ބޮޑެތި މީހުންގެ މަންމަގެ ރޯލު ކުޅެން ޝެފާލީ ބޭނުމެއްނުވޭ
ބޮޑެތި މީހުންގެ މަންމަގެ ރޯލު ކުޅެން ޝެފާލީ ބޭނުމެއްނުވޭ

ބޮލީވުޑްގެ ތަރި ޝެފާލީ އަށް ކާމިޔާބީ އާއި މަޝްހޫރުކަން ހޯދަން ކުރަން ޖެހުނީ އެހާ ފަސޭހަ ދަތުރެއް ނޫނެވެ. އެކަމަކު މިހާރު އުުމުރުން 48 އަހަރުގައި އޭނާ އަކީ މަގުބޫލު ތަރިއެކެވެ. ތަފާތު އެކި ރޯލުތަކުން އޭނާ ފެނެ އެވެ.

ޝެފާލީ ވަނީ 2005 ވަނަ އަހަރު ނެރުނު ފިލްމު "ވަގުތު" ގައި އަކްޝޭ ކުމާރްގެ މަންމަގެ ރޯލު ކުޅެފަ އެވެ. އޭރު އޭނާގެ އުމުރުން 32 އަހަރެވެ. އަދި އަކްޝޭގެ އުމުރުން 37 އަހަރެވެ. އަދި ފަހުން ޒޯޔާ އަކްތަރުގެ "ދިލް ދަޅަކްނެ ދޯ" ގައި ރަންވީރު ސިންގް އާއި ޕްރިޔަންކާ ޗޯޕްރާގެ މަންމަގެ ރޯލު ވެސް އޭނާ ކުޅުނެވެ.

ޒުވާން އުމުރުގައި ބޮޑު މީހެއްގެ މަންމަގެ ރޯލު ކުރިން ކުޅުނަސް، މިހާރު އެކަން ކުރަން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ.

ޝެފާލީ ބުނީ އެއްވެސް ރޯލެއް ކުޅެން ބަޔަކު އޭނާ އަށް މަޖުބޫރުނުކުރާ ކަމަށެވެ. އަދި ރަނގަޅު ރޯލަކަށް އެކްޓްކުރަން ލިބިއްޖެ ނަމަ، އެއީ މަންމައެއްގެ ރޯލު ނުވަތަ ސަޕޯޓިން ރޯލެއް ވިޔަސް އެކަމުގައި މައްސަލައެއް ނެތް ކަމަށް ބުންޏެވެ.

އެކަމަކު އޭނާގެ ކަންބޮޑުވުމަކީ އޭނާ ކުޅޭ ކެރެކްޓާ އާއި ލީޑް ތަރިއާ އޮންނަ ގުޅުން އަޅާ ކިޔާ މައްސަލަ އެވެ. ކުރިން އޭނާ އަށް ވުރެ ބޮޑެތި މީހުންގެ މަންމަގެ ރޯލު ކުޅުނު ނަމަވެސް މިހާރު އެކަން ކުރަން ބޭނުން ނުވަނީ ވަކި ޒުވާން ވާންވެގެން ނޫން ކަމަށް ވެސް ބުންޏެވެ.

އޭނާގެ ވެސް އުމުރުން 18 އާއި 19 އަހަރުގެ ކުދިން އެބަ ތިބި ކަމަށާއި އެވަރު ކުއްޖެއްގެ މަންމަގެ ރޯލު ކުޅެވިދާނެ ކަމަށް ބުންޏެވެ. އެކަމަކު 25 ނޫނީ 30 އަދި 40 އަހަރުގެ މީހުންގެ މަންމަ އަށް ވާން ބޭނުންނުވާ ކަމަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އުމުރުގެ ސަބަބުން ކުޅެން ލިބެނީ މަންމަ ނޫނީ ބޮޑުދައިތަ އަދި ދައްތައެއް ނޫނީ ރަހުމަތްތެރިއެއްގެ ރޯލު ކަމަށެވެ. ނޫނީ އަޑުއެޅުމުގެ މަސައްކަތް ކަަމަށެވެ. އެގޮތަށް ކުރިން އޮންނައިރު ރަނގަޅު ކެރެކްޓާއެއް ކުޅެ ވެސް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

ކުރިން އެގޮތަށް އޮތަސް، މިހާރު ކަންކަން ބަދަލުވަމުން އަންނަ ކަމަށާއި މިހާރު އަންހެނުންނަށް ވެސް ވަރުގަދަ ރޯލުތައް ކުޅެން ލިބޭކަ ން އޭނާ ފާހަގަކުރި އެވެ.

ޝެފާލީގެ ކުރިއަށް އޮތް ފިލްމަކީ އޭނާ އާއި ވިދްޔާ ބަލަން ލީޑު ރޯލު ކުޅޭ "ޖަލްސާ" އެވެ.