ކޮވިޑާ ގުޅިގެން 71 ބިލިއަން ރުފިޔާ ގެއްލުންވި: ރައީސް
ކޮވިޑާ ގުޅިގެން 71 ބިލިއަން ރުފިޔާ ގެއްލުންވި: ރައީސް

ކޮވިޑް-19 ފެތުރުމާ ގުޅިގެން މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖެ އަށް ގާތްގަނޑަކަށް 71.3 ބިލިއަން ރުފިޔާ ގެއްލުންވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ހާލަތު ދެ އަހަރު ފަހުން މިރޭ ނިމުމަކަށް ގެނައިކަން އިއުލާން ކުރައްވަމުން ރައީސް ވިދާޅުވީ، 71.3 ބިލިއަން ރުފިޔާ ގެއްލުންވި ނަމަވެސް ސަރުކާރުން މަސައްކަތްކުރީ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދޭން ކަމަށެވެ. ދައުލަތުގެ ފުދުންތެރިކަން ހުރި ވަރަކަށް ބަލައި ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

"ގޭބީސީތަކުގެ ކަރަންޓާއި ފެން ބިލްތަކުން ޑިސްކައުންޓްތައް ދެވުނު. ވަޒީފާ ގެއްލުނު މީހުންނަށާއި މުސާރަ ދަށްވި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދެވުނު. ލޯނު ނަގާފައިވާ މީހުންގެ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކޮށްދެވުނު. ވަޒީފާތަކުން މީހުން ވަކިނުކުރުމަށް ޝަރުތުކޮށް، ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރެވުނު. އިޖުތިމާއީ ރައްކާތެރިކަމަށް ބޭނުންވާ މީހުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދެވުނު. ރިސޯޓްތަކުގެ ކުލި ދެއްކުން ފަސްކޮށްދެވުނު،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކޮވިޑާ ގުޅިގެން މިދިޔަ ދެ އަހަރު ރާއްޖެ އަށް 71 ބިލިއަން ރުފިޔާގެ ގެއްލުންވި ނަމަވެސް އެންމެ ހަލުވިކޮށް މި އަހަރު އިގްތިސާދު ކުރިއަރާނެ ކަމަށް ދުނިޔޭގެ މާލީ އިދާރާ އިން ލަފާކުރާ ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި އެ ގޮތަށް ލަފާކުރުމުގެ ހަގީގީ ސިއްރަކީ ކޮވިޑުން ރައްކާތެރިވާން ސަރުކާރުން އެޅި ފިޔަވަޅުތަކަށް ރައްޔިތުން ދިން އެއްބާރުލުމެވެ.

"ހަމަ އެ ފަދައިން އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ހިންގާ ވިޔަފާރި ކުންފުނިތައް ހިތްވަރާއި އަޒުމާއެކު ވަރުބަލިވުމެއް ނެތި ކުރި މަސައްކަތް. އެ ބުރަ މަސައްކަތަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ކޮވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވުމަށް ސިއްހީ ދާއިރާގެ އެންމެހައި ހިދުމަތްތެރިން ވެ ވަޑައިގެންނެވި މަތިވެރި ގުރުބާނީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ސިފައިންނާއި ފުލުހުން އަދި އެހެނިހެން ފަރާތްތަކުން ކުރި މަސައްކަތް ފާހަގަކުރެއްވި އެވެ.

"އެ ހުރިހާ ބޭފުޅުންނަށް ވެސް ރާއްޖޭގެ ރައްޔިތުންގެ ނަމުގަ އާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. ހަމަ މިއާއެކު ކޮވިޑާ ދެކޮޅަށް ރާއްޖެ އިން ކުރި މަސައްކަތުގައި ރަހުމަތްތެރި ގައުމުތަކުން ވެ ދިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އެ ހުރިހާ ގައުމުތަކަށް ވެސް ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދިން ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޖަޕާން، އެމެރިކާ، ޔޫއޭއީ، ޗައިނާ، ބަންގްލަދޭޝް އާއި ޑަބްލިއުއެޗްއޯ އަދި އދ. ގެ ބައެއް އިދާރާތައް ހިމެނޭ ކަމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދިން ގައުމުތަކުގެ ތެރެއިން ރައީސް އެންމެ ބޮޑަށް ފާހަގަކުރެއްވީ އިންޑިއާގެ ނަމެވެ.

އެ މަނިކުފާނު ވިދާޅުވީ، މިދިޔަ ދެ އަހަރުގެ ތެރޭގައި އިންޑިއާގެ ވަރަށް ދީލަތި އެހީތަކެއް ދިވެހިންނަށް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ އެންމެ ގިނައިން ރާއްޖެ އަށް ކޮވިޑް ވެކްސިން ހަދިޔާކުރި ގައުމަކީ އިންޑިއާ އަށް ވުމެވެ.

"އިގްތިސާދީ ގެއްލުން ކުޑަކުރުމަށް 250 މިލިއަން ޑޮލަރުގެ ބޮންޑް އިންޑިއާ އިން ވަނީ ގަނެފައި. ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ވަރަށް ގިނަ ސާމާނު [އިންޑިއާ އިން] ހަދިޔާކުރި. ފަތުރުވެރިކަން މެދުނުކެނޑި ދެމެހެއްޓުމަށްޓަކައި ރާއްޖެ އަށް ޓްރެވެލް ކޮރިޑޯއެއް ހުޅުވައިދިން. ރާއްޖެ އިން ބޭސްފަރުވާ އަށް ދާން ބޭނުންވާ ދިވެހިންނަށް ފަސޭހައިން އިންޑިއާ އަށް ދެވޭނެ ގޮތް ވެސް އެ ގައުމުން ހަމަޖައްސައިދިން،" ރައީސް ވިދާޅުވި އެވެ.

"މިއީ ކޮވިޑްގެ ތެރޭގައި އެހެން އެއްވެސް ގައުމަކަށް އިންޑިއާ އިން ނުދޭ ފުރުސަތެއް."