ރާއްޖެ ފުރަތަމަ މެޗުގައި މާދަމާ ނޭޕާލާ ދެކޮޅަށް
ރާއްޖެ ފުރަތަމަ މެޗުގައި މާދަމާ ނޭޕާލާ ދެކޮޅަށް

ބަންގްލަދޭޝްގައި މާދަމާ ފަށާ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ނޭޕާލް ބައްދަލުކުރަން ޖެހިއްޖެ އެވެ.

މިދިޔަ އަހަރާއި ހިލާފަށް މި އަހަރު މި މުބާރާތް ކުރިޔަށްދާނީ ލީގު އުސޫލުންނެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ ފަސް ގައުމަކުންނެވެ. އެއީ ރާއްޖެ އާއި ނޭޕާލްގެ އިތުރުން ކިރްގިސްތާނާއި ބަންގްލަދޭޝް އަދި އަފްގާނިސްތާން އެވެ.

އެންމެ ފަހު މުބާރާތުން ރާއްޖެ ބަލިވީ ފައިނަލުގައި ތުރުކަމަނިސްތާން އަތުންނެވެ. މި ފަހަރުގެ މުބާރާތުގައި ތުރުކަމަނިސްތާން ވާދައެއް ނުކުރެ އެވެ.

ނޭޕާލް - ރާއްޖެ (22 ޑިސެމްބަރު 2016، ރާއްޖެ ގަޑިން 17:00)

ރާއްޖެ - ކިރްގިސްތާން (24 ޑިސެމްބަރު 2016، ރާއްޖެ ގަޑިން 14:00)

ރާއްޖެ - އަފްގާނިސްތާން (25 ޑިސެމްބަރު 2016، ރާއްޖެ ގަޑިން 14:00)

ބަންގްލަދޭޝް - ރާއްޖެ (26 ޑިސެމްބަރު 2016، ރާއްޖެ ގަޑިން 16:00)

ރާއްޖެ ޓީމުގެ ކޯޗު ކުމާރާ ވެންޑަކޫން އިއްޔެ ފުރަތަަމަ ފަރިތަކުރުންތައް ނިންމާލުމަށް ފަހު ބުނީ މުބާރާތުގެ ފޯމެޓް އިން ގޮތުން ފައިނަލަށް ދަނީ ލީގު ބުރުގެ އެންމެ ކުރީގައި އޮންނަ ދެ ޓީމު ކަމަށްވާތީ ފައިނަލުން ޖާގަ ހޯދަން ތިން މެޗުން މޮޅުވާން ޖެހޭ ކަމަށް ބުނެފަ އެވެ.

މި މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއް ވެސް ވަނީ މީގެ ކުރިން އެކި މުބާރާތްތަކުގައި ރާއްޖެއާ ދެކޮޅަށް ކުޅެ ބަލިވެފަ އެވެ. އެހެން ނަމަވެސް އެ ހުރިހާ ޓީމެއް ވެސް ކުރިއަށް ވުރެން ރަނގަޅުވާނެ ކަމަށް ގައުމީ ކޯޗު ވެންޑަކޫން ބުންޏެވެ.

ރާއްޖެ އަށް އެންމެ އުނދަގޫ ވާނީ ލީގު ބުރުގެ ފަހު މެޗުގައި ކަމަށް ބެލެވެ އެވެ. އެއީ ބަންގްލަދޭޝްގައި ކުޅޭއިރު އެ ޓީމަށް ހޯމް އެޑްވާންޓޭޖް ބޮޑުވާނެ ކަމަށް ގަބޫލުކުރެވޭތީ އެވެ. ކޯޗު ވެންޑަކޫން ބުނީ ރާއްޖޭގެ ޓީމަށް ޕްރެޝަރުގައި ކުޅުމަކީ އާ ކަމަކަށް ނުވާނެ ކަމަށާއި މި ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ކުޅެ އެކަން ތަޖުރިބާ ކޮށްފައި ތިބި ކުޅުންތެރިން ކަމަށެވެ.

މިދިޔަ މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ ވާދަކޮށް ރާއްޖެ ވަނީ ބަލިވެފަ އެވެ.