13 މާޗް 2022 - 11:45

ތ. ދިޔަމިގިލީ މިސްކިތު މުދިމުގެ ގަޔަށް ވަޅި ހަރައި މިއަދު ޒަހަމްކޮށްލައިފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ "މިހާރު" އަށް ވިދާޅުވީ އެ ރަށުގައި ހެނދުނު 9:30 ހާއިރު ފިރިހެނެއްގެ ގައިގެ ފަސް ތަނަކަށް ވަޅި ހަރާފައިވާ ކަމަށެވެ.
"އެންމެ ބޮޑަށް ހުރީ ކަނދުރާ މައްޗަށް ވަޅި ޖަހާފައި. ވޭމަންޑޫން ޑޮކްޓަރެއް ގެނެސްގެން ސިއްހީ މަރުކަޒުގައި އޭނާއަށް އަންނަނީ ފަރުވާދެމުން،" އަހްމަދު މޫސާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލިބިފައި ހުރި ޒަހަމްތަކާ ހެދި އިތުރު ފަރުވާއަށް ލ. އަތޮޅަށް ގެންދިއުމުގެ މަސައްކަތް އެބަ ކުރެ އެވެ. ސީއެމްބިއުލާންސް ވެސް ތައްޔާރަށް އޮތް ކަމަށް ވިދާޅުވި އެވެ.
މި ހަމަލާދީފައި ވަނީ މުދިމާ ވަރަށް ގާތްކޮށް އުޅޭ މީހެއް ކަމަށް ވެ އެވެ. މިސްކިތުގެ ވަޒީފާއާ އޭނާ ހަވާލުވިތާ އަދިވީ ދެތިން ދުވަހެވެ.
އެހާ ގާތްކޮޅު އުޅުނު މީހަކު ވަޅި ޖަހާ ހިސާބަށް ދިޔަ ސަބަބެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ހަމަލާ ދިން މީހާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.