އަލްހާންގެ ފަންޑުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި
އަލްހާންގެ ފަންޑުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އިސްކޮށް ހުންނަވައި، އޭނާގެ ކުންފުނި "ކިންގްސް ފޮރެކްސް ޓްރޭޑިން" އިން ހިންގާ އިންވެސްޓްމަންޓް ފަންޑުގެ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، މި ވަގުތު ކުރިއަށްދަނީ މައްސަލައިގެ ތަހުގީގުގެ ކުރިން ބަލަން ޖެހޭ ކަންކަން ދެނެގަތުން ކަމަށެވެ. މި މައްސަލައާ ގުޅިގެން ބީޢެމްއެލް އިން ވަނީ އަލްހާންގެ ކުންފުނީގެ އެކައުންޓް ފްރީޒް ކޮށްފަ އެވެ.

ކިންގްސް އިން ހިންގަނީ ޕޮންޒީ ސްކީމެއް ކަމަށް ބަލައި، ހުއްދަނެތް އެފަދަ ސްކީމްތަކުގައި ބައިވެރި ނުވުމަށް އެމްއެމްއޭ އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ވަނީ ގޮވާލައިފަ އެވެ. އެކަމަކު އަލްހާން ވިދާޅުވެފައި ވަނީ އާންމުންގެ އަތުން ފައިސާ ހޯދައިގެން އޭނާ ކުރާ ވިޔަފާރިއަކީ ފޮރެކްސް ކަމަށެވެ. އަދި އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ ފަންޑުގައި ބައިވެރިވި އެއްވެސް މީހަކަށް ލަނޑެއް ލިބިފައެއްނުވާނެ އެވެ.

އެމްއެމްއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ބުނީ އެނގިފައިވާ ގޮތުގައި އެ ފްރޯޑް ހިންގަނީ ރާއްޖޭގެ ވަރަށް ބޮޑު ކުންފުންޏަކުން ކަމަށް ވާއިރު، މިހާތަނަށް 30 މިލިއަނަށް ވުރެ ގިނަ ފައިސާ އެ ކުންފުނިން ވަނީ ދައުރުކޮށްފަ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ތިން މަހެއްހާ ދުވަހުގެ ތެރޭގައި އޭނާގެ ފަންޑުގައި 100 މިލިއަން ރުފިޔާ ވަނީ ދައުރުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ކިންގްސް ކުންފުނިން މިއަދު 10:15 ގައި ނޫސްވެރިންނަށް މައުލޫމާތު ދޭން ވަނީ ނިންމައިފަ އެވެ.