13 މާޗް 2022 - 18:15

މިދިޔަ މަހުގެ 24 ވަނަ ދުވަހު ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ފެށި ހަނގުރާމައިގެ ހަމަލާތައް، ފުރަތަމަ ފަހަރަށް ޔޫކްރޭންގެ ހުޅަނގު ފަޅީގެ ސަރަހައްދުތަކަށް އަމާޒު ކުރަން ފަށައިފި އެވެ.
އެ ގޮތުން ޔޫކްރޭނާއި ޕޮލޭންޑް ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޔޫކްރޭން ސިފައިންގެ އަސްކަރީ މަރުކަޒަކަށް، ރަޝިޔާ ސިފައިން މިހާރު އަންނަނީ މިސައިލް ހަމަލާތަކެއް ދެމުންނެވެ. ރަޝިޔާ ސިފައިން ވައިގެ މަގުން ދިން މި ހަމަލާތަކުގައި މަދުވެގެން 35 މީހަކު މަރުވިކަން މިހާތަނަށް ވަނީ ކަށަވަރުވެފަ އެވެ. އަދި އިތުރު 134 މީހަކު ޒަހަމްވި ކަމަށް ވެސް ޔޫކްރޭން ސަރުކާރުން ބުނެ އެވެ.
ޔޫކްރޭންގެ ހުޅަނގު ސަރަހައްދުގެ ގަވަރުނަރު މަކްސީމް ކޮޒީޓްސްކީ ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި ހުންނަ ސުލްހަ ބެލެހެއްޓުމާއި ސަލާމަތީ ކަންކަމާ ބެހޭ ބައިނަލްއަގުވާމީ މަރުކަޒަށް، ރަޝިޔާގެ ހަނގުރާމަތީ މަތިންދާބޯޓުތަކުން 30 ރޮކެޓް ފޮނުވައިލި އެވެ. ނަމަވެސް، ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުން ވަނީ އޭގެ ތެރެއިން ބައެއް ރޮކެޓަށް ހަމަލާދީ، އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން ވައިގެ ތެރޭގައި ގޮއްވާލައިފަ އެވެ.
ރަޝިޔާ ސިފައިންގެ ހަމަލާތައް ޔޫކްރޭންގެ ހުޅަނގު ސަރަހައްދަށް އަމާޒުކުރަން މި ފެށީ، އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ޔޫކްރޭނަށް ފޮނުވާ ހަތިޔާރުތައް ހިފައިގެން ޔޫކްރޭނަށް ވަންނަ އުޅަނދުތަކަށް ރަޝިޔާ ސިފައިން ހަމަލާ ދޭންޖެހިދާނެ ކަމަށް ބުނެ އިންޒާރުކުރިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް އަސްކަރީ ސާމާނުތައް ފޮނުވަމުން ދަނީ، ޔޫކްރޭނާއި ޕޮލެންޑް ގުޅޭ ސަރަހައްދީ ރޮނގު ހުރަސްކޮށް، ޕޮލެންޑްގެ ތެރެއިންނެވެ.
ޔޫކްރޭންގެ ހުޅަނގު ސަރަހައްދަށް ރަޝިޔާ ސިފައިންގެ ހަމަލާތައް އަމާޒު ކުރަން ފެށުމާ ގުޅިގެން، ހުޅަނގުން ޔޫކްރޭނަށް ފޮނުވާ އަސްކަރީ ސާމާނުތައް އެ ގައުމަށް އެތެރެ ކުރުމާ މެދު މިހާރު ވަނީ ސުވާލު އުފެދެން ފަށައިފަ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭންގެ ހުޅަނގު ސަރަހައްދަށް ހަމަލާ ދޭން ފެށިއިރު، އިތުރު 200 މިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ޔޫކްރޭނަށް ފޮނުވުމަށް އެމެރިކާ ސަރުކާރުން އިއްޔެ ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ރައިފަލާއި އޭގެ ވަޒަނާއި، ޓޭންކާއި މަތިންދާބޯޓަށް ހަމަލާ ދޭން ބޭނުންކުރާ ބާވަތުގެ ހަތިޔާރު ހިމެނެ އެވެ.
މި އެހީއާ އެކު، ޔޫކްރޭން ހަނގުރާމަ ފެށުނު ފަހުން އަސްކަރީ އެހީގެ ގޮތުގައި އެމެރިކާ އިން ދޭން ނިންމި އެހީގެ މިންވަރު ވަނީ 1.2 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. އަދި 2014 ވަނަ އަހަރު ޔޫކްރޭންގެ ކްރައިމިއާ ސަރަހައްދު ރަޝިޔާގެ ބާރުގެ ދަށަށް ގެންދިއުމަށް ކުރި ހަނގުރާމައިގެ ފަހުން، އެމެރިކާ އިން ޔޫކްރޭނަށް ދިން އަސްކަރީ އެހީގެ މިންވަރު ވަނީ 3.2 ބިލިއަން ޑޮލަރަށް އަރައިފަ އެވެ.