ރައީސް މިރޭ ގައުމާ މުޚާތަބު ކުރައްވަނީ
ރައީސް މިރޭ ގައުމާ މުޚާތަބު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ގައުމާ މުޚާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މިރޭ 8 ޖަހާއިރު ރައީސް ގައުމާ މުޚާތަބު ކުރައްވާނީ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެކަމަކު ރައީސް ގައުމާ މުހާތަބު ކުރައްވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.

މިއީ މިދިޔަ މަހުގެ 23 ގައި ތައިރޮއިޑް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެން އަނބުރި ރާއްޖެ ވަޑައިގެންނެވި ފަހުން އެމަނިކުފާނު ރައްޔިތުންނާ މުޚާތަބު ކުރައްވާ ފުރަތަމަ ފަހަރެވެ.

މި އަހަރުގެ ތެރޭގައި އެމަނިކުފާނު ނޫސްވެރިންނާ ވެސް އަދި ބައްދަލު ކުރައްވައިފައެއް ނުވެ އެވެ.

އެކަމަކު ތައިރޮއިޑް ފަރުވާއަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް ބައެއް ސިޔާސީ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުއްވި މަންޒަރު ފެނުނެވެ.

ފަރުވާއަށް ވަޑައިގެން އެމަނިކުފާނަށް ސާޖަރީއެއް ހައްދަވަން ޖެހިވަޑައިގަތުމުން ވެރިކަމުގެ ބާރުތައް ނައިބު ރައީސް ފައިސަލް ނަސީމްއާ ވެސް ހަވާލުކުރެއްވި އެވެ. އަލުން މަގާމާ ހަވާލުވެވަޑައިގަތީ ތިން ގަޑިއިރާއި 30 މިނެޓަށް ފަހު އެވެ.

ރައީސް އެންމެ ފަހުން ގައުމާ މުޚާތަބު ކުރައްވާފައި ވަނީ މިދިޔަ މަހު 3 ވަނަ ދުވަހު މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމަށް ދެއްވި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.