ހަތިޔާރު އުޅަނދުތަކަށް ހަމަލާ ދޭންޖެހިދާނެ: ރަޝިޔާ
ހަތިޔާރު އުޅަނދުތަކަށް ހަމަލާ ދޭންޖެހިދާނެ: ރަޝިޔާ

ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ފޮނުވާ ހަތިޔާރުތައް އެ ގައުމަށް އެތެރެކުރާ އުޅަނދުތަކަށް ހަމަލާ ދޭންޖެހިދާނެ ކަމުގެ އިންޒާރު ރަޝިޔާ އިން އިއްޔެ ދީފި އެވެ.

ރަޝިޔާގެ ހާރިޖީ ވަޒީރުގެ ނައިބު ސަރްގޭ ރިޔަބްކޯވް ވިދާޅުވީ ގިނަ އަދަދެއްގެ ގައުމުތަކަކުން ޔޫކްރޭނަށް ހަތިޔާރު އެތެރެކުރުމަކީ، ނުރައްކާތެރި ކަމަކަށް ވުރެ މިހާރު ބޮޑު މައްސަލައެކެވެ. އެގޮތަށް ޔޫކްރޭނަށް ހަތިޔާރު އެތެރެކުރާ އުޅަނދުތައް އެ ގޮތުގައި ކުރިއަށް ދާ ނަމަ، އެ އުޅަނދުތަކަށް ހަމަލާ ދޭންޖެހިދާނެ ކަމަށް، މިހާރު ވާނީ އެމެރިކާ އަށް އަންގާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅަނގުގެ ގައުމުތަކުން އެއްވެސް ވަރަކަށް ވިސްނައިލުމެއް ނެތި، ވައިގެ ދިފާއީ ނިޒާމުތަކާއި ޓޭންކަށް ހަމަލާ ދޭ މިސައިލް ނިޒާމުތަކާއި އެފަދަ އެހެން ހަތިޔާރުތައް ޔޫކްރޭނަށް އެތެރެކުރަމުން ދާ ނަމަ، އެކަމުން ނުކުމެދާނެ ނަތީޖާއަކާ މެދު ސަމާލުވުމަށް، ރަޝިޔާއިން މިހާރު ވަނީ އެ ގައުމުތަކަށް އިންޒާރުކޮށްފަ އެވެ.

ހާރިޖީ ވަޒީރުގެ ނައިބު ސަރްގޭ ރިޔަބްކޯވް ވިދާޅުވީ އެމެރިކާ އިސްވެ އޮވެ ޔޫކްރޭނަށް ހަތިޔާރު ފޮނުވާ މައްސަލައިގައި ރަޝިޔާ އިން ދީފައިވާ އިންޒާރުތަކަށް އެމެރިކާ އެއްވެސް ސަމާލުކަމެއް ނުދޭ ކަމަށެވެ. އެހެން ނަމަވެސް، ރަޝިޔާ އާއި އެމެރިކާ އޮތީ، ޔޫކްރޭންގެ މައްސަލައިގައި މަޝްވަރާކޮށް ވާހަކަ ދައްކައިގެން ގޮތެއް ހޯދަންޖެހޭ ހާލަތެއްގައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ އަމުރަށް ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހު އެވެ. ރައީސް ޕުޓިން ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރަން އެންގެވީ، ޔޫކްރޭނުން ނާޒީ އުސޫލުތައް ނައްތައިލުމުގެ ގޮތުންނެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ އެކު އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ވަނީ އިގްތިސާދީ ގޮތުން ރަޝިޔާ އަށް ދަތިކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެ ގޮތުން ވިލާތުގެ ގައުމުތަކުގައި ހުރި ރަޝިޔާގެ ފައިސާތައް ހިފަހައްޓައި ރަޝިޔާގެ ބޭންކުތަކާ އެކު މާލީ މުއާމަލާތްތައް ހިންގުން މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.

އޭގެ އިތުރުން ބައިނަލްއަގުވާމީ ބޮޑެތި ވިޔަފާރި ކުންފުނިތަކުން ރަޝިޔާގައި ކުރަމުން އައި ވިޔަފާރިތައް ހުއްޓާލައި، ރަޝިޔާގައި އިންވެސްޓުކުރުން ވެސް ވަނީ ހުއްޓާލައިފަ އެވެ. އަދި ހުޅަނގުގެ ގައުމުތަކުގައި މިހާރު ތިބި ރަޝިޔާގެ މަހުޖަނުންގެ އަގުބޮޑު މުދާތައް ހިފެހެއްޓުން ފަދަ ފިޔަވަޅުތައް ވެސް، ވިލާތުގެ ގައުމުތަކުން އަންނަނީ އަޅަމުންނެވެ.