އާރަށް މައްސަލާގައި ދިފާއީ ހެކި ހުށަހަޅަން ޔާމީނަށް ފަސް ދުވަސް
އާރަށް މައްސަލާގައި ދިފާއީ ހެކި ހުށަހަޅަން ޔާމީނަށް ފަސް ދުވަސް

ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ދިފާއުގައި ހެކި ހުށަހަޅަން ޔާމީނަށް ފަސް ދުވަހުގެ ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ރިޝްވަތު ދިނުމުގެ ދައުވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހެކި ހާމަކުރި އެވެ. އެއީ ކޮން ހެކިތަކެއް ކަން އަޑުއެހުމުގައި ކިޔައިދިނުމުގެ ބަދަލުގައި ދައުލަތުން ބުނީ ދައުވާއާ އެކު ހުށަހެޅި ލިޔުންތަކުގައި ހިމަނާފައިވާ ހެކިތަކަކީ އެ މައްސަލާގައި ހުށަހަޅަން ބޭނުންވާ ހެކިތައް ކަމަށެވެ.

ދިފާއުގައި ހެކި ހާމަކުރަން ޔާމީނާއި ޔޫސުފް ނައީމަށް ފުރުސަތު ދެއްވުމުން އެ ބޭފުޅުން އެދިވަޑައިގަތީ އިތުރު ފުރުސަތަކަށެވެ. އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ދެއްވީ ފަސް ދުވަހުގެ މުއްދަތެކެވެ. ދެން އޮންނާނީ ދިފާއުން ހެކި ހާމަކުރުމާއި އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު މަދަނީ މިންގަނޑުން ގޮތެއް ނިންމުމެވެ. އެ އަޑުއެހުން މިމަހުގެ 31 ވަނަ ދުވަހު އޮންނާނެ އެވެ.

އެ މައްސަލާގެ އަޑުއެހުންތައް ލައިވްކުރަން ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި އެދިފައިވާ އެދުން އެމަނިކުފާނުގެ ވަކީލުން މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. އިސްގާޒީ ޝަކީލް ވިދާޅުވީ އިބްތިދާއީ މަރުހަލާ ނިމި، ޝަރީއަތުގެ މަރުހަލާ ފެށޭއިރު ލައިވް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މިހާތަނަށް ޝަރީއަތް ލައިވް ނުކުރެވި އޮތީ ކޯޓުގައި އެކަމަށް ބޭނުންވާ މުވައްޒަފުން ނެތިގެންނެވެ.

އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް ދައުލަތުން ދަައުވާކުރެ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.