14 މާޗް 2022 - 05:57

ރަޝިއާގައި ފޭސްބުކް މަނާކުރިތާ ހަފުތާއެއް ފަހުން، މިއަދުން ފެށިގެން އެ ގައުމުގައި އިންސްޓަގްރާމް ވެސް ބޭނުންކުރުން މަނާކުރަން ނިންމައިފި އެވެ.
ރަޝިއާގެ ސަރުކާރުން ބުނި ގޮތުގައި، އިންސްޓަގްރާމް މަނާކުރަން ޖެހުނީ އެ އެޕްގެ މައި ކުންފުނި މެޓާ އިން އެ ޕްލެޓްފޯމުގައި ރަޝިއާގެ ސިފައިންނަށް އަނިޔާވެރިވާން ގޮވާލާފައި ހުންނަ ކަމަށް ބުނާ ޕޯސްޓްތައް ހިއްސާކުރުން ހުއްޓުވާފައި ނުވާތީ އެވެ.
އިންސްޓަގްރާމްގެ އިސްވެރިޔާ އެޑަމް މޮސޭރީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރަޝިއާގެ ސަރުކާރުން އެ ގައުމުގައި އެ އެޕް މަނާކުރުމާ އެކު 80 މިލިއަން މީހުންނަށް އޭގެ އަސަރުކުރާނެ ކަމަށެވެ. އެ ގައުމުގައި އިންސްޓަގްރާމް ބޭނުންކުރާ 80 ޕަސެންޓް މީހުން އެހެން ގައުމުތަކުގެ އެއް އެކައުންޓްތައް ފޮލޯކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިއާގެ ސަރުކާރުން އެ ގައުމުގައި ފޭސްބުކް މަނާކުރީ އެ ޕްލެޓްފޯމް މެދުވެރިކޮށް އެ ގައުމުގެ މީޑިއާތަކަށް ތަފާތުކުރާކަމުގެ 26 މައްސަލައެއް ހުށަހަޅާފައި ވާތީ ކަމަށް ބުނެ އެވެ. އެ މައްސަލަތައް ހުށަހަޅާފައި ވަނީ އޮކްޓޯބަރު 2020 އިން ފެށިގެން ކަމަށް ބުންޏެވެ.
އެއް ކުންފުންޏަކުން ހިންގާ ފޭސްބުކް އާއި އިންސްޓަގްރާމް މަނާކުރި އިރު، އެ ގައުމުގައި ޓުވިޓާ ބޭނުންކުރަން ވެސް ސަރުކާރުން އެކި ކަހަލަ ހުރަސްތައް އަޅާފައިވެ އެވެ.
ރަޝިއާ އިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެމެރިކާ އާއި ޔޫރަޕްގެ މަޝްހޫރު ކުންފުނިތަކުން ދަނީ އެ ގައުމުގައި ދެމުންދާ ހިދުމަތްތައް ހުއްޓާލަމުންނެވެ. އެކަމާ ގުޅިގެން ރަޝިއާ ސަރުކާރުން ވެސް ދަނީ އެ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅަމުންނެވެ.