13 މާޗް 2022 - 00:47

މެންޗެސްޓާ (މާޗް 13) - ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައި ވާދަވެރި މެޗުތަކުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމާ އެކު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ޓޮޓެންހަމް ކޮޅަށް ހެޓްރިކް ހަދައި، 3-2 އިން މެންޗެސްޓާ ޔުނައިޓެޑް މިރޭ މޮޅުކޮށްދީފި އެވެ.

އަނިޔާގެ ސަބަބުން އެންމެ ފަހުން ލީގުގައި ޔުނައިޓެޑް ކުޅުނު މެންޗެސްޓާ ޑާބީ ރޮނާލްޑޯ އަށް ގެއްލުނު ނަމަވެސް މިރޭ ފުރަތަމަ 11 ގައި ކުޅެ އޭނާ ވަނީ މެޗުގެ 12 ވަނަ މިނިޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލު މަތީ ކަނަށް ވައްދާލައިގެން ރޮނާލްޑޯ ވަނީ، ޗެކްރިޕަބްލިކްގެ ޖޯސެފް ބިކާން 805 ލަނޑު ޖަހައިގެން ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފަ އެވެ.
ޔުނައިޓެޑްގެ ލަނޑަށް ފަހު ޓޮޓެންހަމުން އެއްވަރުކުރީ 35 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން އެވެ. ކޭން ވެސް ވަނީ އޭނާގެ މި ލަނޑާ އެކު ޕްރިމިއާ ލީގުގެ ތާރީހުގައި ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖަހައިފައިވާ ޗެލްސީގެ ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑާ އެއްވަރު ކޮށްފަ އެވެ. އޭގެ ކުރިން ކޯނަރަކުން ލިބުނު ބޯޅައެއް ޓޮޓެންހަމްގެ އެރިކް ޑަޔާ ބޮލުން ފޮނުވާލުމުން ގޯލު ކަނަށް ވަންނަން ދަނިކޮށް ލައިން މަތިން ދިފާއު ކުރީ ޔުނައިޓެޑްގެ ޑިފެންޑަރު ޑިއޯގޯ ޑަލޯ އެވެ.
ކޭން، ޓޮޓެންހަމަށް އެއްވަރު ކޮށްދިންތާ ތިން މިނިޓް ފަހުން ޔުނައިޓެޑުން ދެވަނަ ފަހަރަށް ލީޑު ނެގީ ރޮނާލްޑޯގެ ތާރީހީ ގޯލުންނެވެ. ޖޭޑަން ސަންޗޯ ހުސްކޮށްލާފައި ރޮނާލްޑޯ އަށް ދިން ބޯޅަ ގޯލަށް ފޮނުވާލައިގެން ރޮނާލްޑޯ ވަނީ ކުލަބާއި ގައުމަށް 806 ލަނޑު ޖަހައި، ފުޓުބޯޅަައިގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.
ޓޮޓެންހަމުން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރީ މެޗުގެ 72 ވަނަ މިނިޓުގަ އެވެ. އެޓީމުގެ ސާޖިއޯ ރެގިލޯން ގޯލު ކުރިމައްޗަށް ތިރިތިރިން ހުރަސްކޮށްލި ބޯޅަ ކީޕަރު ޑޭވިޑް ޑެހެއާ ބޯ މަތިން ގޯލު ތެރަށް އޮއްސުނީ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ފައިގައި ޖެހިފަ އެވެ.
އޭގެ އިރުކޮޅެއް ފަހުން ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާއެއް ޓޮޓެންހަމްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ ގޯލުގެ ތިރީ ކަނާ ދިމާލުން ދިފާއުކޮށް ބޯޅަ ބޭރު ކޮށްލައިފަ އެވެ. ނަމަވެސް 81 ވަނަ މިނިޓުގައި އެލެކްސް ޓެލެސް ނެގި ކޯނަރަކުން ބޮލުން ޖަހައި ރޮނާލްޑޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ކެރިއަރުގެ 807 ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ އޭނާގެ ކެރިއަރުގެ 59 ވަނަ ހެޓްރިކެވެ. އަދި 2008 ވަނަ އަހަރަށް ފަހު ރޮނާލްޑޯ ޔުނައިޓެޑުގައި ހެދި ފުރަތަމަ ހެޓްރިކެވެ.
ރޮނާލްޑޯގެ މި ލަނޑަކީ އޭނާ މެންޗެސްޓާ ޔުނައިޓެޑަށް ޖަހައިދިން 136 ވަނަ ލަނޑެވެ. ކްލަބް ކެރިއަރު ފެށި ޕޯޗުގަލްގެ ސްޕޯޓިން އަށް ފަސް ލަނޑު ޖަހައިދިންއިރު ސްޕެއިންގެ ރެއާލް މެޑްރިޑަށް ވަނީ 450 ލަނޑު ޖަހައިދީފަ އެވެ. އެންމެ ނުވަ ސީޒަނުން އޭނާ ވަނީ ރެއާލް މެޑްރިޑްގެ ތާރީހުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. މި ސީޒަނުގައި ޔުނައިޓެޑަށް ބަދަލުވީ އިޓަލީގެ ޔުވެންޓަސް އަށް 101 ލަނޑު ޖަހައިދީފަ އެވެ. ގައުމީ ޓީމަށް މިހާތަނަށް 115 ގޯލް ޖަހާފައިވާ ރޮނާލްޑޯ އަކީ ގައުމީ ޓީމަށް ވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ.
ހެޓްރިކަށް ފަހު ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ވަނީ ރޮނާލްޑޯގެ ބަދަލުގައި ޑިފެންޑަރު ވިކްޓާ ލިންޑެލޯފް ކުޅެން އަރުވައިފަ އެވެ.
ޔުނައިޓެޑް ވަނީ މި މޮޅާ އެކު 29 މެޗު ކުޅެގެން 50 ޕޮއިންޓް ހަމަކޮށްގެން ޓޭބަލްގެ ހަތަރު ވަނައަށް ޖެހިލައިފަ އެވެ. ޓޮޓެންހަމް އޮތީ 27 މެޗުން ހޯދި 45 ޕޮއިންޓާ އެކު ޓޭބަލްގެ ހަތްވަނައިގަ އެވެ.
ޓޭބަލްގެ ދެވަނައިގައި އޮތް ލިވަޕޫލް ވަނީ މިރޭ ރަށުން ބޭރުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބު ކޮށްފަ އެވެ. ލިވަޕޫލްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ޖަހައިދިނީ ލުއިސް ޑިއާޒް އެވެ. އަދި ދެވަނަ ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާހެވެ. މި ނަތީޖާއާއެކު ލިވަޕޫލް ވަނީ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ތިން ޕޮއިންޓަށް ކުޑަ ކޮށްފަ އެވެ. ދެ ޓީމު ވެސް 28 މެޗު ކުޅެފައިވާއިރު ސިޓީ އެއްވަނައިގައި އޮތީ 69 ޕޮއިންޓާ އެކު އެވެ. ލިވަޕޫލަށް ލިބިފައިވަނީ 66 ޕޮއިންޓެވެ.
ބްރެންޓްފޯޑް ވެސް ވަނީ ބާންލީއާ ކުޅެ އިވާން ޓޮނޭގެ ދެ ލަނޑުން 2-0 އިން މޮޅުވެފަ އެވެ. ފުރަތަމަ ލަނޑު 85 ވަނަ މިނިޓުގައި ޖަހައިދިނީ ކްރިސްޓިއަން އެރިކްސަން ނަގައިދިން ހުރަހަކުންނެވެ. އަދި ދެވަނަ ލަނޑު އިތުރު ވަގުތުގައި ޖެހީ ޕެނަލްޓީއަކުންނެވެ.