ދިޔަމިގިލީ މުދިމު ގަޔަށް ވަޅި ހެރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ދިޔަމިގިލީ މުދިމު ގަޔަށް ވަޅި ހެރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތ. ދިޔަމިގިލީ މިސްކިތު މުދިމުގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ވަޅި ހަރާފައި ވަނީ އިއްޔެ ހެނދުނު 9:30 ހާއިރު އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ހަމަލާ ދެނީ މަގުމަތީގައި ދެމީހުން ވާހަކަ ދައްކަން ތިބެފަ އެވެ. ހަމަލާ ދެނީ ބައިސްކަލެއްގެ މަތީގައި މަޑުކޮށްލައިގެން އިނދެ ވާހަކަ ދައްކަން ހުއްޓަ އެވެ.

ހަމަލާ ދިނުމުން ބައިސްކަލުން ވެއްޓި ގެއެއްގެ ފާރުބުޑުގައި އޮއްވައި ފަސް ވަރަކަށް ފަހަރު ވަޅި ހަރައި އެތަނުން ހިނގައިގަތުމަށް ފަހު އަލުން އެނބުރި ގޮސް އަނެއްކާވެސް ހައެއްކަ ފަހަރު އެތަން މިތަނަށް ވަޅި ހަރައި ޒަހަމްކޮށްލާތީ ފެނެ އެވެ.

ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި މިކަން ކުރި އިރު މަގުމަތީގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ވަޅި ހެރުމުން އެ ވެއްޓިފައި އޮއްވައި، ހަމަލާދިން މީހާ އެތަނުން ދިޔައީ ވަރަށް ހަމަޖެހިލައިގެންނެވެ.

ހަމަލާގެ ތުހުމަތަށް ހައްޔަރުކުރި 35 އަހަރުގެ ދިވެހި ފިރިހެންމީހާ ޝަރީއަތް ނިމެންދެން ބަންދުކުރީ، ބަންދާ މެދު ގޮތެއް ނިންމަން ތ. މަޑިފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންނެވެ.

އަނިޔާވި 55 އަހަރުގެ މީހާއަށް ފަރުވާދެނީ އައިޖީއެމްއެޗްގަ އެވެ. އަނިޔާވި މީހާގެ އާއިލާގެ މެމްބަރަކު، "މިހާރު" އަށް ބުނި ގޮތުގައި އެ މީހާގެ 13 ވަރަކަށް ތަނަށް ވަޅި ހަރާފައިވެ އެވެ. އެންމެ ފުރަތަމަ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު، ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ވެސް ގެންދިޔަ އެވެ. މާލެ ގެނައީ ރޭގެ ވަގުތެއްގައި ކަމަށް ބުންޏެވެ.

އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށާއި ސާޖަރީއެއް ހަދަން ޖެހޭކަން އެނގޭނީ ޓެސްޓްތައް ހެދުމަށް ފަހު ކަމަށް އޭނާ ބުނެ އެވެ.

އޭނާ ބުނި ގޮތުގައި ހަމަލާ ދިން މީހާ އާއި ޒަހަމްވި މީހާ އަކީ ވެސް ދުވަސްވީ ދެ އެކުވެރިންނެވެ. އެކަކު އަނެކަކުގެ ގެއަށް ޒިޔާރާތްކޮށް ދެ މީހުން އެކުގައި ކޮފީތަކަށް ވެސް ގޮސް އުޅެ އެވެ.

އަނިޔާވި މީހާއާ ހަވާލާދީ އޭނާ ބުނީ ވަޅި ހެރީ ކީއްވެކަން ނޭނގޭ ކަމަށާއި ދެ މީހުންގެ މެދުގައި މައްސަލައެއް އޮތްކަން ވެސް އެނގިފައި ނެތް ކަމަށެވެ. އެކަމަކު އެ ދިން ހަމަލާ އަމާޒުވި ގޮތުން ދެ މީހުންގެ މެދުގައި ކޮންމެވެސް ދެބަސްވުމެއް ހިނގި ކަމަށް އޭނާ ތުހުމަތުކުރެ އެވެ.