14 މާޗް 2022 - 10:45

ރަޝިޔާ ސިފައިން ޔޫކްރޭންގެ ހުޅަނގުގެ ސަރަހައްދަށް އިއްޔެ ދިން މިސައިލް ހަމަލާތައް އޭގެ އަމާޒަށް ވާސިލުވެ ގޮވަމުން ދިޔަ ވަގުތު، އެ ސަރަހައްދުގެ މުޅި އުޑުމަތި ރަތްވެގެން ދިޔަ ކަމަށް، އެ ހަމަލާތަކުގެ ގަދަފަދަކަން ތަޖުރިބާކުރި މީހުން ބުނެފި އެވެ.
އިއްޔެ ފަތިހުން ފެށިގެން ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން މިސައިލް ހަމަލާތައް އަމާޒުކުރަމުން ދިޔައީ، ޔޫކްރޭނާއި ޕޮލޭންޑް ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޔޫކްރޭން ސިފައިންގެ އަސްކަރީ މަރުކަޒަކަށެވެ. ޔޫކްރޭންގެ ހުޅަނގު ސަހަރެއް ކަމަށްވާ ޔަވޮރީވްގައި ހުންނަ، އިންޓަނޭޝަނަލް ޕީސްކީޕިން އެންޑް ސެކިއުރިޓީ ސެންޓަރުގެ ނަން ދީފައިވާ އަސްކަރީ ތަމްރީން މަރުކަޒަށް ރަޝިޔާގެ ބޯޓުތަކުން 30 ކުރޫޒް މިސައިލް ފޮނުވައިލި އެވެ.
ރަޝިޔާގެ މި ހަމަލާތަކުގައި މަދުވެގެން 35 މީހަކު މަރުވިކަން މިހާތަނަށް ވަނީ ކަށަވަރުވެފަ އެވެ. އަދި އިތުރު 134 މީހަކު ޒަހަމްވި ކަމަށް ވެސް ޔޫކްރޭން ސަރުކާރުން ބުނެ އެވެ. ޔޫކްރޭންގެ ހުޅަނގު ސަރަހައްދުގެ ގަވަރުނަރު މަކްސީމް ކޮޒީޓްސްކީ ވިދާޅުވި ގޮތުގައި އެ މަރުކަޒަށް، ރަޝިޔާގެ ހަނގުރާމަތީ މަތިންދާބޯޓުތަކުން 30 ރޮކެޓް ފޮނުވައިލި އެވެ. ނަމަވެސް، ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުން ވަނީ އޭގެ ތެރެއިން ބައެއް ރޮކެޓަށް ހަމަލާދީ، އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން ވައިގެ ތެރޭގައި ގޮއްވާލައިފަ އެވެ.
ރަޝިޔާގެ މިސައިލް ހަމަލާތައް އަމާޒުވި މަރުކަޒުގެ ބައެއްގައި އަލިފާން ރޯވެ އަނދާފައިވާ އިރު، އެ މަރުކަޒުގެ ގޯތި ތެރޭގައި ބޮޑު ވަޅުގަނޑެއް ވަނީ ހެދިފަ އެވެ. އެ ސަރަހައްދާ ކައިރީގައި ހުރި އެޕާޓްމެންޓެއްގައި ދިރިއުޅޭ 19 އަހަރުގެ ދަރިވަރަކު ބީބީސީ އަށް ބުނި ގޮތުގައި މިސައިލްތައް ގޮވަން ފެށުމާއެކު މުޅި އުޑުމަތި ރަތްވެގެން ދިޔަ އެވެ.
އޭނާ ބުނި ގޮތުގައި ކުއްލިއަކަށް މިސައިލްތައް ގޮވަން ފެށި އިރު، އެފަދަ ހަމަލާއެއް އަންނަ ކަމުގެ އިންޒާރުގެ ބަރުގޮނެއް ނާޅަ އެވެ. އަދި އެންމެން ނިދާފައި ތިއްބާ ކުއްލިއަކަށް ހޭލެވުނީ މިސައިލްތައް ގޮވަން ފެށި އަޑަށެވެ. މިސައިލްތައް ގޮވަން ފެށުމާ އެކު، އެ އިމާރާތުގައި ދިރިއުޅޭ އެންމެން، އިމާރާތުގެ ބިންގަރާހަށް ފޭބީ ކަމަށް ވެސް އޭނާ ބުންޏެވެ.
ރަޝިޔާގެ މިސައިލް ހަމަލާތައް އަމާޒުވި ސަރަހައްދުގައި، ވެރިރަށް ކިޔޭވް ދޫކޮށްފައި އައި ބައެއް މީހުން ވެސް މިހާރު އަންނަނީ ދިރިއުޅެމުންނެވެ. އެ މީހުން ބުނި ގޮތުގައި ރަޝިޔާ ސިފައިން ކިޔޭވް އަށް ހަމަލާ ދިން އިރުވެސް، އިއްޔެ ދިން ފަދަ ވަރުގަދަ ހަމަލާތަކެއް ތަޖުރިބާއެއް ނުކުރެވެ އެވެ.
ސުލްހަ ބަލަހައްޓާ މަރުކަޒުގެ ނަމުގައި ހިންގާ އެ މަރުކަޒަކީ، އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުގެ އަސްކަރީ އިންސްޓްރަކްޓަރުންގެ އެހީގައި ޔޫކްރޭން ސިފައިން ތަމްރީން ކުރުމަށް ބޭނުންކުރަމުން އައި މަރުކަޒެއް ކަމަށް، ބީބީސީން ބުނެ އެވެ. ނަމަވެސް އިއްޔެގެ ހަމަލާތައް އަމާޒުވި ވަގުތު، އެ މަރުކަޒުގައި އެމެރިކާ ނުވަތަ ނޭޓޯގެ އިންސްޓްރަކްޓަރުން ތިބިކަން ޔަގީން ނުވާ ކަމަށް ވެސް ބީބީސީން ބުންޏެވެ.
ރަޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސަރްގޭ ރިޔަބްކޯވް ވިދާޅުވި ގޮތުގައި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ފޮނުވާ ހަތިޔާރުތައް އެގައުމަށް އެތެރެކުރާ އުޅަނދުތަކަކީ ހަނގުރާމައިގެ އަމާޒަކަށް ވެދާނެ ކަމަށް ކުރިން ވެސް އޮންނާނީ އިންޒާރު ކޮށްފަ އެވެ.
މި އަސްކަރީ މަރުކަޒާއި، ޔޫކްރޭންގެ ހުޅަނގުން އޮންނަ ނޭޓޯގެ މެމްބަރު ގައުމެއް ކަމަށްވާ ޕޮލެންޑްގެ ސަރަހައްދީ ރޮނގާ ދެމެދު ހުންނަނީ އެންމެ 25 ކިލޯމީޓަރެވެ. ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް ކުރާ ހަނގުރާމައިގައި ބޭނުންކުރުމަށް އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ޔޫކްރޭން ސިފައިންނަށް ފޮނުވާ އަސްކަރީ ސާމާނުތައް ޔޫކްރޭނަށް އެތެރެކުރަނީ، ޕޮލެންޑްގެ ތެރެއިންނެވެ.
އޭގެ އިތުރުން ޔޫކްރޭން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ފައިބާ މީހުން އެ ގައުމުން ނުކުންނަ މައި ދޮރޯއްޓަކީ ވެސް ޕޮލެންޑެވެ.