އިންޓަ ބަލިނުވެ ފަހު ވަގުތު ސަލާމަތް ވެއްޖެ
އިންޓަ ބަލިނުވެ ފަހު ވަގުތު ސަލާމަތް ވެއްޖެ

ޓިއުރިން (މާޗް 13) - އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން، ރަށުން ބޭރުގައި ޓޮރީނޯއާ ވާދަކުރި މެޗުން ބަލިނުވެ ސަލާމަތް ވެއްޖެ އެވެ.

ލީގު ތާވަލުގެ 11 ވަނައިގައި އޮތް ޓިރީނޯއާ ދެކޮޅަށް އިންޓަ ކުޅުނު މެޗް އެއްވަރުވީ 1-1 އިންނެވެ. މި މެޗުގެ 12 ވަނަ މިނިޓުގައި ޓޮރީނޯގެ ގްލޭސަބަން ބްރޭމާ ޖެހި ލަނޑުން އެ ޓީމު މޮޅުވާން ދަނިކޮށް، އިންޓަ އަށް މެޗުން ޕޮއިންޓެއް ހޯދީ، ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި އެޑިން ޒެކޯގެ އެހީތެރިކަމާ އެކު އެލެކްސިސް ސަންޗޭޒް ޖަހައިދިން ލަނޑުންނެވެ.

މި ނަތީޖާއާއެކު އިންޓަ އޮތީ 28 މެޗުން 59 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ ތިންވަނައިގަ އެވެ. ލީގްގައި އިންޓަ އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ. ދެ މެޗުން ބަލިވެފައި ވާއިރު، ހަތަރު މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އިންޓަގެ ފަހަތުން ހަތަރު ވަނައިގައި އޮތީ މި ހަފުތާގެ ބަންދުގައި 3-1 އިން ސަމްޑޯރިއާ ބަލިކުރި ޔުވެންޓަސް އެވެ. ޔުވެންޓަސް ވަނީ ކުޅުނު 29 މެޗުން 56 ޕޮއިންޓް ހޯދައިފަ އެވެ.

އިންޓަ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން 60 ޕޮއިންޓާ އެކު ދެވަނައިގައި އޮތީ ނަޕޯލީ އެވެ. ނަޕޯލީ ވަނީ ރަށުން ބޭރުގައި ރޭ ކުޅުނު މެޗުން 2-1 އިން ވެރޯނާ ބަލި ކޮށްފަ އެވެ. ނަޕޯލީގެ ދެ ލަނޑު ވެސް ޖަހައިދިނީ އެ ޓީމުގެ ނައިޖީރިއާގެ ފޯވާޑް ވިކްޓާ އޮސިމްހެން އެވެ. އޮސިމްހެން ދެ ލަނޑު ޖަހައިދީފައި ވަނިކޮށް، ވެރޯނާގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ޑޭވިޑޭ ފަރައޯނީ އެވެ.

އެއްވަނައިގައި އޮތީ 29 މެޗުން 63 ޕޮއިންޓް ހޯދާފައިވާ އޭސީ މިލާނެވެ. އެ ޓީމު ވަނީ ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 1-0 އިން އެމްޕޯލީ ބަލިކޮށްފަ އެވެ. މެޗުގެ ވަރަށް ކުރީކޮޅު އޭސީ މިލާނުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޑިފެންޑަރު ޕިއޭރޭ ކުލޫލޫ އެވެ.

އިޓާލިއަން ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ފަސްވަނައިގައި އޮތް އެޓަލާންޓާ އަމިއްލަ ދަނޑުގައި ޖެނޮއާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. އެޓަލާންޓާގެ ފަހަތުން ހަވަނައިގައި އޮތް އޭއެސް ރޯމާ ރަށުން ބޭރުގައި އުޑިނޭޒީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އަދި އަށްވަނައިގައި އޮތް ފިއޮރެންޓީނާ އަމިއްލަ ދަނޑުގައި ބޮލޯނިއާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 1-0 އިންނެވެ.