13 މާޗް 2022 - 22:04

ލަންޑަން (މާޗް 13) - އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުން ވެސް ބަލިނުވެ އޮތް ނިއުކާސަލް ޔުނައިޓެޑް މިރޭ ޗެލްސީ އަތުން 1-0 އިން ބަލިވެ ރެކޯޑް ނިމުމަކަށް އަތުވެއްޖެ އެވެ.

މިއީ ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗާ ދެކޮޅަށް އިނގިރޭސި ސަރުކާރުން ފިޔަވަޅު އެޅި ފަހުން ޗެލްސީ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ.

ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި މެޗު އެއްވަރުވާން ދަނިކޮށް ޗެލްސީ މޮޅުކޮށްދިނީ 89 ވަނަ މިނިޓުގައި ކައި ހަވާޓްޒް އެވެ. ޗެލްސީގެ ޖޯޖޯނިއޯ އޭރިއާ ތެރެއަށް މަތިން ވައްޓާލި ބޯޅަ އެއްފަހަރުން ކޮންޓްރޯލް ކޮށްލާފައި ހަވާޓްޒް ވަނީ ގޯލުގެ ތިރީ ކަނަށް ފޮނުވާލައި ޓީމު މޮޅުކޮށްދީފަ އެވެ. މިއީ ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު ތިން މެޗުން ހަވާޓްޒް ޖެހި ހަތަރުވަނަ ލަނޑެވެ.
ގޯލަށް ފަހު ވެސް ހަވާޓްޒް އަށް ވަނީ އިތުރު ވަގުތުގައި ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބިފަ އެވެ. އެންގޯލޯ ކާންޓޭ އަރިމަތިން ބޯޅަ ހޯދައި އުފެއްދި ކައުންޓާ އެޓޭކެއެއްގައި ކައި ހަވާޓްޒް އަށް ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ހަވާޓްޒް ފޮނުވާލި އެވެ. ނަމަވެސް އެ ބޯޅަ ނިއުކާސަލްގެ ކީޕަރު އަތުގައި ޖެހިފައި ބޯ މަތިން ގޯލަށް އޮއްސެން ދަނިކޮށް ސަލާމަތްވީ ހުރަސް ދަނޑީގައި ޖެހުމުންނެވެ.
މެޗުގައި އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ ނިއުކާސަލް އިންނެވެ. ފުރަތަމަ ހާފު ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް އެޓީމުގެ މިގޭލް އަލްމިރޯން އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތިރީ ކަނަށް ވަންނަން ދަނިކޮށް ދިފާއުކުރީ ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީ އެވެ.
ޗެލްސީ އަށް ގޯލާ އަމާޒުކޮށް ފުރަތަމަ ހަމަލާއެއް ފޮނުވާލެވުނީ 75 ވަނަ މިނިޓުގަ އެވެ. ހަކީމް ޒިޔެޝް ނަގައިދިން ހުރަހަކުން މި ހަމަލާ ވެސް ފޮނުވާލީ ހަވާޓްޒް އެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާގައި މާ ބާރެއް ނެތެވެ.
މި މެޗުގެ ކުރިން ނިއުކާސަލް އެންމެ ފަހުން ލީގުގައި ބަލިވީ މިދިޔަ ޑިސެމްބަރު މަހު މެންޗެސްޓާ ސިޓީ އަތުންނެވެ. އޭރު ނިއުކާސަލް އޮތީ 18 މެޗުން ހޯދުނު އެންމެ މޮޅަކާ އެކު ރެލިގޭޝަން ޒޯނުގަ އެވެ. ސިޓީ އަތުން ވީ ބައްޔަށް ފަހު ނިއުކާސަލް ކުޅުނު ނުވަ މެޗުގެ ތެރެއިން ތިން މެޗުން އެއްވަރުވިއިރު، ހަ މެޗު ކާމިޔާބު ކުރި އެވެ. އަދި މިހާރު އެޓީމު އޮތީ ޓޭބަލްގެ 14 ވަނައިގަ އެވެ.
ޗެލްސީ ތިންވަނައިގައި އޮތީ 59 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ލިވަޕޫލް ވަނީ ރޭ ބްރައިޓަން ބަލިކޮށް 66 ޕޮއިންޓް ހަމަކޮށްފަ އެވެ. އެއްވަނައިގައި އޮތް ސިޓީ އަށް ވަނީ 69 ޕޮއިންޓް ލިބިފަ އެވެ.
ލީޑްސް ޔުނައިޓެޑުގެ ކޯޗުކަމާ އަލަށް ހަވާލުވި ޖެސީ މާޝްގެ އިރުޝާދުގެ ދަށުން އެޓީމު ވަނީ މިރޭ މޮޅެއް ހޯދައިފަ އެވެ. ލީޑްސް އިން ޓޭބަލްގެ ފުލުގައި އޮތް ނޯރިޗް ސިޓީ ބަލިކރީ އެންމެ ފަހު ވަގުތު ޖެހި ލަނޑުން 2-1 އިންނެވެ.
ލީޑްސްގެ ރޮޑްރިގޯ ފުރަތަމަ ހާފުގައި އެޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް ނޯރިޗަށް އެއްވަރު ކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ކެނީ މެކްލީން އެވެ. އޭގެ ތިން މިނިޓް ފަހުން ލީޑްސްގެ ރަފީނިއާ ދިން ބޯޅައަކުން ޓީމު މޮޅުކޮށްދިނީ، އޭގެ ދެ މިނިޓް ކުރިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފޯވާޑް ޖޯ ގެލްހާޓް އެވެ.
ކޮނޯ ކޯޑީގެ ހަމައެކަނި ލަނޑުން ވުލްވްސް އިން ރަށުން ބޭރުގައި 1-0 އިން އެވަޓަން ބަލިކުރިއިރު، ރެލިގޭޝަން ޒޯނުގައި އޮތް ވަޓްފޯޑް ވަނީ ރަށުން ބޭރުގައި 2-1 އިން ސައުތެމްޓަން ބަލިކޮށް އެވަޓަންއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފަ އެވެ. ވަޓްފޯޑުގެ ދެ ލަނޑު ވެސް ޖަހައިދިނީ ކޫޗޯ ހެނާންޑޭޒް އެވެ. ސައުތެމަޓަން އަށް ލަނޑު ޖަހައިދިނީ މުހައްމަދު އަލްޔޫނުސީ އެވެ. މިހާތަނަށް 29 މެޗު ކުޅެގެން 22 ޕޮއިންޓް ހޯދައިގެން ވަޓްފޯޑް 18 ވަނައިގައި އޮތްއިރު، އެވަޓަން 17 ވަނައިގައި އޮތީ 26 މެޗު ކުޅެގެންނެވެ.
ވެސްޓް ހޭމް ޔުނައިޓެޑް މިރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 2-1 އިންނެވެ. މެޗުގައި ފެނުނު ތިން ގޯލު ވެސް ޖެހީ މެޗުގެ އެންމެ ފަހު 20 މިނިޓުގެ ތެރޭގަ އެވެ. މެޗުގެ ފުރަތަމަ ލަނޑު ވެސްޓް ހޭމްގެ އަންޑްރީ ޔަރްމޮލެންކޯ ޖެހީ 70 ވަނަ މިނިޓުގަ އެވެ. އަދި 82 ވަނަ މިނިޓުގައި ޕަބްލޯ ފޯނަލްސް އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިންއިރު، މި ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ވެސް ސައީދު ބެންރަހްމާ އެވެ. އެސްޓަން ވިލާގެ ހަމައެކަނި ލަނޑު 90 ވަނަ މިނިޓުގައި ޖަހައިދިނީ ޖޭކޮބް ރަމްސޭ އެވެ.