ވިންޓާ ޗެމްޕިއަން ކަނޑައަޅަން ބަޔާން-ލީޕްޒިގް ނުކުންނަނީ
ވިންޓާ ޗެމްޕިއަން ކަނޑައަޅަން ބަޔާން-ލީޕްޒިގް ނުކުންނަނީ

ޖަރުމަން ލީގުގެ އެއް ވަނައިގައި މަގާމުގައި އޮތް ގަދަފަދަ ބަޔާން މިއުނިކާއި މުޅިން އަލަށް ފުރުސަތު ހޯދައި އެންމެން ހައިރާންކޮށްލުމަށް ފަހު ދެ ވަނައިގައި އޮތް ރެޑްބުލް ލީޕްޒިގުން މިރޭ މުހިއްމު މެޗެއްގައި ބައްދަލުކުރާނެ އެވެ.

ދެ ޓީމަށް ވެސް 36 ޕޮއިންޓް ލިބިފައިވާއިރު ބަޔާނަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މިރޭގެ މެޗުން މޮޅުވާ ޓީމަކަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބޭއިރު މެޗު އެއްވަރުވެއްޖެ ނަމަ ކުރީގައި އޮންނާނީ ބަޔާނެވެ. އެހެންކަމުން ފިނިމޫސުމުގެ ޗުއްޓީ އަށް ޖަރުމަން ލީގު މެދުކަނޑާލާއިރު، ވިންޓާ ޗެމްޕިއަނުންގެ ގޮތުގައި ކަނޑައޭ ޓީމެއް މިރޭ އެނގޭނެ އެވެ.

"މިއީ ފުޓްބޯޅައަށް ލޯބިކުރާ މީހުން ބަލާލަން ފުރިހަމަ މެޗެއް. ވަރަށް ތަފާތު ސްޓައިލެެއްގެ ދެ ޓީމުގެ ކުޅުން ފެންނާނެ،" ބަޔާނުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުންޏެވެ. "ލީޕްޒިގުގައި އޮތީ މޮޅު ފުޓްބޯޅައެއް ކުޅޭ ޒުވާން ޓީމެއް. ވަރަށް ޖޯޝުގައި ކުޅޭ ކުޅުންތެރިންތަކެއް ތިބީ."

އަންޗެލޮޓީ ބުނީ ފުޓްބޯޅައިގައި ކާމިޔާބު ލިބޭނީ ޑިފެންސާއި އެޓޭކުގައި ވެސް އެއްވަރަކަށް މޮޅަށް ކުޅޭ ޓީމަކަށް ކަމަށާއި ލީޕްޒިގަކީ މޮޅަށް ޑިފެންސްކުރުމަށް ފަހު ދެން ލިބޭ ބޯޅަ ފުރިހަމައަށް ނިންމާލާ ޓީމެއް ކަމަށެވެ. އެހެންވެ އެ ޓީމާ މެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް އަންޗެލޮޓީ ބުންޏެވެ.

ލީޕްޒިގުގެ ސްޕޯޓިން ޑިރެކްޓަރު ރާފް ރަންގްނިޗް ބުނީ ބަޔާނުގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުތަސް ކުޅޭނީ ސީދާ ތިން ޕޮއިންޓަށް ކަމަށެވެ. އަދި ބަޔާނާ ދެކޮޅަށް ކުޅެން ވިޔަސް އެ ޓީމުގެ ސްޓައިލް ބަދަލުނުކުރާނެ ކަމަށާއި ކުޅޭނީ ފަހަތުން ދުވައި ބޯޅަ ހޯދައި ދެން އެޓޭކްކުރާ ސްޓައިލަށް ކަމަށެވެ.

މި ސީޒަނުގައި ޖަރުމަނުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދި ލީޕްޒިގުގައި މަޝްހޫރު ތަރިންތަކެއް ނެތް ނަމަވެސް އެ ޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ނަތީޖާތައް އެއްވަރެއްގައި ހިފަހައްޓަމުން އަންނައިރު އެ ޓީމުގެ ކޯޗު ރާފް ހޭޒަންހަޓްލް އަށް މިހާރު ވެސް ޔޫރަޕުގެ ކްލަބްތަކުން އަންނަނީ ފާރަލަމުންނެވެ.

ބަޔާނުގެ އެލިއަންޒް އެރީނާގައި ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 00:00 ގަ އެވެ.