13 މާޗް 2022 - 07:19

ބުދަ ދުވަހާ ގުޅޭ
"ކުދިން ގެންދަން ބޭނުން؟" ޖަނާން އެހިއެވެ.
މީޒާގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ. ބޮލުން ފެށިގެން ފަޔަށް ފިނިވެގެންދިޔައެވެ. މީޒާގެ ޖަވާބަކީ އާނއެކޭއެވެ. އެއް ހާސް ފަހަރު އެ ސުވާލު އެހިޔަސް ޖަވާބަކީ އެއީއެވެ. އެކަމަކު މީޒާ ހިތަށްއެރިއެވެ. ޖަނާން އެ އުޅެނީ މީޒާ ބޭނުންވާ ގޮތެއް ބަލައިފައި، އެ ގޮތަކާ ދިމާ އިދިކޮޅަށް ކަންތައްކުރަން ހެއްޔެވެ؟ ކުދިން ބޭނުމޭ ބުނެފިއްޔާ ނުދީފާނެވެ. ބޭނުމެއް ނޫނޭ ބުނެފިއްޔާ ކުދިން ގެންދަން ބުނެފާނެއެވެ.
"އެއީ ކީއްވެ މަ ގެންދަންވީ؟" މީޒާ ބުންޏެވެ. "މެހެރީން ހުންނާނެއްނު."
"އޭނަ ހުރީ ބަލާ ގޮތަށޭ،" ޖަނާން ބުންޏެވެ. "ކުރިން ވެސް އޭނަތާ ބެލީ. އެކަމަކު އަހަރެން ހިތަށްއެރީ މީޒާ ފަހަރެއްގަ ކުދިން ދެކޭ ހިތުން.."
"އުހުނ!" މީޒާ ހެދީ ދޮގެކެވެ. އަދި ހިތާ ދެކޮޅަށް ބުންޏެވެ. "އަހަންނަކަށް ނުބެލޭނެ."
ޖަނާން ފޯނު ބޭއްވިއެވެ. އޭރު ވެސް މީޒާ ހުރީ ކުދިން ދެކޭ ހިތުން މަރުވާ ވަރު ވެފައެވެ. ޖަނާން ދެނެއް ނުގުޅައެވެ. އެތައް އިރެއްވީ އިރު ވެސް މީޒާ އޮތީ ހޭލައެވެ. އެހެނަސް ކެތްކުރަން މީޒާއަށް މަޖުބޫރެވެ. އިރުކޮޅަކުން ހަފީޒާ ވަނެވެ. ކުދިން ނެތުމުން މީޒާ ކިހާ ދެރަވާނެކަން ހަފީޒާއަށް އެނގެއެވެ. އެ ކަންތައް ހަމަޖެހިފައި އޮތީ ކިހިނެއްތޯ ބަލަން ވެސް ހަފީޒާ ބޭނުމެވެ. އެކަމަކު މީޒާ އެ ވާހަކަ ނުދައްކާތީ ހަފީޒާ ވެސް އުޅުނީ އެ ވާހަކަ ނުދައްކާށެވެ. ދެއްކުނީ ބޭކާރު ވާހަކަތަކެކެވެ. ވަކި ހިސާބަކުން ހަފީޒާއަކަށް ކެތެއް ނުކުރެވުނެވެ.
"ކުދިން ނުދިނީތަ ނޫނީ ކުދިން ގެންނަން ދަރިފުޅު ބޭނުން ނުވީތަ؟" ހަފީޒާ ސުވާލުކުރިއެވެ. "މަންމަ ބޭނުމެއް ނޫން އެ ކަމުގެ ތެރެއަށް ވަންނާކަށް. އެކަމަކު ނުވަދެއެއް ވެސް ނުހުރެވުނު."
"އަހަރެން ފަހުން ތި ވާހަކަ ދައްކާނަން،" މީޒާ ދިނީ ކުރު ޖަވާބެކެވެ. "މަންމަ ޖަނާއަށް ނުގުޅާތި! ބައްޕަ ގާތުގަ ވެސް ބުނޭ ނުގުޅައްޗޭ! ކެތްކޮށްލާ!"
އެ ރެޔަކު ހަފީޒާއަކަށް ވެސް ނުނިދުނެވެ. އެންމެ ފަހުން އާތިފު ލައްވައި ޖަނާނަށް ގުޅުވިއެވެ. ކުދިންގެ ވާހަކަ ދެއްކިއެވެ. ޖަނާން ހުރީ ކުދިން ދޭ ގޮތަށެވެ. ހަރަދު ވެސް ބަރާބަރަށް ދޭނެ ކަމާއި، މީޒާ ދިން ޖަވާބު ވެސް ފޮރުވާކަށް ޖަނާން ގަސްތެއް ނުކުރިއެވެ.
"މީޒާ ކަނޑައެޅިގެން ބުނެފި ކުދިންނެއް ނުބެލޭނޭ،" ޖަނާން ބުންޏެވެ. "ކުޑަކުޑަ ދެ ކުދިން. މަންމަޔާ ނުލައި ކިހިނެއް އުޅޭނީ؟ އަހަރެން ދެކެ ރުޅިއަޔަސް، ކުދިންނަށް އޭގެ އަދަބުދީގެން ނުވާނެ."
މީޒާ އެހެން ބުނެފާނެ ހެއްޔެވެ؟ އާތިފަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެނަސް އެ ދަނޑިވަޅަކީ އެ މައްސަލަ ތަހުގީގުކުރަންވީ ދަނޑިވަޅެއް ނޫނެވެ. ދެ މީހުންގެ ދެމެދުގައި ހަފީޒާ ވަކީލެއްގެ ދައުރު އަދާކޮށްގެން މާމަދަރިން ގެއަށް ގެނައެވެ. ކުދިން ގޮވައިގެން އައީ ޖަނާނެވެ. އެ ކަމުން އޭނަ ސާބިތުކޮށްދޭން އުޅުނީ ކޮން ކަމެއް ހެއްޔެވެ؟ ހަފީޒާއަކަށް ނުވިސްނުނެވެ. ކޮންމެ ގޮތެއް ވިޔަސް ޖަނާނަކީ ރަނގަޅު މީހެއްކަމަކަށް ހަފީޒާއެއް ނުނިންމާނެއެވެ. ސިފަ ކަމުނުދިޔުމުން އަނބިމީހާ ވަރިކޮށްލައިފައި ޒުވާން އަންހެންކުއްޖަކާ އިނުމަކީ، ގޮތް ހުންނަ ފިރިހެނުން ކަންތައްކުރާ ގޮތެއް ނޫނެވެ. އަމުދުން ދެ ކުދިން ލިބުމަށް ފަހުގައެވެ. ފަހު ނޭވަޔާ ހަމައަށް ވެސް ހަފީޒާ ތާއީދުކުރާނީ މީޒާއަށެވެ. ދަރިފުޅަށް ވީތީއެއް ނޫނެވެ. ފުރަތަމަ ގޯސްހެދި މީހަކީ ޖަނާނަށް ވީތީއެވެ. އަތުންފައިން ގޯސްހަދަން މީޒާއަށް މަޖުބޫރުކުރުވީ ޖަނާނެވެ.
މީޒާ ވެސް ދެކެނީ ކުށްވެރިޔަކީ ޖަނާން ކަމަށެވެ. ކެހިވެރިޔަކީ ވެސް ޖަނާނެވެ. އެކަމަކު ޖަނާން ހަނދާންނައްތައިލަން މީޒާއަކަށް ފަސޭހައެއް ނުވިއެވެ. ހަނދާނަކީ ސުވިޗެއް ނޫނެވެ. އެތަކެއް އަހަރެއް ވަންދެން އިނދެގެން އުޅޭ އިރު، ލައްކަ ހަނދާންތައް ރައްކާކުރެވެއެވެ. ފޮނިފޮނި ލަފުޒުތަކާއި، އުފާވެރި ހާދިސާތަކާއި، ލޯބީގެ ތަސްވީރުތައް އެހާމެ ގިނައެވެ. މާޒީގެ ތޫނު ކަށިތައް ގަޔަށް ހެރޭ ކޮންމެ ފަހަރަކު، މީޒާއަށް ފޮނި ތަދެއް އިހުސާސްކުރެވެއެވެ. އިރުއޮއްސޭ ވަގުތެވެ. ކޮފީ ވަހެވެ. ކައިވެނި ހެދުމެވެ. ގަނޑުފެނަކީ ވެސް މީޒާގެ ލޮލުން ކަރުނަ ފާއްދައިލާ ހަނދާނެއް ގެނެސްދޭ އެއްޗެކެވެ.
ފިރިހެންދަރިފުޅު ޝަހުދުގެ މޫނުން ވެސް ޖަނާންގެ ހަނދާންތައް ފަވައިދެއެވެ. މީޒާއަކަށް ކުރެވޭނެ ކަމެއް ނެތެވެ. ދެރަވީމައި ރޯލަނީއެވެ. އުފާވީމައި ހީނލަނީއެވެ. އޮތީ އެހެން ކޮން ގޮތެއް ހެއްޔެވެ؟ ތަގުދީރު ދައްކާ ކުލަވަރެވެ. ދުނިޔެއަށް އައުމާއި ދިޔުމުގެ އިހުތިޔާރެއް އިންސާނާއަކަށް ނުދެއްވައެވެ. މީޒާ ހިތްވަރުކޮށްފައި ކުރިޔަށް ހިނގަން މަސައްކަތްކުރީއެވެ. ދަރިން ދެކިލަން ޖަނާން އާދެއެވެ. ޖަނާން ފެނުމުން މީޒާއަށް ވާ އުނދަގޫ ދެ ގުނަ ބޮޑުވެއެވެ. ހިތްއަވަސްވެއެވެ. ޖަނާން ގެނެސް މޭގައި ލައްކޮށްލަން ބޭނުންވެއެވެ. ޝަކުވާކުރަން ވެސް ބޭނުންވެއެވެ. އެހެނަސް ތުން ފިއްތައިގެން މީޒާ ހުންނަނީއެވެ. ރުޅިމޫނު ނޫން އެއްޗެއް މީޒާ ނުދައްކައެވެ. އެއީ މީޒާ ބޭނުންކުރާ މޫނުމައްޗެކެވެ. ހަގީގަތެއް ނޫނެވެ. ހަގީގަތަކީ، މީޒާގެ ހިތުގައި ޖަނާނަށް އޮތް ޖާގަ ފަޅުވެފައި އޮތްކަމެވެ.
ޖަނާން ދެކެ ފޫހިވާކަން ކިތަންމެ ވަރަށް މީޒާ ދެއްކި ނަމަވެސް، ޖަނާން އުޅޭނޫޅޭ ގޮތް ނުބަލައެއް މީޒާއަކަށް ނުހުރެވެއެވެ. މީސްމީޑިޔާގައި ޖަނާނާއި މެހެރީން ދައްކާ މަންޒަރުތައް މީޒާ ގަވައިދުން ބަލައެވެ. ހިތަށް ތަދުވިޔަސް ވެހެވެ. ކޮމެންޓެއް ކޮށްނުލައި ހުރުމަށް ޓަކައި މީޒާގެ ޖެހެނީ އެއް އަތުން އަނެއް އަތުގައި ހިފާއްޓާށެވެ. ކެތްތެރިކަން ހޯދަނީ އެންމެ ގޮތަކުންނެވެ. އެއީ ހިތަށް ވިސްނައިދިނުމެވެ. އެ މީހަކު އުޅޭނެ ގޮތަކަށް އެ މީހަކު އުޅެފާނެ ނޫން ހެއްޔެވެ؟ އަހަންނަށް ކީއް ހެއްޔެވެ؟ މީޒާ ކިޔާ ތަސްބީހައަކީ އެއީއެވެ.
ޖަނާން ކޮންމެވެސް ދުވަހަކުން މެހެރީނާ ކައިވެނިކުރާނެކަން މީޒާއަށް އެނގެއެވެ. މީޒާއަކަށް ކުރެވޭނެ ކަމެއް ނެތެވެ. އެހެނަސް އުންމީދެއް އޮތެވެ. ކައިވެނިކުރާ ދުވަސް މީޒާއަށް ނޭނގުމެވެ. މީޒާ ބޭނުންވަނީ އެތައް ދުވަހެއް ފަހުން އެނގޭށެވެ. އެކަމަކު އެ ކަންތައް ވެސް ވީ މީޒާ އެންމެ ބޭނުން ނުވި ގޮތަށެވެ. ރައްޓެއްސެއްގެ ފަރާތުން މީޒާއަށް އެ ޚަބަރު ލިބުނީ، ކައިވެނީގެ ފަސް މިނެޓު ކުރިންނެވެ. ފަހެއް ޖަހަން ފަސް މިނެޓު ހުއްޓައެވެ. މީޒާ ބޭނުންވީ ގަޑީގެ ކަށި ހިފާއްޓާށެވެ. ހާއްސަކޮށް ފަހެއް ޖަހަން ސިކުންތުކޮޅަކަށް ވެގެންއައި އިރު، އުޅެފައި ނޫޅޭނެ ގޮތެއް ވެސް މީޒާއަކަށް ނޭނގެއެވެ. އެ ފަހަރު ވެސް މީޒާ ހިތަށްއެރިއެވެ. އެ މީހަކު އުޅޭނެ ގޮތަކަށް އެ މީހަކު އުޅެފާނެ ނޫން ހެއްޔެވެ؟ އަހަންނަށް ކީއް ހެއްޔެވެ؟
ދުނިޔެއަކީ އިރު ވަށައިގެން އެނބުރޭ ގުރަހައެކެވެ. މީޒާގެ ދުނިޔެ އެނބުރެން ފެށީ ޖަނާން ވަށައިގެންނެވެ. ޖަނާން ކުރާ ކަންތަކާއި، އުޅޭ ގޮތާއި، ދާ ތަންތަން މީޒާއަށް މުހިންމުވިއެވެ. ބެލުނު ގޮތަކަށް ބަލަން ފެށިއެވެ. ޖަނާން ލައިގެން ހުންނަ އަންނައުނު ވެސް، ވީހާ ވެސް ކައިރިން ބެލުމުގެ ދަހިވެތިކަމެއް މީޒާގެ ހިތުގައި އުފެދުނެވެ. ވާ ލޯތްބެއްގެ ބޮޑުކަމަކުން ނޫނެވެ. ހިތަށް ކުރާ އަސަރެއްގެ ބޮޑުކަމަކުންނެއް ވެސް ނޫނެވެ. އަޅައިކިޔުމަށް ޓަކައެވެ. ކަމެއް ސާބިތުކުރުމަށް ޓަކައެވެ. ގިނަ މީހުން ބަލަނީ، ކުރީ ފިރިމީހާ ހިނގާ މަގަކުން ވެސް ނުހިނގައިވޭތޯއެވެ. މީޒާ ބަލަނީ ޖަނާން ހުންނަ ކޮންމެ ތަނެއްގައި ވެސް ވީހާ ވެސް ގާތުގައި ހުރެވޭތޯއެވެ. އިސާހިތަކު، މީޒާ ބޭނުންވި މަންޒަރު މީޒާގެ ލޯކުރިމަތީގައި ތަމުސީލުވާން ފެށިއެވެ.
މީޒާޔާ އިނދެގެން އުޅުނު އިރު ޖަނާން ކޮންމެ ތާކަށް ދިޔަސް ހުންނަނީ ނަލަކޮށެވެ. އަންނައުނުގެ ވައްތަރުތަކާއި، ކުލަ ދިމާކުރުމާއި، ރީތިކަން ވެސް އެހެން މީހުންގެ ލޮލުގައި އަޅައިގަނެއެވެ. ގަމީސް ޓީޝާޓާއި، ޖިންސު ފަޓުލޫނުގެ ނަލަކަން ވެސް ވަކި މިންގަނޑެއްގައި މީޒާ ހިފާއްޓައެވެ. ޖަނާން ކިތަންމެ އަވަހަށް ތަނަކަށް ދާން ބޭނުންވިޔަސް، އިސްތިރިކޮށްގެން ނޫނީ އަންނައުނެއް ނުލެވޭނެއެވެ. ރޮނގުދެމި ފަޓުލޫނަކާ އެކުގައި ރޮނގުދެމި ނުވަތަ ޑިޒައިނެއް ހުރި ގަމީހެއް ނުލެވޭނެއެވެ. އެއް ފަހަރު ލުމަށް ފަހު އަންނައުނު ބަދަލުކުރަން ޖެހޭނެއެވެ. އެއީ މީޒާ ގެންގުޅޭ އުސޫލުތަކެކެވެ. ދެ ކުދިން ގޮވައިގެން އުޅެމުން ވެސް، ޖަނާންގެ ކަންކަން ކުރީ މީޒާއެވެ. އަމިއްލަ ދެ އަތުންނެވެ. އޯގާތެރިކަމާއި ލޯތްބާ އެކުގައެވެ. ޖަނާން އަލަމާރި ހުޅުވައިލާ އިރު އަންނައުނު ހުންނާނީ، ލާންވާ ތަރުތީބުން އެއްތަންކޮށް، އަތުރައިފައެވެ. އެ ކަމާ ޖަނާން ވިސްނާކަށް ނުޖެހޭނެއެވެ. ޖަނާންގެ ހެދުންއެޅުމަށް އެކުވެރިން ތައުރީފުކުރުމަކީ އާންމުކަމެކެވެ.
މީޒާއަށް ވުރެ ހާސް ބައި ރީތި އަންހެނެއް ޖަނާނަށް ލިބުނެވެ. އެ ހިތްހަމަޖެހުން ޖަނާން ހޯދިއެވެ. އެކަމަކު، ޖަނާންގެ ކުލަ މަޑުމަޑުން ފަނޑުވާން ފެށިއެވެ. ބައެއް ފަހަރު ޖަނާން ފެންނަ އިރު އެއީ ޖަނާން ތޯ ދެ ފަހަރަށް މީޒާ ކަށަވަރުކުރަން ޖެހެއެވެ. ޖަނާންގެ އަންނައުނަކުން ރުލެއް ނުފިލައެވެ. ލަކެއް ނުފިލައެވެ. ހެދުންއެޅުމުގެ ވައްޓަފާޅި ގެއްލިއްޖެއެވެ. އެހެން މީހުންގެ ލޮލުގައި އެ ކަން އަޅައިނުގަތަސް މީޒާގެ ލޮލަށް ތަދުވާން ފެށިއެވެ. ހަގީގަތުގައި މީޒާ ވާންޖެހޭނީ އުފަލެވެ. ވީ ދެރައެވެ. މީޒާގެ ފިރިއެއް ގޮތުގައި ހުރި ނަމަ ޖަނާނަށް އެ ދުވަސް ދެކޭކަށް ނުޖެހުނީހެވެ. އެހެންޏާ ޖަނާން ފެންނަ އިރު ޖަނާންގެ މޫނުމަތިން ފެންނަ ތާޒާކަށް ވެސް ގެއްލުނެވެ. ހަމަ އެހެންމެ، އިންސްޓަގްރާމުގައި ކުރިން ހުރި މެހެރީނާއި ޖަނާންގެ ފޮޓޯތައް ވެސް ގެއްލުނެވެ. އާ ފޮޓޯއެއް ނުހުރެއެވެ. މީޒާޔާ ދިމާއަށް ޖަނާން ބަލައިލާ އިރު ހީވަނީ ޖަނާނަކީ ކުށްވެރިއެއްހެންނެވެ. ޖަނާންގެ ލޮލުން އެތައް ވާހަކައެއް މީޒާއަށް ކިޔައިދޭހެން މީޒާއަށް ހީވާން ފެށިއެވެ. މީޒާ ހިތަށްއެރިއެވެ. އެ މީހަކު އުޅޭނެ ގޮތަކަށް އެ މީހަކު އުޅެފާނެ ނޫން ހެއްޔެވެ؟ އަހަންނަށް ކީއް ހެއްޔެވެ؟
ރޭގަނޑެއްގެ ވަރަށް ދަން ވަގުތެކެވެ. ދެ ކުދިން ތިބީ ނިދައިފައެވެ. އެހެނަސް، ޖަނާނާ ދޭތެރޭގައި މީޒާއަށް ވިސްނޭ ވަރުން އެ ރޭ ނިންޖެއް ނައެވެ. ވިސްނާކަށް ބޭނުމެއް ނޫނެވެ. ނުވިސްނަން ކުރެވޭނެ ކަމެއް ނެތެވެ. ދެން އިވުނީ ފޯނަށް މެސެޖެއް އައި އަޑެވެ.
"ފްރީވީމަ ގުޅާލަފާނަން؟" ޖަނާން ލިޔެފައި އޮތެވެ. "ޕްލީޒް!"
ނުނިމޭ