ރަޝިޔާގެ ލައިވް ޓީވީގައި ހަނގުރާމައާ ދެކޮޅު ހެދި ރިޕޯޓަރު ކޯޓަށް، ދެން ޖޫރިމަނާ
ރަޝިޔާގެ ލައިވް ޓީވީގައި ހަނގުރާމައާ ދެކޮޅު ހެދި ރިޕޯޓަރު ކޯޓަށް، ދެން ޖޫރިމަނާ

މޮސްކޯ (މާޗް 15) - ރަޝިޔާގެ ޓީވީ ސްޓޭޝަނެއްގައި ލައިވް ޕްރޮގްރާމެއް ކުރިއަށް ދަނިކޮށް، އެ ޕްރޮގްރާމަށް އަރައި މިހާރު ކުރިއަށްދާ ހަނގުރާމައާ ދެކޮޅަށް އިހްތިޖާޖްކުރި އެ ޓީވީ ސްޓޭޝަނުގެ ރިޕޯޓަރަކު ކޯޓަށް ގެންގޮސް ޖޫރިމަނާކޮށްފި އެވެ.

މަރީނާ އޮވްސީއްނިކޯވާ ކުށްވެރިވެފައި ވަނީ ގާނޫނާ ޚިލާފު އެއްވުމެއް ބޭއްވުމުންނެވެ. އޭނާ ޖޫރިމަނާކޮށްފައި ވަނީ 30،000 ރޫބަލްސް (މިހާރުގެ ރޭޓުން ނަމަ 213 ޕައުންޑް) އިންނެވެ.

ހަނގުރާމައާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރާ ފަރާތްތައް ކުށްވެރިވާ ގޮތަށް ދާދި ފަހުން ރަޝިޔާގައި ވަނީ ގާނޫނެއް ފާސްކޮށްފަ އެވެ. ނަމަވެސް އޮވްސީއްނިކޯވާގެ މައްޗަށް އާ ގާނޫނުގެ ދަށުން ދައުވާކޮށްފައެއް ނުވެ އެވެ.

އޮވްސީއްނިކޯވާ އަކީ ރަޝިޔާ ސަރުކާރު ޓީވީއެއް ކަމަށްވާ ޗެނަލް ވަންގެ އެޑިޓަރެކެވެ. އެ ޓީވީގެ ޕްރޮގާމެއް ހުށަހަޅަމުން ދިޔަ ޕްރެޒެންޓަރުގެ ފަހަތުން އޮވްސީއްނިކޯވާ ދައްކާލި ބޯޑުގައި ވަނީ "ހަނގުރާމަ ބޭނުމެއް ނޫން ކަމަށާއި ހަނގުރާމަ ހުއްޓާލުމަށް" ގޮވާލައި، ލިޔެފަ އެވެ. އަދި ވަނީ "ޕްރޮޕެގެންޑާ ގަބޫލް ނުކުރުމަށާއި އެ މީހުން ހަދަނީ ދޮގު ކަމަށް" ބުނެފަ އެވެ.