13 މާޗް 2022 - 06:25

ބަޔަކު ހަމަލާ ދިން ކަމަށް ބުނެ ފުލުހުންނަށް ދޮގު ބަޔާން ދިން މައްސަލައެއްގައި، ފޮކްސްގެ މަޝްހޫރު ޓީވީ ސީރީސް "އެމްޕަޔާ" އިން މަގުބޫލުކަން ހޯދި ތަރި ޖަސީ ސްމޮލެޓްް އެންމެ ފަހުން ޖަލަށްލާން ހުކުމް ކޮށްފި އެވެ.
ޖުމުލަ ފަސް ސީޒަން ދައްކާފައިވާ އެމްޕަޔާގައި ޖަމާލް ލިއޯން ނަމަކަށް ކިޔާ ކެރެކްޓަރެއް ކުޅެފައިވާ ޖަސީގެ މައްސަލަ ފެންމަތިވީ ޝޯ ގެ ފަހު ސީޒަނާ ދިމާކޮށް 2019 ވަނަ އަހަރުގަ އެވެ. އެ އާއެކު އޭނާ ވަނީ ޝޯގެ ފަހު ސީޒަނުން ވެސް ވަކި ކޮށްފަ އެވެ.
އެ މައްސަލަ ބަލަމުން ގެންދާތާ ތިން އަހަރު ވެފައިވާއިރު، އެންމެ ފަހުން ކޯޓުން ހުކުމް އިއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އޭނާ އަށް އިއްވީ 150 ދުވަހުގެ ޖަލު ހުކުމެކެވެ. ޖަލު ހުކުމުގެ އިތުރުން 30 މަހުގެ ޕްރޮބޭޝަނެއް ހަމަކޮށް އަދި 145،000 އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ކޯޓުން ކަނޑައެޅި އެވެ.
ޖަސީ ފުލުހުންނަށް ދީފައިވާ ދޮގު ބަޔާނުގައި ބުނެފައިވަނީ ޖެނުއަރީ 2019 ގައި ޝިކާގޯގައި މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އޭނާއާ ނަސްލީ ގޮތުން ދިމާކޮށްލައި، ކަޅު މީހަކަށް ވާތީ ހަމަލާ ދީފައިވާ ކަމަށެވެ. އެ ހާދިސާގައި ކަރުގައި ވާ ފަށެއް އައްސައި ނޭވާ ހާސްކޮށް، ގަޔަށް ކެމިކަލެއް އަޅަން ހަމަލާދިން މީހުން މަސައްކަތް ކުރި ކަމަށް ވެސް ބުނެފައިވެ އެވެ.