ޓޮރޭޒް އާއި ޑެމްބެލޭގެ މޮޅު ކުޅުމާ އެކު ބާސާ ފޯމު ދަމަހައްޓައިފި
ޓޮރޭޒް އާއި ޑެމްބެލޭގެ މޮޅު ކުޅުމާ އެކު ބާސާ ފޯމު ދަމަހައްޓައިފި

ބާސެލޯނާ (މާޗް 14) - ސްޕެނިޝް ލަ ލީގާގައި ބާސެލޯނާ އިން އަމިއްލަ ދަނޑުގައި 4-0 އިން އޮސަސޫނާ ބަލިކޮށް ލީގުގައި ބަލިނުވެ 12 މެޗު ހަމަކޮށްފި އެވެ.

ޓޮރޭޒް އާއި ޑެމްބެލޭގެ މޮޅު ކުޅުމާ އެކު ބާސާ ފޯމު ދަމަހައްޓައިފި
ޓޮރޭޒް އާއި ޑެމްބެލޭގެ މޮޅު ކުޅުމާ އެކު ބާސާ ފޯމު ދަމަހައްޓައިފި

ބާސެލޯނާއިން ރޭގެ މެޗުގައި ޖެހި ތިން ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 14 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ފެރާން ޓޮރޭޒް އެވެ. މި ޕެނަލްޓީ އަކީ ބާސެލޯނާގެ ގަވީ އަށް އޮސަސޫނާގެ ކުޅުންތެރިއަކު ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއެކެވެ. އޭގެ ހަތް މިނިޓު ފަހުން ޓޮރޭޒް ބާސެލޯނާގެ ދެވަނަ ލަނޑު ޖެހީ އުސްމާން ޑެމްބެލޭ ދިން ޕާހަކުންނެވެ.

ތިންވަނަ ލަނޑު 27 ވަނަ މިނިޓުގައި ޖަހައިދިނީ ޕިއޭ އެމެރިކް އޮބާމެޔަން އެވެ. މި ލަނޑު ވެސް ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ޑެމްބެލޭ އެވެ. މިއީ އޭނާ އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުން ކުރި ފަސްވަނަ އެސިސްޓެވެ. އަދި މިއީ ލަ ލީގާގައި އޮބާމެޔަން ކުޅުނު ހަ މެޗުން ޖެހި ފަސްވަނަ ލަނޑެވެ.

ބާސެލޯނާގެ ހަތަރުވަނަ ލަނޑު 75 ވަނަ މިނިޓުގައި ޖަހައިދިނީ ރިކަޑް ޕުއިގް އެވެ.

މި ނަތީޖާއާ އެކު ބާސެލޯނާ ވަނީ 27 މެޗުން 51 ޕޮއިންޓް ހޯދައިގެން، އަލުން ތާވަލުގެ ތިންވަނައަށް ޖެހިލައިފަ އެވެ. މި މެޗުގެ ކުރިން ތިންވަނައިގައި އޮތީ މި ހަފްތާގެ ބަންދުގައި 2-1 އިން ކާޑީޒް ބަލިކުރި، އެންމެ ފަހުގެ ލީގު ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑެވެ. އެތިލެޓިކޯ ވަނީ ބާސާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެ، ބާސާއާ އެއްވަރަށް ޕޮއިންޓް ހޯދައިފަ އެވެ.

ތާވަލުގެ ދެވަނައިގައި އޮތީ 28 މެޗުން 56 ޕޮއިންޓް ހޯދާފައިވާ ސެވިއްޔާ އެވެ. ސެވިއްޔާ އާއި ރަޔޯ ވަޔެކާނޯ ރޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ލީގުގެ އެއްވަނައިގައި އޮތީ 27 މެޗުން 63 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑެވެ.

ލީގުގައި މިރޭ ރެއާލް ނުކުންނާނީ ރަށުން ބޭރުގައި، ލީގުގެ 16 ވަނައިގައި އޮތް މަޔޯކާއާ ދެކޮޅަށެވެ.