ސްޓާސް އެކަޑަމީ އަށް އެމެރިކާގެ ކޯޗެއް ހަމަޖައްސައިފި
ސްޓާސް އެކަޑަމީ އަށް އެމެރިކާގެ ކޯޗެއް ހަމަޖައްސައިފި

ރާއްޖޭގެ އެންމެ ބޮޑު އެއް ބާސްކެޓްބޯޅަ އެކަޑަމީ، ސްޓާސް އެކަޑަމީ އަށް އެމެރިކާގެ ޒުވާން ކޯޗެއް ކަމަށްވާ ރިޗަޑް ރެޑްފާން ހަމަޖައްސައިފި އެވެ.

ސްޓާސް އެކަޑަމީ އަށް އެމެރިކާގެ ކޯޗެއް ހަމަޖައްސައިފި
ސްޓާސް އެކަޑަމީ އަށް އެމެރިކާގެ ކޯޗެއް ހަމަޖައްސައިފި

ރެޑްފާން، 25، އަކީ އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ބާސްކެޓްބޯޅަ ޓްރޭނިން ސެންޓަރުގެ ކޯޗާސް ޓީމު އިންޓަނޭޝަނަލް (ސީޓީއައި) ގައި މަސައްކަތް ކުރާ ކޯޗެކެވެ. ސީޓީއައި އާއި ސްޓާސްއާ ދެމެދު 2018 ވަނަ އަހަރުން ފެށިގެން ދަނީ ޓްރޭނިންގެ އެކްސްޗޭންޖް ޕްރޮގްރާމް ހިންގަމުންނެވެ.

ސްޓާސް އެކަޑަމީގައި ރެޑްފާން މަސައްކަތް ކުރާނީ ތިން މަސް ދުވަހުގެ އެއްބަސްވުމުގެ ދަށުންނެވެ. މާލެ އާއި ހުޅުމާލޭގައި އޭނާ ޓްރޭނިން ކުރިއަށް ގެންދާނެ އެވެ.

ސީޓީއައި އިން ވަނީ މިދިޔަ އަހަރު ވެސް އެމެރިކާގެ ކޯޗުން ފޮނުވައިގެން ރާއްޖޭގައި ޓްރޭނިންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މީގެ ކުރިން ރާއްޖޭގެ އަންހެން ޓީމަށް ވެސް ޓްރޭނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ސްޓާސް އަކީ، ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން ހަރަކާތްތައް ކުރިއަށްގެންދާ އެކަޑަމީ އެކެވެ. އެ އެކަޑަމީން ވަނީ އެމެރިކާގެ ބާސްކެޓްބޯޅައިގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓްރޭނިންތައް ކުރިއަށްގެންދާ "ޝޫޓް 360" އާ އެކު ވެސް އެއްބަސްވުމެއް ހަދައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ސްޓާސް އެކަޑަމީގެ ކުދިން މި އަހަރު އެމެރިކާ އަށް ޓްރޭނިން އަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ސްޓާސް އަށް އެ ފުރުސަތު ހޯދައިދިނުމުގައި އެހީތެރިވެ ދިނީ، އެމެރިކާގެ ގައުމީ ބާސްކެޓްބޯޅަ ލީގު، އެންބީއޭގައި ވާދަކުރާ ލޮސް އެންޖެލިސް ލޭކާސްގެ ސްކައުޓް ވިލީ ސެމިއުލް އެވެ.

"ޝޫޓް 360 ޓެކްނޮލޮޖީގެ އެހީގައި ކުރިއަށް ގެންދާ ޓްރޭނިންތަކުން ދެނެގަނެވޭނެ، މިސާލަކަށް ހޫކާސް އަށް ބޯޅަ އެއްލާއިރު ބޯޅަ އުފުލާލާ ޕަސެންޓޭޖް ކަހަލަ އެއްޗެހި. ސްކްރީނެއްގެ ކުރިމަތީގައި ތިބެގެން ޓްރޭނިން ހަދާނީ. ޝޫޓިންގެ އިތުރުން ބޯޅަ ހޭންޑްލިން އަދި ޑްރިބްލިން އަށް ވެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓްރޭނިންތައް ކުރިއަށްގެންދާނީ. ދެން އޭގެ އެހީގައި ޓްރޭންކުރީމަ ކުޅުންތެރިޔާގެ ވަކިވަކި ހުނަރުތައް ތަރައްގީ ކުރަން ފަސޭހަ ވެގެންދާނެ،" ސްޓާސް އެކަޑަމީގެ ހެޑް ކޯޗު ހުސައިން ޒަމީލް (ޒަމްބެ) ބުނެފައިވެ އެވެ.