ކޮން ބައެއްކަން އަހަރެމެންނަށް އެނގޭ."
ރައީސް ޒެލެންސްކީގެ މި ވީޑިއޯ މެސެޖްގައި، ރަޝިޔާ ސިފައިންގެ ފުރާނަ ސަލާމަތްކުރުމަށް އިތުރު ފުރުސަތެއް ދެއްވި އެވެ.
"ޔޫކްރޭން ރައްޔިތުންގެ ފަރާތުން ކަލޭމެންނަށް އަހަރެން މި ދެނީ ފުރުސަތެއް. ފުރާނަ ސަލާމަތް ކުރާނެ ފުރުސަތެއް. އަހަރެމެންގެ ސިފައިންގެ ކުރިމަތީގައި ކަލޭމެން ހަތިޔާރު ބަހައްޓައި އަމާން ދީފިއްޔާ، އިންސާނުންނާ މެދު މުއާމަލާތުކުރަންޖެހޭ ގޮތަށް ކަލޭމެންނާ ދޭތެރޭ މުއާމަލާތުކުރާނަން. މީހުންނަށް ވީތީ އިންސާނީ ކަރާމާތްތެރިކަމާ އެކު. ކަލޭމެންގެ ލަޝްކަރުގެ ތެރޭގައި ވެސް ކަލޭމެންނާ މުއާމަލާތު ނުކުރާހާ އޯގާތެރިކަމާ އެކު މުއާމަލާތުކުރާނަން. އަދި ކަލޭމެންގެ ސިފައިން އަހަރެމެންނާ ދޭތެރޭގައި ވެސް މުއާމަލާތު ނުކުރާ ގޮތަށް."
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޔޫކްރޭންގެ ދިފާއީ ހަމަލާތައް ވަރުގަދަވާނެތީ، ޔޫކްރޭން ރައްޔިތުންގެ ފަރާތުން ދިން މި ފުރުސަތުގެ ބޭނުން ހިފުމަށް، ރަޝިޔާ ސިފައިންގެ ކިބައިން، ރައީސް ޒެލެންސްކީ އެދިވަޑައިގަތެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި ހުސްވި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ފަތިހުން ފެށިގެން، ޔޫކްރޭނަށް ދެމުންދާ ހަމަލާތަކުގައި، މިހާތަނަށް ރަޝިޔާގެ 80 މަތިންދާބޯޓު ވަނީ، ޔޫކްރޭންގެ ދިފާއީ ހަމަލާތަކުގައި ވައްޓާލައިފަ އެވެ. އަދި ޔޫކްރޭން ސިފައިންގެ ހަމަލާތަކުގައި ވެއްޓުނު، ރަޝިޔާ ސިފައިންގެ ހެލިކޮޕްޓަރުތަކުގެ އަދަދު ވަރަށް އަވަހަށް 100 އަށް އަރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭން ސިފައިންގެ ރައްދު ހަމަލާތަކުގައި ކުރިމަތީގައި ހަނގުރާމައިގެ މައިދާނުން ފިލައިގެންދާ ރަޝިޔާ ސިފައިން ދޫކޮށްލާ ހަތިޔާރުތަކާއި އަސްކަރީ ސާމާނުތަކަކީ، ޔޫކްރޭން ސިފައިން ބޭނުންކުރުމަށް ލިބޭ ތަކެއްޗެވެ.