14 މާޗް 2022 - 17:57

ދަ ގްރާންޑޭގެ މައްޗަށް 4-0 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ރޭހުގައި ޓީސީން ހިފަަހައްޓައިފި އެވެ.
މެޗުން މޮޅުވެ ޓީސީން ވަނީ، ގަދަ ހަތަރެއްގެ ތެރެއަށް ވަދެފަ އެވެ. ހަ މެޗުން އެޓީމަށް ހޯދުނީ ނުވަ ޕޮއިންޓެވެ. ގްރާންޑޭ އަތީ އެންމެ ޕޮއިންޓަކާއެކު ތާވަލުގެ ފުލުގަ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޓީސީން ލަނޑު ޖެހިނަމަވެސް ނުރައްކާތެރި ފުރުސަތުތަކެއް ނުއުފެއްދެ އެވެ. މެޗުގެ 12 ވަނަ މިނެޓްގައި ޓިސީގެ މިސްރުގެ ފޯވާޑް އުމަރު ސަލާހް ލަނޑު ޖެހީ ގްރާންޑޭގެ ކީޕަރު އިސްމާއީލް ޝިހާމް ހެދި ބޮޑު ގޯހުން ތަނަވަސްވި ބޯޅައިންނެވެ.
ބޯޅަ ހޯދައި ޝިހާމް މަސައްކަތް ކުރީ އޭރިއާގެ ތެރޭގައި ހުރި ގްރާންޑޭގެ ކެޕްޓަން ސަމާމް ގާސިމް (ޝަންމެ) އަށް ތިރިތިރިން ދިނުމަށެވެ. ޝިހާމް އަތުން ދޫކޮށްލި ބޯޅަ ޝަންމެ އަށް ފޯރާވަރެއް ނުވި އެވެ. އެބޯޅަ އަށް އަރައި ސަލާހް ވަނީ ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.
ފުރަތަމަ ހާފުގައި ގްރާންޑޭ އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. އެޓީމުގެ ލަންކާގެ ފޯވާޑް ދިލްޝަން ޗަމޯދު އޭރިއާގެ ބޭރުން ނުރައްކާތެރިކޮށް ފޮނުވައިލި ބޯޅަ ދިފާއު ކުރުމުގައި ޓީސީގެ ކީޕަރު ސުޖަން ޕެރާރާ އަށް އުނދަގޫވި އެވެ. އެކަމަކު އޭނާ ވަނީ ވެއްޓިގެންފައި ބޯޅަ އަތުން ޖަހައި ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އޭގެ ފަހުން ގްރާންޑޭ އަށް ލިބުނު ހިލޭ ޖެހުމެއްގައި ލަންކާގެ ފޯވާޑް މުހައްމަދު އާކިބް ފައިޒަލް ފޮނުވައިލި ހިލޭ ޖެހުން ވެސް ކީޕަރު ސުޖަން ވަނީ ޑައިވްކޮށް ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.
ދެވަނަ ހާފު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ ގްރާންޑޭ އެވެ. ފުރުސަތުތަކެއް ތަނަވަސް ކުރުމަށް އެޓީމުން މަސައްކަތް ކުރި އެވެ. އެކަމަކު ޓީސީގެ އެޓޭކްތައް ފަހުން ވަރުގަދަވީ އެޓީމުން ގެނައި ބަދަލު ތަކުންނެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް މުހައްމަދު މުސްލީހް (މުއްޓި) ދެލަނޑު ޖެހި އެވެ.
ޓީސީގެ ދެވަނަ ލަނޑު މުސްލިހް ޖެހީ އޭރިއާގެ ބޭރުން ފޮނުވައިލި ބާރު ބޯޅައިންނެވެ. ހާފުގެ މެދެއްހާ ހިސާބުން މުސްލިހް ފޮނުވައި ބޯޅަ ގޯލަށް ވަނީ ކީޕަރު ޝިހާމް ޕަންޗުކުރަން އުޅުނު ބޯޅަ ގޮސް ގޯލްގެ ތެރެއަށް ވަނުމުންނެވެ. މުސްލިހް ދެވަނަ ލަނޑު ޖެހީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ދިން ބޯޅައިން އޭރިއާ ތެރެއަށް ވަދެ މުސްލިހް ވަނީ ކީޕަރު ހުރި ދިމާލަށް ފޮނުވައިލައިފަ އެވެ. ކީޕަރު ޝިހާމް ޑައިވް ކުރި ނަމަވެސް ބޯޅަ ގޯލަށް ވަނީ އޭނާގެ ގައިގައި ޖެހިފަ އެވެ.
ޓީސީގެ ހަތަރުވަނަ ލަނޑު ޖެހީ ޑިފެންޑަރު މުހައްމަދު އަޖުފާން އެވެ. ޓީސިގެ ކުޅުންތެރިން ފޮނުވާލި ބޯޅަ ގްރާންޑޭގެ ކުޅުންތެރިން ދިފާއު ކުރުމުން ރީބައުންސްވި ބޯޅަ އަޖުފާން ވަނީ އޭރިއާގެ ތެރޭގައި ހުރެފައި ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ