އުންމީދުގެ ހުޅުކޮޅު
އުންމީދުގެ ހުޅުކޮޅު

ދަންވަރު ގަޑިން ބާރަޖެހިއިރު ވެސް އަހަރެން އޮތީ ހޭލައެވެ. ވިސްނަންއޮއްވައި ދޭއްޖެހިއެވެ. ފަތިސް ވަނީ ވެސް އަހަރެން އެހެން އޮއްވައެވެ. ކޮންމެވެސް މިޔުޒިކެއް ކުޅެވޭތޯ ހީރި މަސައްކަތް ކުރިއެވެ. އަހަރެންގެ ލޮލަކުން ކަރުނައެއް ނުހިކެއެވެ. މަގަތުގައި ހަލީމް އޮތެވެ. އެއީ އަހަރެންގެ ފިރިމީހާއެވެ. ނިދާ މަރުވެފައެވެ. ބިތްދޮށުގައި އޮތީ، އުމުރުން ހަތް އަހަރުގެ މާހިންއެވެ. އަހަރުމެންގެ ތިން ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. ކުދިން ކުށްވެރި ކުރާނީ އަހަރެން ހެއްޔެވެ؟ ޙަޤީޤަތުގައި ވެސް މައްސަލައަކީ އަހަރެން ހެއްޔެވެ؟ ވާރޭވެހޭ އަޑު އިވެން ފެށިއެވެ. ފޮނި ހަނދާންތަކެއް ހިތަށް ގެނެސްދެމުންނެވެ. އަހަންނާއި ހަލީމް އެންމެ ފުރަތަމަ ބައްދަލުވީ ވާރޭ ވެހެނު ރެއެއްގައެވެ. އަހަރުމެން ކައިވެނިކުރި ރޭ ވެސް ވާރޭ ވެހުނެވެ. ހަލީމަކީ ކިހާ ލޯބިވި ފިރިއެއް ހެއްޔެވެ؟ ގާތުގައި އަހަރެން ނެތް ނަމަ އޭނަގެ ލޮލަށް ނިދި ނައި ޒަމާނެއް އައެވެ. އަރުން އެއްޗެއް ނުދިރުނު ޒަމާނެއް ވެސް އައެވެ. އަހަރެން ނުލައި އެއްވެސް ތާކަށް ދާކަށް އޭނަ ކުރިން ބޭނުމެއް ނުވެއެވެ. އޮފީސް ދަތުރެއްގައި ވިޔަސް ރާއްޖެއިން ބޭރަށް އޭނަ ދާނީ މަޖުބޫރުވެގެން އެކަންޏެވެ. ދިޔަސް، ދުވާލަކު އެތައް ފަހަރަކު ގުޅައެވެ. ދެ ލޯބިވެރިން ފަދައިން ވާހަކަދައްކަން އަހަރުމެން ތިބެމެވެ. އެއީ ކިހާ އުފާވެރި ދުވަސްތަކެއް ހެއްޔެވެ؟ ހަޔާތުގެ އެ ރީތި ސަފުހާތަކާ ދިމާއަށް ފިކުރު ދީލައިލަން އުޅުމުން އަހަރެން އެ ފޮތް ލެއްޕީމެވެ. ހިތަށްއެރިއެވެ. އަހަރެން ޖެހޭނީ ކައިވެނި ސަލާމަތް ކުރާށެވެ. ހަލީމް ފަދަ ދެވަނަ މީހެއް އަހަންނަކަށް ނުލިބޭނެއެވެ. އަހަންނަށް މާ ބޮޑަށް ފަރުވާކުޑަ ކުރެވުނީ ހެއްޔެވެ؟ ހަލީމް ބުނި ފަދައިން، މާހިނަށް ބަނޑުބޮޑުވި ފަހުން ހަލީމްމަތިން އަހަރެން ހަނދާންނެތުނީ ހެއްޔެވެ؟

ފަތިހު ހަތަރެއް ޖެހިއެވެ. އަހަރެން ފޯނު ނެގީމެވެ. އެކި ފަހަރުމަތިން ހަލީމް ބުނެފައިވާ ވާހަކަތައް ނޯޓުކުރީމެވެ. ހިތަށްއެރިއެވެ. ހުރިހާ ކަމެއް އަހަރެން ބަދަލުކުރާނަމެވެ. އަދިވެސް ލަހެއް ނުވެއެވެ. އަހަރެންގެ ފިރިމީހާ އަހަންނަށް ލިބޭނެއެވެ. ކުރިން ވި ލޯބި އަދިވެސް ވާނެއެވެ. އަހަރުމެންގެ ކުޑަކުޑަ ޢާއިލާއެއް ނުރޫޅޭނެއެވެ. ކުދިން ބޮޑުވާނީ އަހަރުމެން ދެމަފިރިން އެއް ގެއެއްގައި އުޅެނިކޮށެވެ. ދެ މީހުންގެ ލޯބި ލިބިގެންނެވެ.

ހަލީމަށް ހެނދުނު ސައިހަދަނީ އަހަންނެވެ. ރޭގަނޑު ގިނަ ވަގުތު ހޭލާ އުޅެފައި، ހެނދުނު ސައިހަދައިފައި އަހަރެން ނިދަނީއެވެ. ހަލީމް އޮފީހަށް ދާއިރު ސައި ހުންނާނީ ތައްޔާރަށެވެ. އަހަރެން އޮންނާނީ ނިދައިފައެވެ. ފަހަކަށް އައިސް އެ ކަން އަބަދު ވެސް އޮންނަނީ އެހެންނެވެ. ހުރިހާ ވަގުތެއްގައި ވެސް ބަރާބަރު ގަޑިއަށް ކާން ތައްޔާރުކުރަމެވެ. އެކަމަކު، ގިނަ ވަގުތު އަހަންނަށް އުޅެވޭނީ ކުދިންގެ ކަންތަކުގައެވެ. ތިން ކުދިން ބެލެހެއްޓުމަކީ ފަސޭހަކަމެއް ނޫނެވެ. ބައެއް ވަގުތުގައި އަހަންނަކީ ދަރިންގެ ޓީޗަރެވެ. ބައެއް ވަގުތުގައި ދަރިންގެ ގާތް އެކުވެރިއެކެވެ. ނުވަތަ ކައްކާމީހަކީމެވެ. ބައެއް ވަގުތުގައި މަސައްކަތުމީހަކީމެވެ. ނުވަތަ ފަހާމީހަކީމެވެ. ދޭތެރެއަކުން ފަނޑިޔާރަކަށް ވާންޖެހެއެވެ. ނުވަތަ ޑޮކްޓަރަކަށް ވެސް ވާންޖެހެއެވެ. ހުރިހާ ވަގުތެއްގައި ވެސް ކުދިންގެ މަންމައަކީމެވެ. އަހަރެންގެ އަމިއްލަ ކަންކަމަށް ފަރުވާ ކުޑަ ކުރެވެނީ ސަބަބެއް ނެތިއެއް ނޫނެވެ.

ކުރިން އަހަރެންގެ އިސްތަށިގަނޑަށް ސަމާލުކަންދިން ނަމަވެސް ފަހުން ވަގުތެއް ނުވެއެވެ. އޮފީހުން ކެނޑިގެން ގޭގައި އިންނަންޖެހުމުން އަހަރެން ލަނީ ވީހާ ވެސް ގަޔަށް ފަސޭހަ، ފިނިވާ ހެދުމެކެވެ. ހަލީމާ ރައްޓެހިވެގެން އުޅުނުއިރު ކެއުންބުއިމަށް ވުރެ އިސްކަމެއް އަހަރެން ދިނީ ލަވަޔަށެވެ. އެ ދުވަސްވަރު ނުކުތް ހިންދީލަވަތަކާއި އިނގެރޭސިލަވަތަކަށް އަހަރެން ވަރަށް ފަރިތައެވެ. ފިލްމު ބަލާހިތް ވެއެވެ. ވާހަކަ ކިޔަމެވެ. ލޯބީގެ ރީތި ބައިތުތަކުން މެސެޖު ފޮނުވަމެވެ. އެ ހުރިހާ ކަމަކަށް ހަލީމް ވެސް ޝައުޤުވެރިކަން ހުރެއެވެ. އަހަރުމެންގެ އެކަކަށްއަނެކަކު ކަމުދިޔައީ އެހެންވެއެވެ. ދެ މީހުންގެ އެއްގޮތް ކަންތައްތައް ގިނައީއެވެ. ފަހުން އަހަރެންގެ ހުރިހާ ސަމާލުކަމެއް އަތުލީ އަހަރުމެންގެ ދަރިންނެވެ. ފުންކޮށް ވިސްނާލުމުން އަހަރެންނަށް ގަބޫލުކުރެވުނެވެ. އަހަންނަށް ބަދަލުތަކެއް އަތުވެއްޖެއެވެ. ހަލީމަށް ވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. އަހަންނަށް ވުރެ ބޮޑަށް ހަލީމް ވެސް ސަމާލުކަން ދިނީ ދަރިންގެ ކަންތައްތަކަށެވެ. ތަފާތަކީ، އޭނަ އެ ކަމަށް އެއްބަސްނުވުމެވެ. ހުރިހާ ތުހުމަތެއް އަހަރެންގެ ބޮލުގައި އެޅުވުމެވެ. ދެބަސްވުން ފެށެނީ އެ ހިސާބުންނެވެ.

ކައިވެނި ކުރަނީ އެކަނިވެރިކަން ކުޑަ ކުރުމަށެވެ. އަޅާލާނެ މީހަކު ހޯދުމަށެވެ. ޢާއިލާ ބިނާކުރުމަށެވެ. ހިތްހަމަޖެހިގެން ދިރިއުޅުމަށެވެ. އެ އިން އެއްވެސް ކަމެއް ނުވާ ނަމަ، ކައިވެނީގެ ބޭނުމެއް ނެތެވެ. ވަކި ހިސާބަކުން އަހަންނަށް އެ ކަން ވިސްނެން ފެށިއެވެ. އެކުވެރިން ދިން ލަފާ އަހަންނަށް އަޑުއިވެން ފެށިއެވެ. މުށުތެރެއިން ދޫވަމުންދިޔަ ކައިވެނީގެ ރޮދިފަށުގައި އަލުން ހިފެހެއްޓީމެވެ. އާ ފެށުމަކުން އަހަރެން ފެށީމެވެ.

ޒަމާންތަކަކަށް ފަހު، ހެނދުނު ސައިގައި ހަލީމާ އެކުގައި އަހަރެން ބައިވެރިވީމެވެ. ފަސޭހަކަމެއް ނޫނެވެ. ނިދި ހުއްޓެވެ. ނުކުންނާނެ ނަތީޖާއެއް ނޭނގެއެވެ. އެހެންނަމަވެސް، ކޮންމެވެސް އެކަކު ކޮންމެވެސް ހިސާބަކުން ފަށަންޖެހޭނެތީ އަހަރެން އިސްނެގީއެވެ.

"އައްދެ! މިއަދު ކޮން ފަރާތަކުން އިރުއެރި ދުވަހެއް؟" ސައިމޭޒު ކައިރީގައި އަހަރެން އިށީނދެގެން އިންތަން ފެނުމުން ހަލީމް ބުންޏެވެ. "މަށަށް އެކަނި ވެސް ސައިބޮވޭނޭ."

"އެނގެޔޭ،" ހިނިތުންވާން މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ. "ކުރިން ވެސް އަހަރުމެން..."

"މިހާރު ދެން ކުރީގެ ވާހަކަ ނުދައްކާ! ހެޔޮނުވާނެ!" ފަހަކަށް އައިސް ހަލީމް ވާހަކަދައްކާ ފޫހި ރާގުގައި ބުންޏެވެ.

"މަ ދެކެ މިހާރު ހަލީމް ވަރަށް ފޫހިވޭދޯ؟" އަހަންނަށް ވެސް ވާހަކަދެއްކުނީ މަޑަކުން ނޫނެވެ. "މަގޭ އަޑު އިވުނަސް.."

"އާންމުކޮށް އަހަރުމެން އަރާރުންވަނީ މެންދުރެއްނު،" ހަލީމް ފުންމައިގެން ތެދުވެފައި ބުންޏެވެ. "ހެނދުނު މަ ބޭނުން ތަންކޮޅެއް ރަނގަޅު މޫޑެއްގަ އޮފީހަށް ދާން. ދާންވީނު ރެސްޓުކޮށްލަން."

ހަލީމް ރުޅިނާންނަ ގޮތަށް އަހަންނަށް އެއްޗެއް ނުބުނެވޭތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. ލަފުޒުތަކުގައި ރޭނދާއަޅައި، ރިބަން ހަރުކުރިޔަސް ވެހެވެ. ކައިރި ހަދައި ކަސަބުން ޖަރީކުރިޔަސް ވެހެވެ. އެކަމަކު، ޒުވާބު ފަށާކަމަށް ވަނީ އަހަންނެވެ. ގޮތްދޫނުކުރާކަމަށް ވަނީ ވެސް އަހަންނެވެ. ހަލީމް އެ ދުވަހު އޮފީހަށް ދިޔައީ ސައިނުބޮއެވެ. އަހަރެންގެ އަޑުދެކެ ހަލީމް ފޫހިވެއެވެ. އަހަންނާ ހަތަރުކަޅި ހަމަކުރަން ވެސް އޭނަ ބޭނުން ނުވާ ކަހަލައެވެ. ހިތަށްއެރިއެވެ. އެ ވެސް ހަމަ އަހަންނަށް ކަންތައްތައް ކުރެވުނު ގޮތުން ހެއްޔެވެ؟ އަހަރެންގެ ރައްޓެހިން ބުނަނީ ތެދެއް ހެއްޔެވެ؟ އަންބެއްގެ ޒިންމާތައް އަހަރެން ހަނދާންނައްތައިލީ ހެއްޔެވެ؟ ފިކުރު ކުރަމުން ގޮސް ކޮޓަރިއަށް ވަންއިރު ހަލީމްގެ ފޯނު އޮތީ ޗާޖަށްޖަހައިފައެވެ. އޭރު ވެސް ކޯލެއް އަންނަނީއެވެ. އަރާފައި އޮތީ ޒަރާނާގެ ފޮޓޯއެވެ. އޭނަގެ ނަމެވެ. ސުވާލު އުފެދުނެވެ. ހަލީމް އޮފީހަށް ވަންނަންދެން ވެސް ޒަރާނާއަށް ކެތެއް ނުކުރެވޭ ހެއްޔެވެ؟

"ތި ވަރަށް ޝައްކު ނުކޮށްބަލަ! ތިއޭ މައްސަލައަކީ،" ހިތާހިތުން އަހަރެން ބުނެލީމެވެ. "އެއީ އޮފީސް ކުއްޖެކޭ! މީހެއްގެ އަންބެއް. ފިރިމީހާއަށް ތި ވަރަށް ޓްރަސްޓު ނުކުރަންޏާ ކިހިނެއް އުޅޭނީ؟"

ކުރިން އަހަރެން އެ މައްސަލަ ޖައްސަމެވެ. އެ ދުވަހުގެ ފަހުން އެ ކަން ހުއްޓައިލީމެވެ. މުޅި ގޭތެރޭގެ ތަރުތީބު ބަދަލުކުރީމެވެ. އަހަރެން ބަލާގޮތާއި، ވާހަކަދައްކާ ރާގާއި، އިށީނދެގެން އިންނަ ގޮތް ބަދަލުކުރީމެވެ. ޝޭންޕޫ އާއި ސެންޓު ބަދަލުކުރީމެވެ. ކުދިންނަށް ދޭ ވަގުތަށް ވުރެ ގިނަ ވަގުތު ހަލީމަށް ދެވޭތޯ މަސައްކަތް ކުރީމެވެ. އަހަރެންގެ ކައިވެނި ސަލާމަތްކުރުމަށްޓަކައި މޫނުގެ ސިފަ ބަދަލުކުރަން ވެސް އަހަރެން ވިސްނީމެވެ. ރަނގަޅު ނަތީޖާއެއް ފެންނާނެކަމުގެ އެއްވެސް އުންމީދެއް ނެތް އެތައް އިމްތިހާނެއް، ކައިވެނީގެ ފަހު ދެތިން ހަފުތާގައި އަހަރެން ހެދީމެވެ. ކެތްކުރީމެވެ. ދީނީ ޢިލްމުވެރިއެއްގެ އެހީ ހޯދީމެވެ. ވަސޭހަތްތެރިއެއްގެ ފަރާތުން ލަފާ ހޯދީމެވެ. ހަލީމަށް ދެއްކުމަށްޓަކައި އިސްތަށިގަނޑުގައި ކުލަޖެއްސީމެވެ. ރީތީ ގޮތްގޮތަށް ހެދުން ފަހައިގެން ލީމެވެ. މޭކަޕްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނީމެވެ. ކޮންމެ ދުވަހަކު ހަލީމަށް ލޯބީގެ މެސެޖެއް ފޮނުވީމެވެ. ލޯބީގެ ރީތި ލަވަތައް ޔޫޓިއުބުން ހޯދައިފައި ހަލީމްގެ އެފްބީ ޕޭޖުގައި އެ ލަވަތައް ހިއްސާ ކުރީމެވެ. އެ ފަދަ ކަމެއް، އެންމެ ފަހުން އަހަރެން ކުރި ދުވަހެއް ހަނދާނެއް ނެތެވެ. ޙަޤީޤަތުގައި އެ ފަދަ ކަންކަން ކުރާހިތެއް އެއްވެސް ވަރަކަށް ނެތެވެ. އަހަރެންގެ އެ އުމުރު ފަހަނައަޅައި ހިނގައްޖެއެވެ. ހަލީމް ރޭގަނޑު ގެއަށް އަންނަންދެން ހޭލާ އޮންނަމެވެ. ކިތަންމެ ވަރުބަލިވެފައި އޮތަސް، ނިންޖަށް ބަލިވެފައި އޮތަސް ވެހެވެ. އޭނައަށް ނިދެންދެން އަހަރެން ވާހަކަދައްކަން އޮންނަމެވެ. އަހަރެން ނުކުރާކަމަށް ހަލީމް ބުނެފައިވާ ކަންތައްތަކުގެ ލިސްޓުގައި ހުރީ އެ ކަހަލަ ކަންތައްތަކެވެ. އެތަކެއް އަހަރެއް ވެފައިވާ ކައިވެނި ސަލާމަތްކުރަން ވަރަށް ގިނަ މަސައްކަތް ކުރީމެވެ. ދަރިންނަށްޓަކައެވެ. އަހަންނަށްޓަކައެވެ. އެހެންނަމަވެސް، ހުރިހާ ކަމެއް ދިޔައީ ފެނަށެވެ.

ފިރިމީހާގެ ހިތުން އަހަންނަކަށް އެއްވެސް ޖާގައެއް ނުލިބުނެވެ. އަނދިރީގެ ތެރެއަށް އަހަރެން ދޫކުރި އެއްވެސް ތީރެއް އޭގެ އަމާޒަކަށް ނުފޯރިއެވެ. ހަލީމް ބަދަލެއް ނުވިއެވެ. އޭނަ ފޫހިވީބާއެވެ؟ ނުވަތަ އެހެން ލޯބިވެރިއެއް ހޯދީބާއެވެ؟ އެ ދެ ސުވާލުގެ ޖަވާބު އަހަންނަށް ދުވަހަކުވެސް ލިބޭނެކަމެއް ނޭނގެއެވެ. އެންމެ ފަހުން އަހަރެން ވަރިވީއެވެ. ހަލީމް ދާނެ ދިމާއަކަށް ދާން ދޫކޮށްލީއެވެ. ދަރިންގެ ހިތުގައި އޮތް އެއްޗެއް އަހަންނަކަށް ނޭނގެއެވެ. ފާޅުގައި އެއްވެސް ދަރިއަކު އަހަރެން ކުށްވެރިއެއް ނުކުރެއެވެ. ޝަކުވާއެއް ވެސް ނުކުރެއެވެ.

ހަލީމާ ކައިވެނި ކުރެވުމަކީ، ހަޔާތުގައި އަހަންނަށް ނިންމުނު އެންމެ ރަނގަޅު އެއް ނިންމުމެވެ. އަހަރެންގެ ފުރާނަ ފަދައިން ލޯބިވާ ދަރިންތަކެއް ލިބުނީތީއެވެ. ހަލީމް ގާތުން ވަރިވުން އެއީ ހަޔާތުގައި އަހަންނަށް ނިންމުނު އެންމެ ރަނގަޅު ދެވަނަ ނިންމުމެވެ. އެހެން މީހެއްގެ ތޮށިގަނޑަށް އެރިގެން ދެން އަހަރެން ދިރިއުޅޭކަށް ނުޖެހޭނެއެވެ. ހިތް ނޭދޭ ކަންތައްތަކެއް ކުރާކަށް ވެސް ދެން ނުޖެހޭނެއެވެ. ކައިވެނީގެ ހުޅުކޮޅު ޙިމާޔަތް ކުރެވޭނީ ދެއަތުންނެވެ. ދެމަފިރިންނަށެވެ. އެއީ އެކަކަށް ކުރެވޭ ވަރަށް ވުރެ މާ ބޮޑުކަމެކެވެ.

ނިމުނީ