13 މާޗް 2022 - 11:03

ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ރަޝިޔާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދެމުންދާ އިރު، ކިޔޭވްގެ ދިފާއުގައި ރަޝިޔާ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެ ސަހަރުގެ އާންމުން ތައްޔާރުވާން ފަށައިފި އެވެ.
ޔޫކްރޭނުން ލިބޭ ޚަބަރުތައް ބުނާ ގޮތުން، ވެރިރަށް ކިޔޭވްގެ ރަށްބޭރުގައިވާ އަވަށްތަކަށް، ރަޝިޔާ ސިފައިން މެދުނުކެނޑި ހަމަލާތައް ދެމުން އަންނަތާ 48 ގަޑިއިރަށް ވުރެ ގިނަވެއްޖެ އެވެ. ރަޝިޔާ ސިފައިންގެ ހަމަލާތައް ކިޔޭވްގެ ވަށައިގެންވާ ހުރިހާ ސަރަހައްދަކުން ވެސް، ކިޔޭވްގެ ތެރެއަށް އަމާޒުވަމުން އަންނަ ކަމަށްވެ އެވެ.
ރަޝިޔާ ސިފައިން ވައިގެ މަގުން ދޭ ހަމަލާތައް އިއްޔެ އާދަޔާ ޚިލާފަށް ގިނަވެފައިވާ އިރު، ޔޫކްރޭންގެ ހުރިހާ ސަރަހައްދަކުން ވެސް އިއްޔެ ދިޔައީ ވައިގެ ހަމަލާ ދޭން އުޅޭ ކަމުގެ އިންޒާރުގެ ބަރުގޮނުގެ އަޑު އިވެމުންނެވެ. އޭގެ ތެރެއިން ވެސް ޚަރްކީވް އާއި ޝެރްނިހީވް އާއި ސުމީ އަދި މަރިއުޕޯލްގައި ވަރަށް ގިނައިން އިންޒާރުގެ ބަރުގޮނުގެ އަޑު އިވެމުން ދިޔަ އެވެ.
ކިޔޭވްގެ ވަށައިގެން ރަޝިޔާ ސިފައިންގެ ހަމަލާތައް ވަރުގަދަވެފައިވާ އިރު، ރަޝިޔާ ސިފައިން އެ ސަހަރު ހިފާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެހެންކަމުން، ރަޝިޔާ ސިފައިން އެ ސަހަރަށް ވަދެގަންނަ ހާލަތެއްގައި، ހަމަލާ ދިނުމަށް އެ ސަހަރުގެ އާންމުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
މީގެ ދެ ހަފުތާ ކުރިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ފަހު، ރަޝިޔާ ސިފައިން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ، ވެރިރަށް ކިޔޭވް ހިފުމަށެވެ. ނަމަވެސް ޔޫކްރޭން ސިފައިންގެ ރައްދު ހަމަލާތައް ވަރުގަދަވުމުން، ރަޝިޔާ ސިފައިން ބޭނުންވިހާ އަވަހަށް ކިޔޭވް ހިފޭ ގޮތެއް ނުވި އެވެ.
ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ވެރިރަށް ކިޔޭވްގެ މެދުތެރޭގައި ހުރި ބައެއް އިމާރާތްތައް ވެސް ވަނީ ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި ހަލާކުވެފަ އެވެ. އަދި މިހާރު ވެސް ބައެއް އިމާރާތްތަކުގައި ރޯވެ އަނދަމުންދާ މަންޒަރު ފެނެ އެވެ.
ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރަޝިޔާ ސިފައިން އެންމެ ވަރުގަދައަށް ހަމަލާތައް ދިނީ، އިރުމަތީގައި އޮންނަ މަރިއުޕޯލް ސަހަރަށެވެ. އެ ސަހަރުގައި ހުރި މަދަނީ އަމާޒުތަކަށް ވެސް ރަޝިޔާ ސިފައިންގެ ހަމަލާތައް އަމާޒުވި އެވެ.